ޖަޕާނަށް ކަނޑައަޅާ ސަފީރަކަށް މަހުލޫފު އައްޔަންކުރަން އެމްޑީޕީ މެންބަރުންގެ ވޯޓާއެކު މަޖިލީހުން ފާސްކޮށްފި ޖަޕާނަށް ކަނޑައަޅާ ސަފީރަކަށް މަހުލޫފު އައްޔަންކުރަން އެމްޑީޕީ މެންބަރުންގެ ވޯޓާއެކު މަޖިލީހުން ފާސްކޮށްފި

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ވެރިކަމުގައި ކެބިނެޓު މިނިސްޓަރުކަން ކުރެއްވި އަހްމަދު މަހުލޫފް، ޖަޕާނަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އެ މަގާމަށް މަހްލޫފު އައްޔަން ކުރަން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 60 މެންބަރުން ވޯޓު ދެއްވި އެވެ. މީގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ހިމެނެ އެވެ. މަހްލޫފު އައްޔަން ކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ސަރުކާރުގެ މަގާމަކަށް ވަޑައިގަތުމަށް ކަމަށް ބުނެ މަހްލޫފު އެމްޑީޕީން ވަކިވީ ސެޕްޓެމްބަރު 8، ގަ އެވެ.
ޕާޓީ އިން ވަކިވުމަށްފަހު އެމްޑީޕީގެ ގްރޫޕަކަށް ފޮނުވި މެސެޖެއްގައި މަހްލޫފު ވިދާޅުވީ އެމްޑީޕީ އިން ވަކިވަނީ "ދައުލަތުގެ މަގާމެއްގައި ހިދުމަތް" ކުރެއްވުމަށް ކަމަށެވެ. އޭނާ ވަނީ އެމްޑީޕީއަށް މަސައްކަތް ކުރަން ފުރުސަތު ދިނީތީ ޝުކުރު އަދާކޮށްފަ އެވެ.
"2015 ވަނަ އަހަރުން ފެށިގެން ތިޔަ ބޭފުޅުންނާއެކު ހިދުމަތް ކުރުމުގެ ފުރުސަތު ލިބުނުކަމަށްޓަކައި ޝުކުރު ދަންނަވަން. ވަކިން ހާއްސަކޮށް ރައީސް [އިބްރާހިމް މުހައްމަދު] ސޯލިހު ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުން އެމަނިކުފާނުގެ ކެބިނެޓުގައި ގިނަ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބުނީތީ ޝުކުރު އަދާކޮށް، އުފާ ކުރަން،" މަހްލޫފް ވިދާޅުވެފައިވެ އެވެ.
އެމްޑީޕީ އިން ވަކިވާން އޭނާ ނިންމުމުން އެކަމާމެދު ހިތްހަމަނުޖެހޭ އެއްވެސް މެންބަރަކުވާ ނަމަ އެކަމަށްޓަކައި މައާފަށް އެދޭ ކަމަށް ވެސް މަހްލޫފް ވިދާޅުވެފައިވެ އެވެ.
އެމްޑީޕީން ވަކިވުމަށްފަހު ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރެއްވީ އެ ޕާޓީން ނޮވެމްބަރު 14، ގައި ބޭއްވި ބޮޑު ޖަލްސާގަ އެވެ.
މަހުލޫފް އެންމެ ފުރަތަމަ ސިޔާސީ މައިދާނުން ފެނުނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިންނެވެ. އޭގެ ފަހުން މައުމޫން އުފެއްދެވި ޕްރޮގްރެސިޕް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި ވެސް މަހްލޫފް މަސައްކަތް ކުރެއްވި އެވެ.
މަހުލޫފް އެމްޑީޕީއަށް ސޮއިކުރެއްވީ 2018 ގެ ރިޔާސީ އިންތިހާބަށްފަހު އިންތިގާލީ މަރުހަލާގަ އެވެ. ނަމަވެސް އޭގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އޭނާ ދިޔައީ އެމްޑީޕީއާއެކު މަސައްކަތް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ