ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު ނަގަނީ ރާއްޖޭގައި އެންމެ މަދުން މީހުން ވޯޓުލާ ކައުންސިލް އިންތިހާބާ އެކު ކަމަށާއި، އެހެންކަމުން ދެ އިންތިހާބު އެއްކޮށްލުމަށް ނޫނެކޭ ބުނުމަށް، ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލޭ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ އިސްމާއިލް ޒަރިޔަންދު މިއަދު ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހެޅި އިސްލާހު މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.
އެ އިސްލާހު ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވިޔަސް، މިކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހެ އެވެ. އެ ވޯޓު ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ވޯޓާ އެކު ކުރިއަށް ގެންދާނެ އެވެ.
ތަފްސީލް - މަޖިލީހުން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ފާސްކުރުމާ ގުޅިގެން ޒަރިޔަންދު ސޯޝަލް މީޑިއާގައި ވިދާޅުވީ ކައުންސިލް އިންތިހާބަކީ މިހާތަނަށް ރާއްޖޭގައި އެންމެ މަދު ބަޔަކު ވޯޓުލާ އިންތިހާބު ކަމަށާއި ސަރުކާރަށް ވެސް އެކަން އެނގޭނެ ކަމަށެވެ.
ކައުންސިލް އިންތިހާބުގެ ވޯޓާ ދިމާކޮށް، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަަކަށް ދާ ގޮތަށް ރޭވުމަކީ، ޒަރިޔަންދު ތުހުމަތު ކުރައްވާ ގޮތުގައި، ރައީސްގެ މަގާމުގައި އިތުރު ދައުރުތަކަކަށް ރައީސް މުއިއްޒު ދެމިހުންނެވުމަށް ރާވާފައިވާ ރޭވުންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އޭނާ ވިދާޅުވީ މަޖިލީހުން މިއަދު ފާސްކުރި އިސްލާހު ފާސްކޮށްފައިވަނީ ރައްޔިތުންގެ ހައްގުގައި ބަސްބުނުމުގެ ފުރުސަތު މަޖިލީހުގެ މެންބަރުންނަށް ބަންދުވެފައިވާ ހާލުގައި ކަމަށެވެ.
ޒަރިޔަންދު ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތާއި މިސްރާބު އަދި ސަރުކާރުން ދައުލަތުގެ ފައިސާ އާއި ވަސީލަތް ބޭނުންކޮށްގެން ރާއްޖޭގެ ޑިމޮކްރެޓިކް އަދި އިދާރީ އިންތިޒާމު ގަޑުބަޑުކޮށް، ރައްޔިތުން އަޅުވެތިކުރުމުގެ ރޭވުންތެރި ނިޔަތެއް އެބަތޮތް ކަމަށެވެ.
"މި އިސްލާހަށް ނޫނެކޭ ބުނުމަކީ މި ރާއްޖެ ހުދުމުހުތާރު ވެރިކަމަކުން ސަލާމަތްކުރުމަށް ރައްޔިތުންނަށް ލިބޭ އެންމެ ފަހުގެ ފުރުސަތެވެ،" އޭނާ ވިދާޅުވި އެވެ.
"އެހެންކަމުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ އެކު އޮންނަ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ރާއްޖޭގެ ރައްޔިތުން އަދި ހާއްސަކޮށް މާލޭގެ ރައްޔިތުންގެ ތެރެއިން ވީހާ ވެސް ގިނަ ބޭފުޅުން ވޯޓުގައި ބައިވެރިވެ ނޫނެކޭ ބުނުން މުހިންމު" ކަމަށް ވެސް ޒަރިޔަންދު ވިދާޅުވި އެވެ.
ކައުންސިލަކީ އެންމެ މަދުން ވޯޓުލާ އިންތިހާބު؛ 2 އިންތިހާބު އެއްކުރަން ނޫނެކޭ ބުނަންޖެހޭ: ޒަރިޔަންދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ