ތުހުމަތުކުރާނެ ޖާގައެއް ނެތްކަމަށް ވިދާޅުވެ، ވަހީދުގެ ތުހުމަތު 241 ކޮމިޓީގެ މެންބަރުންނަށް

ވަގަށް ސިނގިރޭޓު އެތެރެކުރި ދެ މައްސަލައަކާ ގުޅިގެން ވަކިކުރި ކަސްޓަމްސްގެ އެއް ޑެޕިއުޓީ ކޮމިޝަނަރު ކަމަށްވާ އަބްދުﷲ ވަހީދަށް ތުހުމަތުކުރެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް އޭނާ ތުހުމަތުތަކެއް އަމާޒުކުރައްވައިފިއެވެ. "ސަން" އިން ސުވާލުކުރުމުން ވަހީދު މިއަދު ވިދާޅުވީ، ކަސްޓަމްސްގައި އޭނާގެ މަސްއޫލިއްޔަތަކީ ކަންކަން ރަނގަޅުކުރުމަށްޓަކައި ލަފާދިނުން ކަމަށާއި، ކަސްޓަމްސްގެ އެންފޯސްމަންޓް މަސައްކަތް ހިނގާނުހިނގާ ގޮތް ބެލުމަކީ އޭނާގެ މަސްއޫލިއްޔަތެއްނޫން ކަމަށެވެ. މަގާމުން ވަކިކުރުމުން އޭނާއަށް ލިބުނީ ކުއްލި ޝޮކެއް ކަމަށް ވިދާޅުވެ، ވަހީދު ވިދާޅުވީ ރާއްޖެ އެތެރެކުރާ ޗައިނާގެ ސިނގިރޭޓު ބާވަތްތަކާއި މިހާރު އެތެރެކުރާ "މެންޗެސްޓާ" ބްރޭންޑުގެ ސިނގިރޭޓުތަކަކީ އެއްގޮތަކަށް ވެސް ކަސްޓަމުން ޑެކްލެއާކުރެވި އެތެރެކުރެވޭ ތަކެތިނޫން ކަމަށާއި، އެ ސިނގިރޭޓުތައް އެތެރެކުރެވޭ ގޮތް ކަސްޓަމަށް އަދި ދެނެނުގަނެވޭ ކަމަށެވެ. ތެޔޮ ކުންފުނި ހޯކްސްގެ އުޅަނދެއްގައި ސިނގިރޭޓު އެތެރެކުރި މައްސަލައާ ގުޅޭގޮތުން ވަހީދު ވިދާޅުވީ އެ އުޅަނދުގެ ފަޅުވެރިން ސިނގިރޭޓު އުފުލަމުން ދިޔަކަން ތަހުގީގަށް މިހާތަނަށް ފާހަގަވި ކަމަށެވެ. ކޯސްޓްގާޑު އެ އުޅަނދު ފަހައި ދުއްވި ނަމަވެސް އުޅަނދުގެ ޓްރެކަރު ނިއްވާލުމުގެ ސަބަބުން ގެއްލުމަށްފަހު، ހޯކްސްގެ އުޅަނދު އެންމެ ފަހުން ފެނުނީ ތިލަފުށި ކައިރިން ސިނގިރޭޓުތައް ބަނދަރުކުރަނިކޮށް ކަމަށެވެ. "މިހާރުވެސް ރާއްޖޭގެ އެތަން މިތަނަށް ސިނގިރޭޓު އެބަ ސްމަގްލްކުރަމުން ދޭ، ދިވެހިރާއްޖޭގެ ރަށްރަށުގެ މޭޒުމަތިން މި ފެންނަ މެންޗެސްޓާ އަދި ޗައިނާގެ އެހެން ބްރޭންޑްތަކުގެ ސިނގިރޭޓަކީ ކަސްޓަމްސްއަށް ޑެކްލެއާކޮށްގެން އެތެރެކުރެވޭ ތަކެއްޗެއްނޫން، އޭގެ ކަންކަން ނުހިނގާގޮތް އަދިވެސް އެނގިފައެއްނުވޭ،" ވަހީދު ވިދާޅުވިއެވެ. ކަސްޓަމްސްގައި އެކަށީގެންވާ އަދަދަށް މުވައްޒަފުން ނެތް ކަމަށާއި ސާވެއިލަންސް މަސައްކަތްކުރުމަށް އެކަށީގެންވާ ވަސީލަތްތައް ނެތް ކަމަށް ވިދާޅުވެ އޭނާ ވިދާޅުވިގޮތުގައި، ވޭތުވެދިޔަ ސަރުކާރުތަކުން ކަސްޓަމްސްއަށް އިހުމާލުވެ، އެ ޚިދުމަތުގެ އެންފޯސްމަންޓް މަސައްކަތް ކުރިއެރުވުމަށްޓަކައި މާ ބޮޑު މަސައްކަތެއް ކޮށްފައި ނެތެވެ. އެއާއެކު ވަހީދު ވަނީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރަށްވެސް ބައެއް ތުހުމަތު ކުރައްވައިފައެވެ. "މީގަ މައްސަލައަކީ މަޖިލީހުގަ މެންބަރަކަށް އިންނަވާ ބޭފުޅަކު ހިތްހަމަޖެހިވަޑައިނުގަންނަވައިފި ކަމަށް ވަންޏާމު ކަސްޓަމްސްގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރަން ތިބޭ ބަޔަކަށް އެ ބޭފުޅުން ބޭނުންވާ ގޮތަކަށް ކަންކަން ކުރުމުގެ ފުރުސަތު އެބައޮތް، އެ މަޖިލީހުގެ އެއް މެންބަރަކީ ހޯކްސްއެކޭ އެއްގޮތަށް ތެޔޮ އުފުލާ ކުންފުންޏެއްގެ އިސްވެރިއެއް އެ ބޭފުޅާ ބޭނުންވަނީ މަގާމުގަ ނާޖާއިޒު ފައިދާ ނަގައިގެންކަމަށް ދަންނަވާނީ،" "އެ ބޭފުޅާ އެ ދުވަހުވެސް ދެއްކި ވާހަކައިން އެނގޭ، ހޯކްސްއިން މާ ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަން އެކަށީގެންވާ ވަރަށްވުރެ ބޮޑެތި ބޯޓުފަހަރު ކައިރިކުރާ ވާހަކައާއި މިކަހަލަ ކަންކަން، ދެން ރާއްޖެ އަންނަ ސައިޒުގެ ބޯޓުފަހަރު މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ހުއްދަދެނީ، ކޮންމެ ބޯޓެއްގެ ސައިޒެއް ކަސްޓަމްސްއިން ކަނޑަނާޅާނެ، އެ ބޭފުޅާގެ (ހަންނާންގެ) ޝަކުވާއަކަށްވީ ބޯޓުތަކުގެ ސައިޒް ބޮޑުވުން،" ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންވެސް އިންނެވި ބައްދަލުވުމަކާ ގުޅޭ ގޮތުން އޭނާ ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ލަފާތައް ކިތަންމެ ރަނގަޅު ނަމަވެސް، މެންބަރުން ހިތްހަމަޖެހިވަޑައިނުގަންނަވަންޏާ އެ ބޭފުޅުން ބޭނުންވާ ގޮތަކަށް ކަންކަން ނިންމުމުގެ ފުރުސަތު އެބައޮތްކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ، މެންބަރުން އަމަލުކުރައްވަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، ވަކިވަކި މެންބަރުންގެ މަސްލަހަތު ވަދެ މިފަދަ މައްސަލަތައް ބަލަން ފަށައިފިނަމަ ގާނޫނުގައިވާ ކަންކަން އޮޅުންބޮޅުންވުން އެކަށީގެންވާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ކަސްޓަމްސްގެ މުވައްޒަފުން މަދުވެ، އެ ޚިދުމަތުގެ ޒިންމާ އަދާކުރާނެ ބަޔަކު ނުވާނެ ކަމަށް ވަހީދު ވިދާޅުވިއެވެ. ވަހީދު ވިދާޅުވީ، އޭނާއާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒު ވަކިކުރީ ގަވައިދާ ޚިލާފަށް ކަސްޓަމްސްގެ ތެރެއިން މަސައްކަތްކުރާ މުވައްޒަފުންތަކެއް މެންބަރުންނަށް ނުފޫޒު ފޯރުވައިގެން ކަމަށެވެ. "މިއީ ހަގީގަތުގަ ކަންކަން ރަނގަޅުކުރުމުގެ ނިޔަތުގަ އޮތް ކަމެއް ކަމަށް ވަންޏާ މިއެއްނޫން އަޅުއްވާނެ ފިޔަވަޅަކީ، ފިޔަވަޅު އަޅުއްވަން ހުށަހަޅާފަ ހުރި ފަރާތްތަކަކީ ކަސްޓަމްސްގެ މަސައްކަތް ހިންގުމުގަ އެންމެ ބޮޑަށް ޝާމިލުވާ ފަސް މީހެއްގެ ނަން މީގަ ޖައްސަވާފަ އެއީ، އަޅުގަނޑު ދެކޭގޮތުގަ ކަސްޓަމްސްގެ ތެރެއިން ލައިގެން ނުގަވައިދުން ކަންކަން ކުރަން އުޅޭ ބަޔަކު މަޖިލީހުގެ ބަޔަކަށް ނުފޫޒު ފޯރުވައިގެން ހިންގާފަ އޮތް ކަމެއް،" އެހެންކަމުން އޭނާ ވިދާޅުވީ މަޖިލީހުގެ ގައުމީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން މިކަން އަލުން ބަލައި، ރައީސުލްޖުމްހޫރިއްޔާ އާ ހަމައަށް ދެ ބޭފުޅުން ވަކިކުރަން ދާން ޖެހޭނީ ޝައްކުވާ ކަމެއް އޮތް ނަމަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އާއި ފުލުހުންނާއި ކަމާގުޅުން ހުރި މުއައްސަސާތަކަށް ހުށަހަޅައި ތަހްގީގުކުރުމަށް ފަހު، ޝައްކުތައް ޔަގީންކުރުމަށް ފަހު ކަމަށެވެ. ދައުލަތް ހިންގަން ދަތިވާ ގޮތަށް ކޮމިޓީން ލަފާދިނުމަކީ އެންމެ ރަނގަޅު ގޮތެއްނޫން ކަމަށް ވިދާޅުވެ، ކޮމިޓީގައި އެވަގުތު ނެތް މެންބަރުންނަށް، ކޮން އެއްޗެއްކަން ނޭނގޭ ގޮތަށް ކޮމިޓީގެ ރިޕޯޓު ތައްޔާރުކުރުމަކީ މަޖިލީހުގެ ގައުމީ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ދިން އިމްތިޔާޒުތައް އެންމެ ރަނގަޅަށް ބޭނުންކުރުން ނޫން ކަމަށް ވަހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި އޭގެ ސަބަބުން މަޖިލީހުގެ މެންބަރުންގެ ކަރާމާތް ގެއްލުން އެކަށީގެންވެއެވެ. "އެހެންވީމާ މިއީ އެންމެ ރަނގަޅަށް ކުރެވުނު ކަމެއްނޫން، ދައުލަތުގެ މުއައްސަސާތައް، ޚާއްސަކޮށް ކަސްޓަމްސް ފަދަ ތަންފީޒީ މުއައްސަސާތަކާ ހަވާލުވެފަ ހުންނަ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ފުރުސަތު ދޭން ޖެހޭނެ ގަވައިދާ އެއްގޮތަށް، މިހާރު ދައުލަތް ހިންގުމަށް ދަތިވާގޮތަށް ރެކޮމެންޑޭޝަން ދެއްވީމަ އެއީ ރަނގަޅު ގޮތެއްނޫން،" ވަހީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ