މަސްދަޅު ކޭސްތަކާއެކު ޝިޕިން ކުންފުނީގެ ބޯޓު ލަންކާއަށް ފުރައިފި

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ އާގު ބޯޓު "ގަލޭނާ" ދިވެހި ރައްޔިތުންގެ ފަރާތުން ދިވެހި ސަރުކާރުން ހަދިޔާ ކުރި މަސްދަޅު ކޭސްތަކާ އެކު ލަންކާއަށް ފުރައިފި އެވެ.އެމްޕީއެލް އިން ހިންގަމުން ގެންދާ މާލޭގެ މައި ވިޔަފާރި ބަދަރުން ގަލޭނާ ފުރާފައި ވަނީ 25،000 ކޭސް މަސްދަޅު ބަރުކޮށްފައިވާ 14 ކޮންޓޭނަރާ އެކު އެވެ.ލަންކާއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާ ގުޅިގެން ލިބުނު ގެއްލުންތަކުގެ ސަބަބުން ލަންކާއަށް އެހީވުމަށް ދިވެހި ސަރުކާރުން ވަނީ 50،000 އެމެރިކާ ޑޮލަރުވެސް ހަދިޔާކޮށްފަ އެވެ.ލަންކާއަށް އެހީވުމަށް ދިވެހި ސަރުކާރުން ހަދިޔާކުރަން ނިންމި ފައިސާ އެ ގައުމާ ވަނީ ހަވާލުކޮށްފައެވެ. ލަންކާގެ ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރު ދިން ފައިސާގެ އެހީ ލަންކާގެ ފަރާތުން ހަވާލުވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ފައިސާ ހަވާލު ކޮށްދެއްވީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދުއެވެ. ސްރީ ލަންކާއަށް އެހީވުމަށް ދިވެހިން އެއްކުރި ޖުމްލަ ފައިސާގެ އަދަދު 2.4 މިލއަން ޑޮލަރަށްވުރެ އިތުރުވާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިއްޔެ ވަނީ ވިދާޅުވެފައެވެ. ތޫފާނުގައި ވެހުނު ބޯ ވާރޭގެ ސަބަބުން ލަންކާގެ ބޮޑު ސަރަހައްދެއް ފެނު އަޑީގައި އޮތް އިރު އެތައް ހާސް ބަޔަކު ވަނީ ގެދޮރު ގެއްލި ހާލުގައިޖެހިފަ އެވެ. އާންމުންގެ ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތައް ވެފައި ވާއިރު ބްރިޖްތަކާއި މަގުތައް ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ