މުއްޔާއި ނާލާފުށި ގުޅުވާލަދޭ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށައިފި

މ. މުއްޔާއި ނާލާފުށި ގުޅައިލުމަށް އަޅައި ކޯޒްވޭގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. އެކަމަށް ޚާއްސަކޮށް، މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން، 112 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 15 މީޓަރުގެ ގްރޮއިން ޖެހުމާއި 340 މީޓަރުގެ ކޯޒްވޭއެއް ހެދުމާއި 315 މީޓަރުގެ ބްރިޖެއް ހެދުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫއުގެ ދަށުން 9825 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ވަގުތީ އެކްސަސް ބެޑްގެ ބިން ހިއްކުމާއި، 8496 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އެޕްރޯޗް މަގުގެ ބިން ހިއްކުމާއި 16,879 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ރީޓެއިނިން ވޯލް ބެކްފިލްގެ ބިން ހިއްކާނެއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ، 125.58 މިލިއަން ރުފިޔާއަށް 600 ދުވަސް ތެރޭ ނިންމާ ގޮތަށެވެ. މުލީ އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، ދެ ރަށް ގުޅުވާލުމަކީ އިގުތިޞާދީ މަސައްކަތެއް ކަމަށެވެ. އެގޮތުން، ދެ ރަށް ގުޅުވާލުމުން، ގިނަ ފައިދާތަކެއް ރައްޔިތުންނަށް ލިބޭނެ ކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މަޝްރޫއުގެ އީއައިއޭ ވެސް ހަދައި ނިމިފައިވާ ކަމަށެވެ. މަޝްރޫއުގެ މުއްދަތަކަށް 600 ދުވަސް ކަނޑައަޅާފައި އޮތް ނަމަވެސް، އެއަށް ވުރެ އަވަހަށް އެމަޝްރޫއު ނިންމާނެ ކަމަށް ޔަގީންކުރައްވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މުއްޔާއި ނާލާފުށި ކޯޒްވޭ އަކުން ގުޅާލުމަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެސް ރިޔާސީ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ