ޕާކިސްތާނުގެ މަނަވަރު އައުމާއެކު އަނެއްކާވެސް އިންޑިއާ އަސްކަރިއްޔާގެ ޖާސޫސީ އުޅަނދެއް ރާއްޖެ ކައިރިއަށް ޕާކިސްތާނުގެ މަނަވަރު އައުމާއެކު އަނެއްކާވެސް އިންޑިއާ އަސްކަރިއްޔާގެ ޖާސޫސީ އުޅަނދެއް ރާއްޖެ ކައިރިއަށް

ޕާކިސްތާނުގެ އަސްކަރީ މަނަވަރެއް ރާއްޖޭގައި އޮއްވާ، އެ ގައުމާ އަސްކަރީ ގޮތުން އެންމެ ވާދަވެރި އިންޑިއާއިން ޖާސޫސްކުރުމަށް ބޭނުންކުރާ ވައިގެ އުޅަނދެއް ރާއްޖެ ކައިރިން ދުއްވައިފި އެވެ.
ޕާކިސްތާނު އަސްކަރިއްޔާގެ "ޕީއެންއެސް ސައިފް" މާލޭގައި ބަނދަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު މަނަވަރު މާލެ ކައިރިން ފެނުނު ނަމަވެސް މިހާރު އެ މަނަވަރު އޮތް ސަރަހައްދެއް ކަށަވަރެއް ނޫނެވެ. އެ މަނަވަރު ފުރައިގެން ދިޔަކަން ކަށަވަރުވެފައެއް ނުވެ އެވެ.
އެ މަނަވަރު ރާއްޖޭގައި އޮއްވާ މިއަދު، ރާއްޖެ ސަރަހައްދުގެ އިރުމަތިން ދުއްވާފައިވަނީ އިންޑިއާގެ އަސްކަރިއްޔާގެ P-81 Neptune މަރުކާގެ އުޅަނދެކެވެ. މި އުޅަނދުގެ ރަޖިސްޓްރޭޝަން ނަމްބަރަކީ IN330 އެވެ. އެ އުޅަނދު ރާއްޖެ ކައިރިން ދުއްވީ 18،000 ފޫޓު މަތިންނެވެ. އެންމެ ކައިރިވީ މާލެ އަތޮޅާ އެވެ.
އިންޑިއާ އަސްކަރިއްޔާގެ ޖާސޫސީ ބޯޓު ރާއްޖެ ކައިރިން ދުއްވި ގޮތް ---
ވައިގެ އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކުންނާއި އެހެން މަސްދަރުތަކުން މި ނޫހުގެ ޓީމުން ހޯދި މައުލޫމާތު ތަކުން އެނގޭ ގޮތުގައި މި އުޅަނދު ރާއްޖެ ކައިރިއަށް ދަތުރުކޮށްފައިވަނީ ގޯއާ ގައި ހުންނަ އިންޑިއާގެ އަސްކަރީ މަރުކަޒު، އައި.އެން.އެސް ހަންސާ އިން ފުރައިގެންނެވެ.
އައި.އެން.އެސް ހަންސާ އަކީ ރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގެ ހުޅަނގު ސަރަހައްދާއި އަރަބި ކަނޑު އަދި އިންޑިއާގެ ހުޅަނގު އައްސޭރީގައި ޖާސޫސް ކުރުމަށް އަދި އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ބޭނުންކުރާ ޕޮސައިޑަން މަރުކާގެ ބޯޓުތައް މަރުކަޒުކޮށް ބަހައްޓާ ތަނެވެ.
އިންޑިއާ އަސްކަރިއްޔާގެ މި އުޅަނދަކީ ސަބްމެރިންތަކާ ދެކޮޅަށް ބޭނުންކުރުމަށާއި، ސާވޭލެންސް އަދި ޖާސޫސް ކުރުމަށް ބޮއިން އިން އިންޑިއާގެ އަސްކަރިއްޔާއަށް ހާއްސަކޮށް ޑިޒައިން ކޮށްފައިވާ އުޅަނދެކެވެ. ސަބްމެރިން އަދި ކަނޑު އުޅަނދުތަކާ ދެކޮޅަށް ބޮމުގެ ހަމަލާ ދިނުމާއި ބޮން އުފުލުމުގެ ގާބިލުކަން ވެސް މި އުޅަނދަށް ލިބިގެންވެ އެވެ.
މި އަހަރުގެ ކުރީކޮޅު ވެސް ހަމަ މިފަދަ ހާދިސާއެއް ހިނގާފައިވެ އެވެ. މާޗު މަހު ޕާކިސްތާނު އަސްކަރިއްޔާގެ މަނަވަރު "ޕީއެންއެސް އަސްލަތު" ރާއްޖެ އައިސް ދިވެހި ސިފައިންނާއެކު ތަމްރީނުތަކެއް ކުރިއަށް ގެންދިޔަ ދުވަސްތަކުގައި އިންޑިއާ އަސްކަރިއްޔާގެ މި މަރުކާގެ ބޯޓަކުން ރާއްޖެ ކަރިއިން، އަދި ރާއްޖޭގެ ސަރަހައްދުގެ މަތިން ދުއްވި އެވެ.
އެފަހަރު ރާއްޖެ މަތިން ދުއްވީ P-81 Neptune މަރުކާގެ ރަޖިސްޓްރޭޝަން ނަމްބަރު IN329 ބޯޓެވެ. އެ ބޯޓު ވެސް ރާއްޖެ ކައިރިއަށް ދަތުރުކުރީ އައި.އެން.އެސް ހަންސާ އިން ފުރައިގެންނެވެ.
މިފަހަރު ރާއްޖެ އައި މަނަވަރު ރާއްޖެ އައުމާއި ގުޅޭގޮތުން މިހާތަނަށް ދިވެހި ސިފައިން އަދި ދިވެހި ސަރުކާރުން ވެސް ބަހެއް ބުނެފައެއް ނުވެ އެވެ. ޕާކިސްތާނުގެ ސަރުކާރާއި އެ ގައުމުގެ އަސްކަރިއްޔާގެ ނޭވީ އިންވެސް މި އުޅަނދު ރާއްޖެ އައި ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ޕާކިސްތާނާއި ރާއްޖެއާ ދެމެދު އަސްކަރީ ގުޅުން ބަދަހި ކުރުމުގެ މަސައްކަތްތަކެއް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން އެ ގައުމުގެ އަސްކަރިއްޔާގެ އެންމެ އިސް އެއް ޖެނެރަލް އަދި އެ ގައުމުގެ އަސްކަރިއްޔާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއާމަން، ޖެނެރަލް ޒާހިރު ސަމްޝާދު މިރްޒާ މިދިޔަ މަހު ރާއްޖެ ވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ