އީގަލްސްއާ ކުޅެގެން އޮޑީގެ ފެންވަރު ވަޒަންކޮށްލެވޭނެ އީގަލްސްއާ ކުޅެގެން އޮޑީގެ ފެންވަރު ވަޒަންކޮށްލެވޭނެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަކީ އޮޑި ސްޕޯޓްސް ކްލަބްގެ ފެންވަރު ވަޒަންކޮށްލުމަށްޓަކައި ރަނގަޅު ޗެލެންޖެއް ލިބިގެންދާނެ މެޗެއް ކަމަށް އެ ޓީމުގެ ކޯޗު، ސްޕެއިނުގެ އަންދްރޭ ގާސިއާ ބުނެފި އެވެ.
ދިވެހި ޕްރިމިއާ ލީގުގައި އަލަށް ވާދަކުރާ އޮޑިން ވަނީ ފުރަތަމަ ތިން މެޗުން މޮޅުވެފަ އެވެ. ގައުމީ ޓީމުގެ މެޗުތަކަށް ލީގު މެދުކަނޑާލުމަށް ފަހު، އިއްޔެ އަލުން ފެށިއިރު، އޮޑިން ކުޅޭ ފުރަތަމަ މެޗުގައި މިއަދު އީގަލްސްއާ ކުޅޭއިރު، މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ގާސިއާ ބުނީ، ފީފާ ބްރޭކަށް ފަހު އަލުން ފަށާއިރު ފަސޭހައެއްނުވާނެ ކަމަށެވެ.
ގާސިއާ ބުނީ، އޮޑި އަށް އީގަލްސް މެޗަކީ ބްރޭކުގެ ކުރިން ވިކްޓަރީ އަތުން 3-2 އިން މޮޅުވި ފަދަ އުނދަގޫ މެޗަކަށްވާނެ ކަމަށެވެ.
"އެންމެ ފަހުން އަހަރެމެން ވިކްޓަރީއާ ކުޅުނު މެޗު ވެސް ފަސޭހައެއް ނޫން. ލީގު ވެސް މި އޮތީ މިހެން އެއްވެސް ޓީމެއް ފަސޭހައެއް ނުވާނެ، އަހަރެމެން ޖެހޭނީ ރަނގަޅު މަސައްކަތް ކުރިއަށްގެންދަން. އެއް ވަނަ މަގާމުގައި ދެމި އޮންނަން،" ގާސިއާ ބުންޏެވެ.
ލީގުގައި ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން 4-1 އިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް ވަނީ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އޮޑި އަށް އެއް ވަނަ އަށް އެރެން އޮތީ މިއަދު އީގަލްސް އަތުން ދެ ގޯލުން މޮޅުވެގެންނެވެ.
އީގަލްސް މި ވަގުތު އޮތީ 10 ޓީމު ވާދަކުރާ ލީގުގެ ނުވަ ވަނައިގައި ތިން މެޗުން ޕޮއިންޓަކާ އެކު އެވެ. އެ ޓީމުން މިއަދުގެ މެޗުގައި ކުޅޭނީ ކޯޗިން މަގާމާ ދާދި ފަހުން ހަވާލުވި އަބްދުﷲ ހަނީފް (ބެންޖޯ)ގެ އިރުޝާދުގެ ދަށުންނެވެ.
ގާސިއާ ބުނީ، ލީގު ތާވަލުގައި މި ވަގުތު އީގަލްސް އޮތީ އެ ކްލަބްގެ އަސްލު ލެވަލާ ބަލާއިރު އޮންނާނެ ހިސާބުގައެއް ނޫން ކަމަށެވެ.
"އަހަރެން ދެކޭ ގޮތުގައި އެ މީހުން ވަރުގަދަ، ރަނގަޅު ސްކޮޑެއް އެބައޮތް، ވަރަށް ރަނގަޅު މޮޅެތި އިންޑިވިޖުއަލް ކުޅުންތެރިން އެބަތިބި. އާ ކޯޗެއް މިހާރު އެ ހުރީ، އަހަރެން ވަރަށް ގަޔާވެސް ވޭ އެ މީހުން އެ ކުޅޭ ކުޅުމާ މެދު. އަހަރެމެން މި ދަނީ އެ މީހުން ދިރާސާ ކުރަމުން، އެ މީހުންނަކީ ވަރަށް ރަނގަޅު ޓީމެއް. އަހަންނަށް ފެންނަ ގޮތުގައި ލީގު ނިމޭއިރު އެ މީހުން ވެސް އޮންނާނީ ލީގުގެ ފުލުގައެއް ނޫން، މަތީ މަގާމެއްގައި ކަމަށް ބެލެވެނީ. އަހަރެމެން ލީގު ފެށިގެން މި ކިޔަނީ ފެށުން އެއްވެސް ބަޔަކަށް ފަސޭހަނުވާނެއޭ،" ގާސިއާ ބުންޏެވެ.
"މިއީ އަހަރެމެންނަށް ރަނގަޅު ޗެލެންޖެއް، އަހަރެމެންގެ އަސްލު ލެވަލް ދެނެގަންނަން. އެންމެ ފަހުން ވިކްޓަރީއާ އެކު ކުޅުނު މެޗުގައި އަހަރެމެންނަށް އެނގިއްޖެ، މަތީ މަގާމެއްގައި އޮންނަ ޓީމުތައް އަތުން ވެސް އަހަރެމެންނަށް މޮޅުވެވޭނެ ކަން. ދެން، މި އޮތީ އަނެއްކާ ވެސް އެ ކަހަލަ ޗެލެންޖެއް، އަހަރެމެންނަށް މި ފަހަރު ވެސް މި އޮތީ ވަރުގަދަ ޗެލެންޖެއް،"
ގާސިއާ ބުނީ އޮޑިން އަބަދުވެސް ކުރިއަށްދާނީ އެ ޓީމުގެ ހާލަތާއި ފެންވަރު ދަނެގެން ކަމަށެވެ. މިއީ، އޮޑިން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ފުރަތަމަ އަހަރުކަން އަބަދުވެސް ދަންނާނެ ކަމަށެވެ. އަދި، އެ ޓީމުން މުޅި ސީޒަނުގައި ވެސް މަސައްކަތްތައް ބައްޓަންކުރާނީ ފުރަތަމަ ދުވަހު ކުރި ގޮތަށް ހުއްޓާލުމެއް ނެތި ކަމަށް ވެސް ގާސިއާގެ ވާހަކައިގައި ފާހަގަކުރި އެވެ.
"ލީގުގެ ކުރީގައި އޮވެގެން، އަމިއްލަ އަށް މިއީ މާ މޮޅު ޓީމެއް ގޮތަށް އަމިއްލަ އަށް ދެކިގެން ނުކުމެފިއްޔާ، އިދިކޮޅު ޓީމު ދައްކާނެ އެ ތަން އަހަރެމެންނަށް، އަހަރެމެން މި އަންނަނީ ވާހަކަ ދައްކަމުން. އެހެން ޓީމުތަކާއި އަހަރެމެންނާ އޮތް ތަފާތަކީ އެ މީހުން (ނިއު އާއި މާޒިޔާ) އަށް އިންޑިވިޖުއަލް ކޮލިޓީން މެޗަކުން މޮޅުވެވުނަސް އަހަރެމެން ކޮންމެ މެޗެއްގައި ނަތީޖާ ނެރެން ކުޅެން ޖެހޭނީ ޓީމެއްގެ ގޮތަށް،" ގާސިއާ ބުންޏެވެ.
"އޮޑީގެ 100 ޕަސެންޓްގައި އޮތިއްޔާ ބަލިކުރަން އުނދަގޫވާނެ. އެކަމަކު، މިއީ ދިގު ސީޒަނެއް ކޮންމެ މެޗެއްގައި 100 ޕަސެންޓް އޮތުމަކީ އުނދަގޫ ކަމެއް. އެކަމަކު އެ ހިސާބަށް ދިއުމަށް ކުރަންޖެހޭ މަސައްކަތް އަހަރެމެން ކުރާނެ،"
ގާސިއާ ބުނީ އޭނާގެ ވިސްނުންތަކާ އެއްގޮތަށް އޮޑީގެ ކުޅުންތެރިން މިހާ އަވަހަށް ހޭނިގެން ކުޅޭނެ ކަމަށް ކުރިން އުންމީދު ނުކުރެވުނު ކަމަށެވެ. އެކަމަކު، އޮޑީގެ މެނޭޖްމަންޓާއި ކްލަބްގައި ތިބި ސީނިއާ ކުޅުންތެރިންގެ އެއްބާރުލުމާ އެކު، ވަރަށް ގިނަ ކަންކަން ރަނގަޅުކުރެވިއްޖެ ކަމަށް ގާސިއާ ވަނީ ބުނެފަ އެވެ.
އޮޑި އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މިއަދު 15:50 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ