ބީއެމްއެލުން ކުޅުދުއްފުށީގައި ގާއިމުކުރި ދެވަނަ ބިޒްނަސް ސެންޓަރުގެ ހިދުމަތް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކުޅުދުއްފުށީ ބަންޑާރަހިޔާ ސަރަހައްދުގައި ގާއިމުކުރި ދެވަނަ ބިޒްނަސް ސެންޓަރު ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.
މިތަނުގެ ބިންގާ އެޅީ މިދިޔަ 2025 ވަނަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ކުޅުދުއްފުށީގައި ގާއިމު ކުރި ބީއެމްއެލްގެ ދެވަނަ ބިޒްނަސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭއްވި ރޭ މާލޭގައި އެވެ. މާލޭގައި ބޭއްވި އެ ރަސްމިއްޔާތުގައި ކުޅުދުއްފުށީ ބިޒްނަސް ސެންޓަރުގެ އިތުރުން 5 އާ ބްރާންޗް ހުޅުވި އެވެ. އެ 6 ބްރާންޗް އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި އެ ބޭންކްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބް އާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރުގެ އިތުރުން ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ބީއެމްއެލްގެ އާ ބްރާންޗްތައް ހުޅުވި ރަށްތައް:
- ކުޅުދުއްފުށި
- ހދ ހަނިމާދޫ
- ތ ވިލުފުށި
- އއ ތޮއްޑޫ
- ލ ހިތަދޫ
ބީއެމްއެލުން ބުނީ، ކުޅުދުއްފުށީގައި ހުޅުވި ދެވަނަ ބްރާންޗަކީ ވިޔަފާރިތަކަށް ހިދުމަތް ފޯރުކޮށްދިނުމަށް ހާއްސްކޮށްފައިވާ ބިޒްނަސް ސެންޓަރެއް ކަމަށާއި އެ ސެންޓަރުގެ ހިދުމަތް މިއަދުން ފެށިގެން ލިބެމުންދާނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ހުރިހާކަމެއް ޑިޖިޓަލްވެގެންދާ ޒަމާނެއްގައި، ކަސްޓަމަރުންނާ އޮންނަ ގާތްގުޅުން ދުރުވެގެން ދިއުމަކީ ބޭންކުން އެއްވެސް ވަރަކަށް ބޭނުންވާ ކަމެއް ނޫންކަމަށެވެ. އެހެންކަމުން އެ ބްރާންޗްތަކުގެ މުވައްޒަފުންނަކީ އަބަދު ބްރާންޗްތަކުގެ ތިބޭނެ މުވައްޒަފުންނަށް ނުވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
" އެމުވައްޒަފުންގެ ރޯލަކީ ގޭގެއަށްވެސް އަދި ވިޔަފާރިތަކަށްވެސް ޒިޔާރަތް ކުރުން. ބްރާންޗް ގާއިމްކުރާ ރަށާއި ކައިރި އެހެން ރަށްތަކަށް ދަތުރުވެސް ކުރުން. ބޭންކުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކުގެ މައުލޫމާތު ދިނުން. އަދި ފައިނޭންޝަލް ލިޓެރަސީ ކުރިއެރުވުމާއި ސްކޭމް ތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރު ކުރުން. ބޭންކުގެ ޚިދުމަތްތައް ޑިޖިޓަލް ވަމުންދިޔަކަމުގައި ވިޔަސް އަޅުގަނޑުމެން މިތިބީ ކަސްޓަމަރުންނާ ވަރަށް ގާތުން ޚިދުމަތް ދިނުމަށް ތައްޔާރުވެގެން". ޝަރީފް ވިދާޅުވި އެވެ.
މީގެ ކުރިންވެސް ބޭންކުން އިޢުލާންކޮށްފައިވާ ގޮތަށް، އެ ބްރާންޗްތައް މަސައްކަތް ކުރާނީ ކަސްޓަމަރުންނާ ގާތުން، ކަސްޓަމަރުން ތިބި ތަނަކުން ހިދުމަތް ފޯރުކޮށްދިނުމަށްކަމަށް ބީއެމްއެލުން މައުލޫމާތުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ