ލޯކަލް ކައުންސިލް އިންތިހާބާއި ރެފަރެންޑަމް ވޯޓު ނަގަން ކުޑަތަން ވެފައި ވަނިކޮށް، މިދިޔަ އަހަރުގެ ކުރީކޮޅު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކުރި ރޭސިން ޓްރެކް މަޝްރޫއަށް ބޭނުންވާ ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.
ރޭސިން ޓްރެކްގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރިކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު އެމަނިކުފާނު ބޭއްވެވި ދިގު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވަނީ އެމްއޭސީއެލްއިން ވަރަށް އަވަހަށް އެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު މިހެން ވިދާޅުވި ނަމަވެސް، މި ދޭތެރޭގައި ހޭދަވީ ނުވަ މަސް ދުވަހުގެ ތެރޭގައި މި މަޝްރޫއުގެ އެއްވެސް މަސައްކަތެއް ނުކުރެ އެވެ.
އެހެން ތިބެފައި، އެ މަސައްކަތް މި ފެށީ، އިރާން ހަނގުރާމައާ ގުޅިގެން ސަރުކާރަށް މާލީ ފިއްތުންތައް ބޮޑުވުމާ ގުޅިގެން، މުހިންމު މަޝްރޫއުތަކަށް އިސްކަން ދޭންޖެހިފައި އޮތް ދަނޑިވަޅެއްގަ އެވެ.
ބިން ހިއްކުމުން ފެށިގެން ރޭސިން ޓްރެކް ތަރައްގީކުރުމުގެ މަސައްކަތަށް، އެއާޕޯޓުތައް ހިންގާ އެމްއޭސީއެލްއިން ހަރަދު ކުރާ ގޮތަށް ހިންގާ މި މަޝްރޫއުގެ މަސައްކަތް ކުރަނީ އެ ކުންފުނީގެ ސަބްސިޑަރީ ޕެނިންސޫލާ އިންފްރާސްޓްރަކްޗާ މެދުވެރިކޮށެވެ.
ރޭސިން ޓްރެކް މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައިވާ ގޮތުގައި ރޭސިން ޓްރެކް މަޝްރޫއު ހިންގަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. މިހާރު މަސައްކަތް ފެށި ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ހުޅުލޭ އިރުމަތީ ފަރާތު ފަޅު ތެރެއިން 14.2 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިގެން އެ ތަނުގައި ޑްރޭގް ރޭސިން ސްޓްރިޕްއެއް ތަަރައްގީކުރުމެވެ. ފުލް ސާކިޓެއް އެޅުމުގެ މަސައްކަތް އޮތީ ދެވަނަ ފިޔަަވަހީގަ އެވެ.
ސީދަލަށް އޮންނަ ރޮނގެއް ގޮތަށް ތަރައްގީކުރާ މި ސްޓްރިޕްގެ ދިގުމިނުގައި ހުންނާނީ 1.2 ކިލޯމީޓަރެވެ. މިތަން ތަރައްގީކުރާނީ ފެޑެރޭޝަން އިންޓަނޭޝަނަލް ޑެ މޮޓޯސައިކްލިސްމ (އެފްއައިއޭ) ގެ ޑްރޭގް ރޭސިން ސްޓްރިޕް ގައިޑްލައިންތަކަށް ފެތޭ ގޮތަށެވެ.
ރޭސް ކުރަން އަޅާ ސްޓްރިޕުގައި ކިލޯމީޓަރެއް ހުރި ނަމަވެސް މި މަޝްރޫއުގެ ދަށުން ހިއްކޭ ސަރަހައްދު، ހުޅުމާލޭ ދެކުނުކޮޅުން ފެށިގެން 2.8 ކިލޯމީޓަރުގެ އުތުރަށް ހުޅުލެއާ ހަމައަށް ދާނެ އެވެ. ފުޅާމިނުގައި ހުންނަނީ 30 މީޓަރެވެ. ނަމަވެސް ހިއްކޭ ސަރަހައްދުގެ މެދެއްހާ ހިސާބުގައި 60 މީޓަރު ފުޅާމިން ހުރެ އެވެ.
މި މަޝްރޫއުގެ މަސައްކަތު ތާވަލުގައިވާ ގޮތުން ރޭސިން ޓްރެކްގެ މަސައްކަތް ނިމެނީ އަންނަ އަހަރުގެ ސެޕްޓެމްބަރަށެވެ.
އެންމެ ފަހުން މި މަޝްރޫއުގެ އަދާހަމައެއް ދެއްވި ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވީ އެ މަސައްކަތް ނުފެށި ލަސްވީ ހިއްކާ ސަރަހައްދު ވަށައިގެން ޖަހާ ބޮޑުހިލައިގެ ޝިޕްމަންޓު ނުލިބިގެން ކަމަށެވެ. އޭނާ ވިދާޅުވީ، އެމްއޭސީއެލްއިން ބިން ހިއްކުމުގެ މަސައްކަތް ފަށާނީ އެސްޓީއޯއިން ބޮޑު ހިލަތައް ގެނައުމުން، އެމްޓީސީސީން އެ ހިލަ ޖެހުމަށް ފަހުގައި ކަމަށެވެ.
އެމްއޭސީއެލްއިން މި ތަން ހިއްކަން ބޭނުންވާ ވެލި ނަގަނީ ގިރާވަރުފަޅު ހިއްކަން ވެލި ނަގަން ހުއްދަ ދީފައިވާ ސަރަހައްދުންނެވެ. ބިން ހިއްކަން ބޭނުންކުރަނީ ގިރާވަރުފަޅު ހިއްކުމުގައި ހަރަކާތްތެރިވަމުން އަންނަ ބޮސްކާލިސްގެ ޑްރެޖަރުތަކެވެ.
ރާއްޖޭގައި ދެ ރޭސިން އެސޯސިއޭޝަނެއް އޮވެ އެވެ. އެއީ ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އާއި މޯލްޑިވްސް މޮޓޯ ރޭސިން އެސޯސިއޭޝަން (އެމްއާރުއޭއޭ) އެވެ. މި ދެ އެސޯސިއޭޝަނުން ރޭސްތައް ބާއްވަނީ ހުޅުމާލެ އާއި އައްޑޫ އާއި ކުޅުދުއްފުށީގެ އާންމު މަގުތައް މަތީގަ އެވެ.
ހުޅުލޭ-ހުޅުމާލެ ހައިވޭގެ އަރިމަތީގައި ޑްރޭގް ރޭސިން ސްޓްރިޕެއް އަޅަން ބިން ހިއްކަނީ ހުޅުލޭ-ހުޅުމާލެ ހައިވޭގެ އަރިމަތީގައި ޑްރޭގް ރޭސިން ސްޓްރިޕެއް އަޅަން ބިން ހިއްކަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ