ތެޔޮ ހަރަދު ކުޑަކުރަން މެލޭޝިއާގެ ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރަން ނިންމައިފި

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާ އެކު، ހަކަތަ ސަލާމަތްކުރުމުގެ ފިޔަވަޅެއްގެ ގޮތުން މެލޭޝިއާގެ ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް އެ ގައުމުން ހަމަޖައްސައިފިއެވެ. މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި ސިޔާސަތަށް އަމަލުކުރަން ފަށާނެ ކަމަށެވެ. މީގެ ދަށުން ސަރުކާރުގެ ވުޒާރާތަކާއި، އޭޖެންސީތަކާއި، މިނިވަން މުއައްސަސާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތްކުރެވޭނެއެވެ. “ކެބިނެޓުން ވަނީ ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ސިޔާސަތަށް އެއްބަސްވެފައި. މީގެ އަމާޒަކީ ތެޔޮ ބޭނުންކުރާ މިންވަރު މަދުކޮށް، ހަކަތަ ފޯރުކޮށްދިނުމުގައި ޔަގީންކަން ކަށަވަރުކުރުން،” އަންވަރު ވިދާޅުވިއެވެ. ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު އުފުލެމުންދާތީ، މެލޭޝިއާ ސަރުކާރުން ރައްޔިތުންނަށް ދެމުން އަންނަ ތެލުގެ ސަބްސިޑީ ވެސް ވަނީ ކުޑަކޮށްފައެވެ. އެގޮތުން، ސަބްސިޑީގެ ދަށުން މަހެއްގެ މައްޗަށް ކުރިން ލިބެމުން އައި 300 ލީޓަރުގެ ކޯޓާ މިހާރު ވަނީ 200 ލީޓަރަށް ދަށްކޮށްފައެވެ. ސަބްސިޑީ ނުހިމެނޭ ތެލުގެ އަގު ކަނޑައަޅާނީ ދުނިޔޭގެ ބާޒާރުގެ އަގުތަކާ އެއްގޮތަށެވެ. އީރާނުން ހޮރުމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ސަބަބުން މެލޭޝިއާގެ ޕެޓްރޯނަސް ފަދަ ކުންފުނިތަކުގެ ތެޔޮ ޓޭންކަރުތަކަށް ވެސް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ނަމަވެސް، ޓްރާންސްޕޯޓް މިނިސްޓަރު އެންތަނީ ލޯކް ވިދާޅުވީ އީރާނުން ނަގާފާނެ ކަމަށް ބެލެވޭ އެއްވެސް ފީއަކުން މެލޭޝިއާގެ ބޯޓުފަހަރު އިސްތިސްނާވާނެ ކަމަށެވެ. "އަޅުގަނޑުމެންނަކީ އެކުވެރި ބައެއް. އީރާނު ސަރުކާރާ އެކު އަޅުގަނޑުމެންގެ ވަރަށް ގާތް ޑިޕްލޮމެޓިކް ގުޅުމެއް އޮވޭ،" އޭނާ ވިދާޅުވިއެވެ. މި ދަނޑިވަޅުގައި ބޮޑުވަޒީރު އަންވަރު ވަނީ މެލޭޝިއާގެ ތެޔޮ ޓޭންކަރުތަކަށާއި ފަޅުވެރިންނަށް ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ހުއްދަ ދެއްވި ކަމަށްޓަކައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަންއަށް ޝުކުރު އަދާކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ