އޭރަކު އޮންނަ ވެރިކަމެއް ކޮޅަށް ދުވާ "ބޯވަދިލަމަހެއް" ފަދަ މީހުން, ސަފީރުންނަށް ބެއިތިއްބުން ގޯސް: އައްބާސް
އެއިރެއްގައި ވެރިކަމުގައި އޮންނަ ސިޔާސީ ޕާޓީއަކަށް ބޯވަދިލަ މަހެއްހެން ސޮއިކުރައްވާ ބޭފުޅުން ސަފީރުންނަށް އައްޔަންކުރުމަކީ ރަނގަޅުކަމެއް ނޫން ކަމަށް ވިދާޅުވެ، ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް، ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަޚްލޫފަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. އެމްޑީޕީ ދޫކުރެއްވުމަށް ފަހު މިދިޔަ މަހުގެ މެދުތެރޭ ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރެއްވި މަޚްލޫފް، ރާއްޖޭން ޖަޕާނަށް ކަނޑައަޅާ ސަފީރުކަމަށް އައްޔަންކުރަން ރައީސް ފޮނުއްވީ ހަމަ އެ މަހުގެ 26ވަނަ ދުވަހެވެ. މަޖިލީހުން މިއަދު ވަނީ މަޚްލޫފްގެ ނަމަށް ރުހުންދީފައެވެ. ޕީއެންސީއަކީ ކުރިން ޑީއާރުޕީއިން ޕީޕީއެމަށް އަދި ޕީޕީއެމުން އެމްޑީޕީއަށް ބަދަލުވެލެއްވި މަހުލޫފް ސޮއި ކުރެއްވި ހަތަރު ވަނަ ސިޔާސީ ޕާޓީއެވެ. https://sun.mv/214791 މަޚްލޫފު ޖަޕާނަށް ކަނޑައަޅާ ސަފީރުކަމަށް އައްޔަންކުރުމާ ގުޅޭ ގޮތުން ޚާރިޖީ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން އައްބާސް ވިދާޅުވީ، ގައުމުތަކުގެ ސަފީރުކަމަށް އައްޔަންކުރަންވާނީ ނަޒާހާތްތެރި ބޭފުޅުން ކަމަށެވެ. "އެއިރެއްގަ ވެރިކަމުގައި އާރާއި ބާރު އޮންނަ ފަރާތަކަށް ބޯވަދިލަ މަހެއްހެން ދުވާ ބޭފުޅުން ގެނެސް ގައުމު ތަމްސީލުކުރަން ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގެ މަލަމައްޗަށް މޫނުމައްޗަށް ރާއްޖެ ރެޕްރެޒެންޓްކުރަން ބޭތިއްބުމަކީ އެއް ގޮތަކަށްވެސް ސިކުނޑި ގަބޫލުކުރާ ކަމެއްނޫން،" މަޚްލޫފަށް ފާޑުވިދާޅުވެ، އައްބާސް ވިދާޅުވިއެވެ. އައްބާސް ވިދާޅުވީ، މަޚްލޫފް ޕީއެންސީއާ ގުޅިވަޑައިގަތުމުން ސަފީރު ކަމަށް އޭނާ އައްޔަންކޮށް، އިނާޔަތްތައް ދީ، އަނބިދަރިންނާއި އާއިލާ ދިރިއުޅެން އެއްވެސް މަސައްކަތެއް ނުކޮށް އުޅެން ދޫކޮށްލުމަކީ ގައުމާއި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި އެންމެ ރަނގަޅުގޮތަކީ ކިޔަވައިގެން މުޖުތަމައަށް ނުކުންނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ. "ރާއްޖޭގެ ސިޔާސީ މަސްރަހުގައި ޒަމާނުއްސުރެ މިތިބަ އެއް ޕާޓީން އަނެއް ޕާޓީން އޮއިވަރެއްހެން ދެމެމުންދާ ސިޔާސީގޮތުން މުސްކުޅި ބޭފުޅުން އެއް ޕާޓީން އަނެއް ޕާޓީން ދެމެމުންދާ ސަގާފަތް އެބަޖެހޭ ނިންމަން،" އައްބާސް ވިދާޅުވިއެވެ. https://www.sun.mv/214476 ފާހަގަކުރެވޭ ގޮތުގައި މަޚްލޫފް ޖަޕާނަށް ކަނޑައަޅާ ސަފީރުކަމަށް އައްޔަންކުރަން ނިންމީ ވޯޓުގައި ބައިވެރިވި 60 މެންބަރުންގެ އިއްތިފާގުންނެވެ. އޭނާއަށް ރުހުން ދޭން މަޖިލީހުން ނިންމީ، މަހުލޫފު އެ މަގާމަށް އައްޔަންކުރަން މަޖިލީހަށް ނަން ފޮނުވުމާއެކު ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވަމުން އަންނަނިކޮށެވެ. 'ދައުލަތުގެ މަގާމެއްގައި ޚިދުމަތްކުރަން' ކަމަށް ވިދާޅުވެ، އެމްޑީޕީން ވަކިވެވަޑައިގެން، ޕީއެންސީއަށް މަހުލޫފް ސޮއިކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެ ޕާޓީން ބޭއްވި ބޮޑު ޖަލްސާގައެވެ. އެ ނިންމުމާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް އޭނާއަށް އަމާޒުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ