ފެންނަ ނުފެންނަ ވޯޓު: އިދިކޮޅު ޕާޓީއާއި ވެރިކަންކުރާ ޕާޓީއަށް މިޑް ޓާމް އިލެކްޝަނެއް!
އަންނަ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލް އިންތިޚާބާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓަކީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގައި ވަރަށް މުހިންމު ނިންމުމެއް ނިންމިގެންދާނެ ތާރީޚީ ވޯޓެކެވެ. މި ވޯޓަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ޤާނޫނުއަސާސީއަށް ގެންނަ އަށް ވަނަ އިސްލާޙު ތަސްދީޤުކުރުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގޭ ވޯޓެކެވެ. ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައްޔިތުންގެ މަޖިލީހުން މިފަދަ ވޯޓެއް ނެގުމަށް ޤަރާރަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން، 45 ދުވަހާއި 90 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އެ ވޯޓު ނަގަން ޖެހެއެވެ. މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފެބްރުއަރީ 16 ވަނަ ދުވަހު ވަނީ ޤަރާރެއް ނެރުއްވައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފައެވެ. މި ވޯޓުގައި ރައްޔިތުންނާ ކުރިމަތިކުރުވާނެ ސުވާލަކީ، މި ދެ އިންތިޚާބު އެކުގައި ބޭއްވުމަށާއި މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް މަޖިލީހުން ފާސް ކޮށްފައިވާ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމަށް ފެނޭތޯއެވެ. ރައްޔިތުންގެ މަޖިލިހުގެ ދައުރުކުރުކޮށް އަދި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުން ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމަށް އަތުވެދާނެ ބޮޑު ބަދަލާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކުގެ މެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުންތައް އުފެދި، ބަހުސްތައް ހޫނުވެފައެވެ. މި އިންތިޚާބުގައި، ވެރިކަންކުރާ ޕީއެންސީއިން ފުރިހަމައަށް ތާއީދުކުރަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށެވެ. އޭގެ އިތުރުން ރާއްޖޭގެ ސިޔާސީ މައިދާނުގައި މިވަގުތު މާބޮޑު ދައުރެއް އަދި ތާއީދެއް ނެތް ބައެއް ކުދި ޕާޓީތަކުންވެސް ވަނީ މި ބަދަލަށް ތާއީދުކޮށްފައެވެ. އާ ގާނޫނު އަސާސީން ބަލައިގެންފައިވާ އިންތިޚާބީ ނިޒާމަށް މި ބޮޑު ބަދަލު ގެނައުމަށް ސަރުކާރުން ދައްކާ މައިގަނޑު ޙުއްޖަތަކީ، ވަކިވަކިން އިންތިޚާބުތައް ބޭއްވުމުގެ ބަދަލުގައި ދެ އިންތިޚާބު އެއްކޮށްލުމުން ދައުލަތުގެ ބަޖެޓުން އިންތިޚާބުތަކަށް ކުރަންޖެހޭ ޚަރަދުތައް ވަރަށް ބޮޑުތަނުން ކުޑަވެގެން ދިއުމެވެ. އޭގެ އިތުރުން، އިންތިޚާބުތަކާ ގުޅިގެން މުޖުތަމަޢުގައި އުފެދޭ ސިޔާސީ ބައިބައިވުންތަކާއި، ވާދަވެރިކަމާއި، ހަމަނުޖެހުންތައް މަދުވެ، ޤައުމަށް އިތުރު އިޖުތިމާޢީ އަދި ސިޔާސީ ހަމަޖެހުން އަންނާނެކަމަށްވެސް ސަރުކާރުން ވަކާލާތުކުރެއެވެ. ރައީސް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ތެރެއިން: ތެލުގެ އަގު އުފުލޭއިރު، އިގުތިސާދަށް ވުރެ ރައީސް ސަމާލުކަން ދެއްވަނީ ''ބާރުތައް އެއްކުރާ'' ވޯޓަށް ކަމަށް އެމްޑީޕީން ތުހުމަތު ކުރޭ -- ފޮޓޯ/ ޕީއެންސީ ކެމްޕޭން އެހެންނަމަވެސް، މައި އިދިކޮޅު ޕާޓީ، އެމްޑީޕީ އިން އިންތިޚާބީ ނިޒާމަށް ގެނެވޭ މި ބަދަލާ ފާޅުކަންބޮޑު ގޮތެއްގައި ދެކޮޅުހަދައެވެ. އަދި އެޕާޓީން ގެންދަނީ މި ރެފަރެންޑަމާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއްވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދަމުންނެވެ. އެމްޑީޕީން ދެކޭގޮތުގައި އިންތިޚާބުތައް އެއްކޮށްލުމަކީ ޑިމޮކްރެޓިކް އުސޫލުތަކާ ބީރައްޓެހި، އަދި ރައްޔިތުންނަށް އޭގެ ސަބަބުން ގެއްލުންހުރި ނުރަނގަޅު ބަދަލެކެވެ. އެ ޕާޓީން ފާހަގަކުރާ ގޮތުގައި، ވަކިވަކިން ދެ އިންތިޚާބު ބޭއްވުމުން، ރައްޔިތުން އިންތިޚާބުކުރާ ވެރިން ރައްޔިތުންގެ ގާތަށް ދާން މަޖުބޫރު ވުމުގެ އިތުރުން، އޭގެ ނަތީޖާއެއްގެ ގޮތުން ސިޔާސީ ފަރާތްތައް ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިވެގެން ދެއެވެ. އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމުން އެ ފުރުޞަތު ހަނިވެގެންދާ ކަމަށް އެ ޕާޓީން ދެކެއެވެ. މީގެ އިތުރުން، ޚަރަދު ކުޑަކުރުމުގެ ނަމުގައި ގެންނަ މި ބަދަލުގެ ނަތީޖާއަކަށް ވާނީ، ވެރިކަމުގެ ނިޒާމު އިތުރަށް ޚުދުމުޚުތާރުވުމަށް މަގުފަހިކުރުވުން ކަމަށްވެސް އެ ޕާޓީން ބުނެއެވެ. ހަމަ އެއާއެކު މި ރެފަރެންޑަމާއި ގުޅޭގޮތުން އެމްޑީޕީން ކުރަމުންދާ އެންމެ ބޮޑު ތުހުމަތަކީ، މި ވޯޓުގެ ފަހަތުގައި އޮތް އަސްލު ސިއްރު ރޭވުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ދައުރު ދިގުދަންމާލުމެވެ. ދެހާސް އަށް ވަނަ އަހަރު ވުޖޫދުވި ފެހި ގާނޫނު އަސާސީން ގެނައި ޒަމާނީ އިންތިޚާބީ ނިޒާމަށް 20 އަހަރު ނުފުރެނީސް އެ ނިޒާމަށް ގެންނަ މި ބޮޑު ބަދަލާމެދު ފުންކޮށް ވިސްނާ ފިކުރު ހިންގާލުމުން ފާހަގަވާން އޮތް ކަމަކީ މި ފެންނަ ނުފެންނަ ވޯޓަކީ ހަމައެކަނި ޤާނޫނުއަސާސީއަށް ގެންނަ އިސްލާޙަކާމެދު ގޮތް ނިންމުމަށްވުރެ މާ ފުޅާ ދާއިރާއެއްގައި ސިޔާސީ މާނަތަކެއް އެކުލެވޭ ވޯޓެއްކަމެވެ. އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ: ވިދާޅުވީ މިއީ ވޯޓުލާްން ލިބޭ ފަހު ފުރުސަތަށް ވެދާނެ ކަމަށް --- ފޮޓޯ: އެމްޑީޕީ އެގޮތުން މިއީ އިންތިޚާބީ ނިޒާމަށް ބޮޑު ބަދަލެއް ގެނުވާނެ އިންތިޚާބަކަށް ވާއިރު، މި އިންތިޚާބު ހަގީގަތުގައި ސިފަކުރާން ޖެހެނީ، މިއީ މި ސަރުކާރުގެ ރިޔާސީ ދަތުރުގެ މެދަކާ ހަމައިން ބޭއްވިގެންދާ މިޑްޓާމް އިލެކްޝަނެއްގެ ގޮތުގައެވެ. އަދި ރައްޔިތުންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ހާސިލްކޮށްފައިވާ ކާމިޔާބީތަކުގެ މައްޗަށާއި، އިދިކޮޅު އެމްޑީޕީން މި ސަރުކާރު ޒިންމާދާރުކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ރައްޔިތުން ފައިސަލާކުރާނެ އިންތިޚާބެއްގެ ގޮތުގައެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ މި އިންތިޚާބު ވަޒަންކުރާން ޖެހެނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން "އާއެކޭ" ނުވަތަ "ނޫނެކޭ" ބުނެ، މި ސަރުކާރުގެ ކާމިޔާބީއާއި ނާކާމިޔާބީ ވަޒަންކުރާނެ މިންގަނޑެއްގެ ގޮތުގައެވެ. އެހެންކަމުން، މިއީ އިދިކޮޅު އެމްޑީޕީއަށް އޮތް އިމްތިޙާނަކަށްވުރެ ބޮޑަށް، ވެރިކަންކުރާ ޕީއެންސީއަށް ކުރިމަތިލާންޖެހޭ ވަރަށް ބޮޑު ސިޔާސީ އިމްތިޙާނެކެވެ. ސަރުކާރުގެ އަތުގައި ދައުލަތުގެ ވަސީލަތްތަކާއި، ފައިސާއާއި، ވަޒީފާގެ ނުފޫޒު ފަދަ އެތައް ސިޔާސީ ބާރުތަކެއް އޮވެމެ، މި ވޯޓުން ސަރުކާރު ބަލިވެއްޖެނަމަ، އެ ނަތީޖާ ވެގެންދާނީ ސިޔާސީ ގޮތުން މި ސަރުކާރަށް ލިބިގެންދާނެ ވަރަށްވެސް ބޮޑު ނާކާމިޔާބީއަކަށެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އެފަދަ ޙާލަތެއްގައި އެ ނަތީޖާ މޭރުން ކުރެވިގެންދާނީ ސަރުކާރުގެ ސިޔާސަތުތައް ކަންފަތިވެ، ރައްޔިތުންގެ ތާއީދު ގެއްލި ދިއުމުގެ ހިތި ނަތީޖާގެ ގޮތުގައެވެ. އެހެންނަމަވެސް، އޭގެ އަނެއްކޮޅަށް ބަލާއިރު، މި އާންމު ރެފަރެންޑަމް ސަރުކާރަށް ކާމިޔާބު ކުރެވިއްޖެނަމަ، އޭގެ ނަތީޖާ މުޅިން ތަފާތުވާނެއެވެ. އެ ޙާލަތުގައި ސަރުކާރުގެ ސިޔާސީ ބާރުވެރިކަން އިތުރަށް ކަށަވަރުވެ، ސިޔާސީ ގޮތުން އިތުރު އެތައް މޭލަކަށް ކުރު މުއްދަތެއްގައި ދަތުރުކުރުމުގެ މަގު ފަހިވެގެންދާނެއެވެ. ރައްޔިތުންގެ ތާއީދު ސަރުކާރަށް އޮތްކަން ވޯޓުން ސާބިތުވީއެވެ. މި ސަރުކާރުގެ ސިޔާސަތުތަކާއި ވައުދުތައް ތަންފީޒުކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ. ހަމަ އެއާއެކު، އޭގެ ނަތީޖާއެއްގެ ގޮތުން އިދިކޮޅު ފަރާތްތަކަށް، ޚާއްޞަކޮށް އެމްޑީޕީއަށް، ކުރިއަށް އޮތް ތަނުގައި އިތުރު ގޮންޖެހުންތަކާ ކުރިމަތިލާންޖެހި، ސިޔާސީ އެތައް ޕްރެޝަރަކާ އެ ޕާޓީއަށް ކުރިމަތިލާން ޖެހޭނެއެވެ. ޕާޓީގެ އެތެރޭގަ އޮތް ފެކްޝަންތަކުގެ ތަޅާފޮޅުން އިތުރަށް ހޫނުވެ، ބޮޑު އިންތިޚާބަކުން ޕާޓީ ބަލިވާން މެދުވެރިވީ ސަބަބުތަކާމެދު އެތައް ބަހުސެއް އުފެދިގެން ދާނެއެވެ. އެހެންކަމުން، ހޮނިހިރު ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓަކީ ހަމައެކަނި އިންތިޚާބުތައް ބާއްވާނެ ދުވަހެއް ކަނޑައެޅުމަށްވުރެ މާ މުހިންމު ވޯޓެކެވެ. އެއީ ދިވެހިރާއްޖޭގެ މުސްތަޤުބަލުގެ ސިޔާސީ މަސްރަޙު ބައްޓަންވެގެންދާނެ ގޮތުގެ ޗާޓު އަލުން ކުރަހާ ދޭނެ އިންތިޚާބަކަށް ވެގެންދާނެއެވެ. އެ އިންތިޚާބު ވެގެންދާނީ މި ސަރުކާރުގެ ޕާފޯމަންސް މިންކޮށްދޭނެ މިޑް ޓާމް އިލެކްޝަނަކަށެވެ. އިދިކޮޅު ޕާޓީއާއި ވެރިކަންކުރާ ޕީއެންސީއާދެމެދު ފައިސަލާ ކުރުމަށް ރައްޔިތުންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ