އަންނަ ހޮނިހިރު ދުވަހު ބާއްވާ ހިޔާލު ހޯދުމުގެ ވޯޓާއި ކައުންސިލް އިންތިހާބަށް ސަރުކާރުން ކުރަމުން އަންނަ ކެމްޕެއިންނަށް ފައިސާ ހޯދުމަށް "ކަޓު ނަގައިގެން" އެޗްޑީސީން ހުޅުމާލެއިން 600އަށް ވުރެ ގިނަ ޕާކިން ސްލޮޓް ވިއްކި ކަމުގެ ތުހުމަތު އެ ކުންފުންޏަށް އަމާޒުވެއްޖެ އެވެ. ނަމަވެސް އެކަން އެޗްޑީސީން ދޮގު ކުރެ އެވެ.
ވީ ކިހިނެއް؟ - އެޗްޑީސީގެ އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި، މިދިޔަ މަހު ކުރީކޮޅުން ފެށިގެން ހުޅުމާލެ ފޭސް 1 އާއި ފޭސް 2ގެ ހަތް ސަރަހައްދަކުން 600އަށް ވުރެ ގިނަ ޕާކިން ސްލޮޓް "ބޮޑު އަގުގައި ކަޓު ނަގައިގެން ވަނީ ވިއްކާލާފަ" އެވެ.
ތަފްސީލު - ނަން ނުޖެހުމަށް ޝަރުތުކޮށް 'ދައުރު'އަށް މައުލޫމާތު ދިން އެޗްޑީސީގެ މަސްދަރަކު ކިޔައިދިން ގޮތުގައި:
ބައެއް މީހުންގެ އަތުން 35،000ރ. އާއި 50،000ރ.އާ ދެމެދުގެ އަދަދެއް ނަގާފައިވޭ
މި ޕާކިން ސްލޮޓްތަކުން އެޗްޑީސީއަށް އިނިޝިއަލް ޕޭމަންޓާއި މަހު ކުލީގެ ގޮތުގައި ލިބޭނީ ނިސްބަތުން ވަރަށް ކުޑަ އެއްޗެއް
"މިއީ އިންތިހާބަށް ފައިސާ ހޯދުމަށް ކުރާ ކަމެއް. ބައެއް މީހުން އަތުން އެބަހުރި ސްލޮޓްތައް ސެކިއޯ ކުރަން 50،000ރ. ވެސް ނަގާފައި ކަޓުގެ ގޮތުގައި. މި ސްލޮޓްތައް މި ވިއްކީ އުސޫލުން ބޭރުން، އިއުލާން ވެސް ކުރުމެއް ނެތި،" އޭނާ ބުންޏެވެ.
ރިޝްވަތުގެ ގޮތުގައި ނެގި ކަމަށް ބުނާ އެންމެ ކުޑަ އަދަދު ކަމުގައިވާ 35،000ރ.ގެ ނިސްބަތުން ބަލާ ނަމަ، 600 ސްލޮޓު ވިއްކައިގެން 21 މިލިއަން ރުފިޔާ ލިބޭނެ އެވެ. މިއީ އެޗްޑީސީއަށް ލިބޭނެ ފައިސާއެއް ނޫނެވެ.
އެޗްޑީސީގެ ބަސް - މި ތުހުމަތުތަކާ ގުޅޭ ގޮތުން އެޗްޑީސީގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު ސިރާޖުއާ 'ދައުރު'ން މިއަދު ސުވާލު ކުުރުމުން ވިދާޅުވީ މިއީ ޕާކިން ސްލޮޓްތަކެއް ދޫކުރުމުގެ މަސައްކަތްތަކެއް އެ ކުންފުނިން ކުރަމުންދާ ދުވަސްތަކެއް ކަމަށާއި ނަމަވެސް އެއްވެސް ފަރާތަކަށް އަދި ނުވިއްކާ ކަމަށެވެ.
"[ކަޓު ނަގި ވާހަކަ] އެއީ ދޮގެއް. އެއްވެސް ފަރާތަކަށް އަދި ނުވިއްކަން. ދޫ ވެސް ނުކުރަން... ނުވިއްކާ އެއްޗަކަށް ފައިސާއެއް ނުނަގާނެތާ،" އޭނާ ވިދާޅުވި އެވެ.
ޕާކިން ސްލޮޓްތައް ދޫކުރުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތުގެ ތެރެއިން 600އެއްހާ ސްލޮޓް ދޫކުރުމަށް ހަމަޖެހިފައިވޭތޯ އެހުމުން ސިރާޖު ވިދާޅުވީ އެ މައޫލުމާތު ކުންފުނީގެ ފަރާތުން މީޑިއާއާ ހިއްސާ ކުރަމުންދާނެ ކަމަށެވެ.
އެޗްޑީސީން 'ކަޓު ނަގައިގެން' 600އަށް ވުރެ ގިނަ ޕާކިން ސްލޮޓް ވިއްކިކަމުގެ ތުހުމަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ