ރަށުގެ 'ހުރިހާ ކަމެއް ފެންނަ ގޮތަށް' ފުވައްމުލަކު ކައުންސިލުން އެޕެއް ނެރެފި

ފުވައްމުލައް ސިޓީ ކައުންސިލުން ދޭ ހުރިހާ ހިދުމަތްތަކަކާއި ރަށާ ގުޅޭ ހުރިހާ ކަމެއްހެން އެނގޭނެ ގޮތަށް ހާއްސަ މޮބައިލް އެޕްލިކޭޝަނެއް އެ ތަނުން ތައާރަފްކޮށްފި އެވެ. މިއީ ކައުންސިލަކުން މިގޮތަށް ތައާރަފް ކުރި ފުރަތަމަ އެޕްލިކޭޝަނެވެ.
ވީ ކިހިނެއް؟ - 'އަފުންސިޓީ'ގެ ނަމުގައި މިހާރު އާއްމުކޮށްފައިވާ މި އެޕްލިކޭޝަނުން، ކައުންސިލުން ދޭ ހިދުމަތްތަކުގެ އިތުރުން، ރަށުގެ އެކި ކަންކަމާ ގުޅޭ މަައުލޫމާތު ހޯދުމާއި މުޅި ރަށް ފެންނަ ހާއްސަ މެޕަކާއި ސީސީޓީވީ ކެމެރާތަކާއި އެކި ކަންކަމާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް އޮވެ އެވެ.
ތަފްސީލް - އައިއޯއެސް އާއި އެންޑްރޮއިޑް ޕްލެޓްފޯމުތަކުން ލިބެން ހުރި މި އެޕުން އެންމެ ފާހަގަކޮށްލެވޭ ހިދުމަތެއްގެ ގޮތުގައި ފެންނަން ހުރީ، ފުވައްމުލަކު މެޕެވެ. 
އެގޮތުން:
އިންޓަރެކްޓިވް މެޕުގައި އެ ރަށުގެ 3،700 ތަން ފެންނަން ހުރޭ
އޭގެ ތެރޭގައި އާއްމު ގޯތިގެދޮރާއި ވިޔަފާރިތަކާއި މިސްކިތްތަކުގެ އިތުރުން އާންމު ހިދުމަތްދޭ ތަންތަން ހިމެނޭ 
އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ވަގުތުން ތަންތަން ހޯދުމާއި މަގު ދެއްކުމާއި އަދި މެޕް ބޭނުންކުރާ ފަރާތަށް ފަސޭހަވާނޭހެން ބަދަލުކުރެވޭގޮތަށް ހުރޭ
ފުވައްމުލަކު ސިޓީ ކައުންސިލްގެ މި އެޕުގައި ހިމެނޭ އިތުރު ހިދުމަތްތަކުގެ ތެރޭގައި:
އެ ރަށާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓު ފަހަރުގެ މައުލޫމާތު ވަގުތުން ބަލާލެވޭ. އެގޮތުން އުޅަނދު އޮތް ސަރަހައްދާއި ދަތުރުގެ ހާލަތު ވަގުތު ބެލޭ
ރަށުގެ ހަބަރާއި ހަރަކާތްތަކުގެ މައުލޫމާތުގެ އިތުރުން ވަޒީފާގެ ފުރުސަތުތައް ފެންނަން ހުރޭ
ރަށުގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތަކުގެ ލައިވް ފީޑް ފެންނަން ހުރޭ 
ނަމާދު ވަގުތުތަކާއި ހުކުރު ތާވަލާއި މިސްކިތްތަކުގެ މައުލޫމާތާއި، އެންމެ ކައިރީގައި ހުރި މިސްކިތް ދެނެގަނެވޭނެ އިންތިޒާމު ހިމެނޭ 
'އައިކިއު އެއާ' މެދުވެރިކޮށް ވައިގެ ނުސާފުމިން ވަގުތުން ބަލާލެވޭ
މީގެ އިތުރުން، ކައުންސިލްގެ އިއުލާންތަކާއި ނިންމުންތަކާއި މާލީ ރިޕޯޓާއި އޮޑިޓް ރިޕޯޓުތައް ވެސް އެޕުން ފެންނަން ހުރެ އެވެ. ކައުންސިލުން ބުނިގޮތުގައި މީގެ ސަބަބުން، އެ މުއައްސަސާގެ ދެފުށް ފެންނަ މިންވަރު އިތުރުވެ، އާންމުންގެ އިތުބާރު ބޮޑުވާނެ އެވެ. އަދި މިއީ ރާއްޖޭގެ މާހައުލާ ގުޅޭ 'ސްމާޓް ސިޓީ' ތަރައްގީ ކުރުމުގައި ނަމޫނާއެއް ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ