އިޝާ ނަމާދު ގަޑީގައި ރަޝީދު މިސްކިތުގެ ބިއްލޫރިގަނޑެއް ތަޅައިގެން ހިނގައްޖެ

މިރޭ އިޝާނަމާދު ގަޑީގައި ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ރަޝީދު މިސްކިތުގެ ބިއްލޫރިގަނޑެއް ތަޅައިގެން ހިނގައްޖެއެވެ.
މަންޒަރުދުށް މީހަކު ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ބުނީ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވަނީ މިސްކިތުގެ ދެވަނަ ފަންގިފިލާ ޗެމްބަރާ ދިމާލު ހަރުކޮށްފައި ހުރި ބިއްލޫރި ގަނޑުކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށް އޭނާ ބުންޏެވެ.
" ނަމާދުކޮށް ނިމުނުތަނާހެން ބާރު އަޑެއް އިވުނީ. ހީވީ އެއްޗެއް ގޮވީހެން. ބަލާލިއިރު ބިއްލޫރިގަނޑެއް ތަޅައިގެން ދިޔައީ. ނަސީބަކުން އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ. ނަސީބެއް ޓެމްޕާޑް ބިއްލޫރިކަން. އެހެން ނޫންނަމަ ބަޔަކަށް އަނިޔާވުން ވަރަށް ގާތް. ޓެމްޕާޑްވީމަ ފުނޑުފުނޑުވެގެން ފޭބީ"
މަންޒަރުދުށް މީހާ ބުންޏެވެ.
ރަޝީދު މިސްކިތަކީ ވަރަށްގިނަ މީހުން އިޝާ އަދި ތަރާވީހް ނަމާދުކުރުމަށް ޒިޔާރަތްކުރާ މިސްކިތެކެވެ. މިސްކިތުގައި މިރޭ އިމާމްވެ ނަމާދުކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދެވެ. 
"މަސްޖިދު ރަޝީދު"އަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) ގެ ބާނީ، އަލް މަރްހޫމް އަބްދުއްރަޝީދުގެ ހަނދާނުގައި ބިނާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތް ހުޅުވައިދެއްވީ 2022 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ