ރާއްޖޭގެ މިފަހުގެ މާލީ ތާރީހުގައި އަންނާނެ އެންމެ ބޮޑު ދުވަހަކީ 8 އެޕްރީލް، އަންނަ ބުދަ ދުވަހެވެ. އެއީ ރާއްޖެއިން މިހާތަނަށް އެއްފަހަރާ ދައްކަން ޖެހޭ އެންމެ ބޮޑު ދަރަނި ކަމަށްވާ 500 މިލިއަން ޑޮލަރުގެ ސްކޫކް އަނބުރާ ދައްކަން ޖެހޭ ދުވަހެވެ. އެ ސްކޫކަށް ރާއްޖެއިން އަނބުރާ ދައްކަން ޖެހެނީ 525 މިލިއަން ޑޮލަރެވެ.
މިހާރު ސުވާލަކީ އެ ދުވަހު ރާއްޖެއަށް އެ ދަރަނި ދެއްކޭނެ ހެއްޔެވެ؟
"ޝައްކެއް ނެތް މެނޭޖްކުރެވޭނެ. ސްކޫކް ދެއްކުމުގައި ތާއްޓެއް ނެތް. އެ ޔަގީންކަން އެބަ އޮތް،" ސްކޫކް ދެއްކޭނެތޯ ސަރުކާރުގެ މާލީ ދާއިރާގެ އިސް އޮފިޝަލަކާ ސުވާލުކުރުމުން ވިދާޅުވި އެވެ.
އެ ސުވާލު އުފައްދަން ޖެހޭ އެންމެ ބޮޑު ސަބަބަކީ ރާއްޖެއަށް މި ސްކޫކް ނުދެއްކިއްޖެ ނަމަ، މިއީ އިސްލާމިކް ފައިނޭންސިންގެ ސްކޫކެއް މިގޮތަށް ނުދެއްކި، ދުނިޔޭގެ މާލީ ބާޒާރުގައި ޑީފޯލްޓްވާ ފުރަތަމަ ފަހަރަށް ވާނެތީ އެވެ. ދުނިޔޭގެ މާލީ ބާޒާރުގައި އިސްލާމިކް ފައިނޭންސިންގެ އާލާތްތަކަށް މުސްތަގުބަލުގައި އިންވެސްޓަރުން ކުރާ އިރުބާރު ދެމެހެއްޓުމަށް ވެސް މި ސްކޫކް ދެއްކުމަށް މަޖުބޫރުވެ އެވެ.
މި ސްކޫކް ނުދެއްކިއްޖެ ނަމަ ރާއްޖޭގެ އިގްތިސާދަށް ދިގުދެމިގެންދާ ހަނަފަސްކަމެއް އަންނާނެ އެވެ. ތުރާލާއި ވޭން އާންމުންނަށް ބޮޑުވާނެ އެވެ.
"ހުރިހާ ތައްޔާރީތަކެއް ހުރީވެ ނިމިފައި. މިވަގުތަށް ވަރަށް ބޮޑު ކަމެއް ކާމިޔާބެއް މިއީ ރާއްޖެއަށް ހޯދޭ،" ކުރިން ވެސް ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.
"ހާއްސަކޮށް އާމްދަނީ ސިޔާސަތުތަކަށް ބަދަލު ގެނެސްގެން މިކަން ކުރެވުން ކާމިޔާބީއަކީ."
އެމްއެމްއޭގެ އެންމެ ފަހުގެ ވިކުރާ ފޮތް ނުވަތަ ބެލެންސް ޝީޓުން ދައްކާ ގޮތުން، 26 ފެބުރުއަރީއާ ހަމައަށް ސަރުކާރުގެ އެކައުންޓުތަކުގައި ބޭރު ފައިސާއިން ހުރި އަދަދު ވަނީ 305 މިލިއަން ޑޮލަރަށް އަރައިފަ އެވެ. މިއީ ސޮވަރިން ޑިވަލޮޕްމަންޓް ފަންޑް (އެސްޑީއެފް) ހިމަނައިގެންނެވެ. އެ އަދަދު މިދިޔަ ތިން މަސް ތެރޭ ރެކޯޑް އަދަދަކަށް ވަނީ މައްޗަށް ޖެހިފައި ކަމަށް، ބެލެންސް ޝީޓްގެ ހިސާބުތަކުން ދައްކަ އެވެ.
އެ އަބަދަލު އައި ސަބަބެއް ކަމަށް ދައްކަނީ ސްކޫކް ދެއްކުމަށް ތައްޔާރުވުމަށް ސަރުކާރުން އެސްޑީއެފްގައި ޑޮލަރުން ފައިސާ ބަހައްޓާ އަދަދު އިތުކޮށްފައި ވުމެވެ. އެސްޑީއެފްގެ އަދަދު ސަރުކާރުން އިތުރުކުރީ ތިން ގޮތަކަށް ކަމަށް ބެލެވެ އެވެ. އެއީ:
އެ ފަންޑުން ކުރިންކޮށްފައި ހުރި އިންވެސްޓްމަންޓުތަކުގެ ފައިސާ އަނބުރާ ހޯދައި ޖަމާކުރުން
ޓޫރިސްޓުން އަންނަ އަދަދު އިތުރުވެ، ދައުލަތަށް ލިބުނު ބޭރު ފައިސާގެ އާމްދަނީ އިތުރުވެފައިވުން
ސަރުކާރުން ސްކޫކް ދެއްކުމަށް ލޯނެއް ނެގުން ނުވަތަ ރީފައިނޭންސިންއަށް ދަރަންޏަށް ބޭރުން ފައިސާ ނެގުން ނުވަތަ ބޭރު ފައިސާ ހުރި ބީއެމްއެލް ނުވަތަ އެމްއޭސީއެލް ފަދަ ކުންފުންޏަކަށް ޑޮލަރު ބޮންޑެއް ވިއްކައިގެން
"ސަރުކާރުން ސްކޫކް ދައްކަން ތައްޔާރުވަމުން އަންނަކަމުގެ އިންޑިކޭޝަން ވަރަށް ރަނގަޅަށް ހިސާބުތަކުން އެބަހުރި ފެންނަން މިއަހަރު ފެށުނީއްސުރެ. ޑޮލަރު އެއްކުރަމުން ގޮސްފައި އެހުރީ،" އިގްތިސާދީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.
އެމްއެމްއޭން އެންމެ ފަހުން އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުން، ފެބުރުއަރީ މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 1.3 ބިލިއަން ޑޮލަރެވެ. ޖުމްލަ ރިޒާވް ހިސާބުކުރަނީ ކުރު މުއްދަތުގައި ދައްކަން ޖެހޭ ދަރަނި ވެސް ހިމަނައިގެން އަދި އެސްޑީއެފްގައި ވަގުތުން ބޭނުންކުރެވޭ ގޮތަށް ހުންނަ އަދަދު ވެސް ހިމަނައިގެންނެވެ.
'ދައުުރު'ން އެދިގެން މާލީ އިދާރާތަކުން ދިން ހިސާބުތަކަށް ބަލާއިރު ސްކޫކް ދައްކާ ދުވަހު:
ރިޒާވްގައި 1.4 ބިލިއަން ޑޮލަރު ހުންނާނެ ކަމަށް ލަފާކުރެވޭ
ސަބަބަކީ މިދިޔަ ދެ މަހު ބޭރު ފައިސާގެ އާމްދަނީ އިތުރުވެ، 220 މިލިއަނެއްހާ ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިފައި ވާތީ
ސްކޫކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ފަހު ވެސް، މި މަސް ތެރޭގައި ރިޒާވްގައި 875 މިލިއަން ޑޮލަރު ހުންނާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް، މިއަހަރު އަދި ބާކީ މިއޮތް ދުވަސްތަކުގައި ބޭރުގެ ފަރާތްތަކަށް ދަރަނި ހަލާސްކުރުމަށް 125 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ. ތެޔޮ އެތެރެކުރަން ހިނގާ ހަރަދާއި އަސާސީ އެހެން ވެސް ކާބޯތަކެތި ގެނައުމަށް ހިނގާ ހަރަދު ބޮޑުވުމުން ރިޒާވްއަށް ހީނަރުކަމެއް މި އަހަރު ތެރޭ އަންނާނެ ކަމަށް ބެލެވެ އެވެ.
އެކަން ފޫބައްދަން އިންޑިއާގެ މަރުކަޒީ ބޭންކް، އާރުބީއައިއާ އެކު އެމްއެމްއޭން ހަދާފައިވާ ކަރަންސީ ސްވޮޕް ދެއްކުމުގެ މުއްދަތު އިތުރުކޮށް، އެ ފެސިލިޓީ އެއްކޮށް ބޭނުން ކުރަން ޖެހުމުގެ ފުރުސަތު ބޮޑެވެ.
ރިޒާވްއަށް އެއްކުރެވިފައި ހުރި އެއްޗެއް ބޭނުންކޮށްގެން ސްކޫކް ދެއްކުން ނޫން ގޮތެއް މިވަގުތަކު ނެތެވެ. ތެޔޮ ގެންނަން ބޭނުންކުރާ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)ގެ 175 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ ނުވަތަ ލޯން ދެމެހެއްޓުމަށް ވެސް އެކަން ކުރަން ޖެހެ އެވެ.
ރިޒާވުން ސްކޫކް ދެއްކުމާ އެކު ދެން ސަރުކާރުން ސަމާލުކަން ދޭންވީ:
ޑޮލަރު ބޭރުވުން މަދުކުރުން: ޗުއްޓީއަށް ބޭރަށް ދާ ފަރާތްތަކަށް ބީއެމްއެލްއިން ޑޮލަރު ދިނުން ފަދަ ކަންކަން ކުރުން މިވަގުތަށް ހުއްޓާލައި އަސާސީ މުދާ ގެނައުމަށް ޑޮލަރު އިގްތިސާދުކުރުން. އަދި ތަކެތި އިމްޕޯޓް ކުރަން ބޭންކް ރޭޓުން ވީ އެންމެ ގިނައިން ޑޮލަރު ވިޔަފާރިވެރިންނަށް ލިބޭނޭ އިންތިޒާމް ހަމަޖައްސަން ޖެހޭ.
ހަރަދު ކުޑަކުރުން: ވަރަށް ހާއްސަ މަދު ގައުމީ ބޮޑެތި މަޝްރޫއުތައް ފިޔަވާ އެހެން މަޝްރޫއުތައް މިވަގުތަށް ހިންގުން މަޑުޖައްސާލުން. އެންމެ ގިނަވެގެން ވެސް 100 މަޝްރޫއަށް ވުރެ ގިނައިން ނުހިންގުން. އަދި އާ މަޝްރޫއުތައް ނުފެށުން.
ޓޫރިޒަމް ނުހުއްޓޭނެ ގޮތްތަކެއް ހޯދުން: ރާއްޖޭގެ އިގްތިސާދު ހިނގަހިނގާ ހުރުމަށް އަދި ގިނަ ބައެއްގެ ވަޒީފާތައް ހިފެހެއްޓުމަށް ޓޫރިޒަމް ނުހުއްޓި ހިނގަހިނގާ ހުންނާނެ ގޮތެއް ހޯދަން ޖެހޭ. ހާއްސަކޮށް ރިސޯޓްތައް ހިންގުމަށް ބޭނުންވާ ތެޔޮ ލިބޭނޭ އިންތިޒާމްތައް ހަމަޖެއްސުމަށް ސަމާލުކަން ދޭން ޖެހޭ.
މީގެ އިތުރަށް ކުރިއަށް އޮތީ މަސްވެރިކަން ރަނގަޅުވާނޭ ދުވަސްވަރަކަށް ވާތީ ކޮންމެވެސް ހިފެހެއްްޓުންތަކެއްގެ ދަށުން މަސްވެރިންނަށް ވިއްކާ ތެލަށް ސަބްސިޑީއެއް ދީފައި ބެހެއްޓުން ރަނގަޅެވެ. އޭރުން އިގްތިސާދީ ސިނާއަތްތައް އެކީ މަރުނުވެ ހިފެހެއްޓުމާއި ކާބޯތަކެތީގެ ރައްކާތެރި ކަމާއި ތަކެތީގެ އަގު ހިފެހެއްޓުމަށް އެހީއަކަށް ވާނެ އެވެ. އަދި އާންމުންނަށް ތަކުލީފު ކުޑަކޮށް ތަކެތީގެ އަގު ރަމަތަ ކުރުމަށް ޕެޓްރޯލް ޝެޑްތަކުން ވިއްކާ ތެލުގެ އަގު ކޮންމެވެސް މިންގަނޑަކަށް ދަށުގައި ހިފަހައްޓަން ޖެހެ އެވެ.
މި ހުރިހާ ފިޔަވަޅުތަކެއް އެޅި ނަމަވެސް ބޭރުގެ ދަރަނި ދެއްކުމަށް ކުރާ ހޭދަ މިއަހަރު ބޮޑުކަމުން ރާއްޖޭގެ އިގްތިސާދުން ބޮޑު އަދަދެއްގެ ޑޮލަރު މަދުވާނެތީ ރުފިޔާގެ އަގު ވެއްޓި، ކަޅުބާޒާރުގައި ޑޮލަރުގެ އަގު 20ރ.އަށް ވުރެ މައްޗަށް ދިއުމުގެ ފުރުސަތު ބޮޑެވެ. އަދި އެކަމުގެ ސަބަބުން، ތަކެތީގެ އަގަށް ބޮޑުވުމެއް އަންނާނެ އެވެ.
އެހެންވެ، ސަރުކާރުން ބަލަންވީ ކާބޯތަކެތި އެތެރެކުރާ އާންމު ވިޔަފާރިތަކަށް ބޭންކު ރޭޓުގައި ވީ އެންމެ ގިނައިން ޑޮލަރު ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަށެވެ. އަދި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކަށް ހެޔޮ އަގުގައި ޑީސަލާއި ޕެޓްރޯލް ލިބޭނޭ އިންތިޒާމް ހަމަޖެއްސުން ވެސް މުހިންމެވެ. އޭރުން އަގުތައް ތިރިކުރަން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ އެވެ.
8 އެޕްރީލް: ރާއްޖެއަށް މާލީ އިމްތިހާނުގެ ދުވަހެއް؛ 525 މިލިއަން ޑޮލަރު ދެއްކޭނެތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ