އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް މީހަކު 115،000ރ. އިން ޖޫރިމަނާކުރަން ހުކުމްކޮށްފި

މީގެ ހަތް އަހަރު ކުރިން މާލޭގެ ބޮޑުތަކުރުފާނުމަގު އިންޑަސްޓްރިއަލް ޒޯނު ކައިރިން ސައިކަލެއްގައި ޖެހިގެން މީހެއްގެ ބޮލުގެ ނާށިގަނޑު ފަޅައިގެންދިޔަ މައްސަލައެއްގައި 115،000ރ. އިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ވީކިހިނެއް؟ - މި ހާދިސާ ހިނގަނީ 26 ޖޫން 2018ގަ އެވެ. އެ އެކްސިޑެންޓް ހިނގަނީ ދެ ސައިކަލު ޖެހިގެންނެވެ. އެއިން އެއް ސައިކަލު ދުއްވަން އިން މީހާގެ ބޮލުގެ ނާށިގަނޑު ފަޅައިގެންދިޔަ އެވެ.
މި މައްސަލާގައި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އުފުލީ އަލީ މުހައްމަދު، ރަސްރީތި/ހދ. ކުޅުދުއްފުށީގެ މައްޗަށެވެ.
ތަފްސީލް - ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުން އެނގޭ ގޮތުގައި، އޭނާ ވަނީ ކުށަށް އިއުތިރާފްވެފަ އެވެ. އަދި ދައުލަތާ އެކު އިއުތިރާފް އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ.
އިއުތިރާފް އެއްބަސްވުމުގައިވަނީ އޭނާއަށް އަންނަ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރުމަށެވެ.
ކުށުގެ އަސްލު އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ. އޭގެ ބަދަލުގައި 115،200ރ. އިން ޖޫރިމަނާކޮށް ދެ އަަހަރުގެ ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ހުކުމްކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ