ޢަލީ އިޙްޞާން ފިރާޤް
وهب بن منبه ވިދާޅުވެފައިވެއެވެ. ބަނީއިސްރާއީލުންގެ ތެރޭގައި ފާފަތައް ގިނަވެ ފެތުރުން ޢާންމުވެއްޖެ ހިނދު، މާތްﷲ އެބައިމީހުންގެ ތެރެއިން ނަބީބޭކަލެއް ކަމުގައިވާ أرميا ގެފާނަށް ވަޙީ ކުރެއްވިއެވެ. ކަލޭގެފާނު އެބައިމީހުންގެ އެއްކުރައްވައި އެބައިމީހުންގެ މެދުގައި ހުންނަވައިގެން މިފަދައިން ވިދާޅުވާށެވެ.
[ތިޔަބައިމީހުންނަށް ހިތްތަކެއްވެއެވެ. ނަމަވެސް އެހިތްތަކަކީ ޙައްޤުގޮތް ނުވިސްނޭ ހިތްތަކެކެވެ. އަދި އެ ލޯތަކުން (حق މަގު) ނުދެކޭ ލޯތަކެއް ތިޔަބައިމީހުންގެވެއެވެ. އަދި އެ ކަންފަތްތަކުން (حق އަޑު) ނާހާ ކަންފަތްތަކެއްވެސް، ތިޔަބައިމީހުންގެވެއެވެ. ތިޔަބައިމީހުންގެ ކާބަފައިންގެ ޞާލިޙު ކަމަށްޓަކައި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އޯގާވަންތަވެރިވެވޮޑިގެންވީމުއެވެ.]
އަދިވެސް އަހަރުށި މާތްﷲ، އެ ނަބިއްޔާއަށް ވަޙީ ކުރެއްވިއެވެ. [އެބައިމީހުންނާ ސުވާލު ކުރައްވާށެވެ. ތިމަންރަސްލާނގެއަށް ކިޔަމަންތެރިވުމުގެ ނަތީޖާއަކީ ކޮބައިހެއްޔެވެ؟ ތިމަންރަސްކަލާނގެއަށް ނުކިޔަމަންތެރިވި މީހަކަށް އެ މީހާ އެ ނުކިޔަމަންތެރިވުމުގެ ސަބަބުން އެއްވެސް ނަސީބެއް ލިބުނު ހެއްޔެވެ؟ ތިމަންރަސްކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރި މީހަކު އޭގެ ނަތީޖާއެއްގެ ގޮތުން ނިކަމެތިވެގެން ދިޔަ ހެއްޔެވެ؟ އެބައިމީހުން ވަނީ އެބައިމީހުންގެ ކާބަފައިންނަށް ތަބާވުމަށް ތިމަންރަސްކަލާނގެ އަމުރުކުރި ދީން ދޫކޮށްލައިފައެވެ. އެހެން ފަރާތަކުން ބަރަކާތް ޙާޞިލުކުރަން ފަށައިފައެވެ. އެބައިމީހުންގެ އަޙްބާރުންވަނީ ތިމަންރަސްކަލާނގެ ޙައްޤަށް އިންކާރުކޮށްފައެވެ. ތައުރާތު ކިޔަވާ މީހުން އަޅުންކަން ކުރަނީ ތިމަންރަސްކަލާނގެ ފިޔަވާ އެހެން ފަރާތްތަކަށެވެ. އެބައިމީހުންނަށް ލިބިފައިވާ ޢިލްމުގެ އެއްވެސް ފައިދާއެއް އެބައިމީހުންނަކަށް ނުކުރިއެވެ. އެބައިމީހުންގެ ވެރިންވަނީ ތިމަންރަސްކަލާނގެއާއި، ތިމަންރަސްކަލާނގެ ރަސޫލުންނާ ދެކޮޅަށް ދޮގުތައް ނިސްބަތްކޮށްފައެވެ. އެބައިމީހުންގެ ހިތްތަކުގައިވަނީ އޮޅުވާލުމެވެ. ދޫތައްވަނީ ދޮގުހެދުމަށް ހޭނިފައިވެއެވެ.
ތިމަންރަސްކަލާނގެ ޖަލާލުވަންތަކަމާއި ޢިއްޒަތްވަންތަކަން ގަންދީ ވަޙީ ކުރައްވަމެވެ. ތިމަންރަސްކަލާނގެ އެބައިމީހުންގެ މައްޗަށް ހަތުރުން ފާކުރައްވާހުށީމެވެ. އެ ހަތުރުންނަކީ އެބައިމީހުންގެ ބަސްތައް މިބައިމީހުންނަށް ފަހުމްވެސް ނުވާ އަދި އެބައިމީހުންގެ މޫނުތައް މިބައިމީހުންނަށް ދެނެވެސް ނުގަނެވޭ ފަދަ ބައެކެވެ. އެއީ، މިބައިމީހުން އޮހޮރާ ކަރުނަތަކަށް އެއްވެސް ރަޙްމެއް ނުބަހައްޓާނެ ބައެކެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެބައިމީހުންގެ މައްޗަށް ގަދަފަދަ ޖައްބާރު އަނިޔާވެރި ރަސްކަލެއް ފޮނުއްވާނަމެވެ. ގަދަފަދަ ލަޝްކަރަކާއެކުގައެވެ. އެ ލަޝްކަރުގެ މީސްތަކުން ހަލުވިކޮށްދާ ވިލާތަކެއް ފަދައެވެ. އެކުވެރިކަމާއި ބަދަހިކަމުގައި ސާބިތުވެތިބޭ ފަރުބަދަތަކެއް ފަދައެވެ. އެބައިމީހުންގެ ބެނާތައް ބާޒުގެ ފިޔަގަނޑު ފަދައެވެ. އެބައިމީހުންގެ އަސްވާރުންގެ ޙަމަލަތައް ބާޒުގެ ޙަމަލަތައްފަދައެވެ. އެބައިމީހުން ޢިމާރާތްތައް ތަޅާލައި ރަށްތައް ފަޅުކޮށްލާނެއެވެ. އެ ރައްތަކުގެ އަހުލުވެރީންނަށް ވޭންދެނިވި، ޢަޛާބުދޭނެއެވެ. ކައިވެނީގެ އުފާފާޅުކުރުމުގައި އުފުލިފައިވާ އަޑުތަކުގެ ބަދަލުގައި ދެން އިވޭނީ ހަޅޭކުގެ އަޑުތަކާއި އަސްތަކުގެ ރުއިމުގެ އަޑުތަކާއި ހިޔަޅުގެ ހަޅޭކުގެ އަޑުތަކެވެ.
އެބައިމީހުންގެ ގަނޑުވަރުތައް ޝިކާރަކުރާ ޖަނަވާރުތަކުގެ ގެތަކަށް ބަދަލުކުރައްވާނަމެވެ. އެބައިމީހުންގެ ގޭގައި ދިއްލާ ބައްތިތައް ބަދަލުގައި ދެން ފެންނާނީ އަލިފާންގަނޑާއި ދުމެވެ. ބާރުގެ ބަދަލުގައި ނިކަމެތިކަމެވެ. ނިޢުމަތްތަކުގެ ބަދަލުގައި އަޅުވެތިކަމެވެ. ތިމަންރަސްކަލާނގެ އެބައިމީހުންނަށް ހުރިހާ ވައްތަރެއްގެ ޢަޛާބުދީގެން ނިކަމެތިކޮށްލާނަމެވެ. ދެން ތިމަންރަސްކަލާނގެ އުޑު ދަގަނޑަށްވެ، ބިން ލޮޔަށް ވުމަށް އަމުރު ކުރައްވާނަމެވެ. އޭރުން ވާރެއް ވެހުނަސް ބިމުން އެއްވެސް ދިރުމެއް ނުނިކުންނާނެއެވެ. ބިމުގައި ގަހެއް ފެޅިއަސް އެފަޅަނީ އެބިމުގައި އުޅޭ ނަޢަމުސޫފުތަކަށް ތިމަންރަސްކަލާނގެ ރަޙުމްކުރައްވާތީއެވެ. އެބައިމީހުން ގަސް އިންދާ ދުވަސްވަރު ތިމަންރަސްކަލާނގެ ވާރޭ ނުފޮނުއްވާ، ގޮވާން ކަނޑާ ދުވަސްވަރު އެބައިމީހުންނަށް ވާރޭ ފޮނުއްވާނަމެވެ.
އެހެންކަމުން އެދުވަސްވަރު އެބައިމީހުން އެއްވެސް އެއްޗެއް ހައްދައިފިނަމަ އެ އެއްޗެއް ހަލާކުވެގެންދާނެއެވެ. އަދި އެއިން އެއްވެސް އެއްޗެއް ސަލާމަތް ވެއްޖެނަމަ އެ އެއްޗެއް ވާނީ ތިމަންރަސްކަލާނގެ ބަރަކާތުން އެއްކިބާވެގެންނެވެ. އެބައިމީހުން ތިމަންރަސްކަލާނގެއަށް ގޮވާލައިފިނަމަ ތިމަންރަސްކަލާނގެ އެބައިމީހުންނަށް އިޖާބައެއް ނުދެއްވާނަމެވެ. އަދި އެބައިމީހުން އެއްވެސް ކަމަކަށް އެދިއްޖެނަމަ އެކަމެއް ފުއްދައެއް ނުދެއްވާނަމެވެ. އެބައިމީހުން ރުއިކަމުގައި ވިޔަސް ތިމަންރަސްކާނގެ ރަޙްމަތެއް އެބައިމީހުންނަކަށް ނެތެވެ.
މިދެންނެވި އިބްނު ކަޘީރު ގެންނަވައިފައިވާ ދިގު ރިވާޔަތެއްގެ ޚުލާޞާ ތަރުޖަމާއެކެވެ. މިނޫންވެސް މި މައުޟޫޢުގައި ވަރަށް ގިނަ ވާހަކަ އޭނާ ލިޔުއްވައިފައިވެއެވެ.
هشام بن محمد بن السائب الكلبي ވިދާޅުވެފައިވެއެވެ. ދެން بخت نصّر ބައިތުލްމަޤުދިސް އަށް ގޮސް އެތަނުގެ ރަސްގެފާނާއެކު ސުލްޙަވެރިކަމުގެ މުޢާހަދާއެއް ކުރެއްވިއެވެ. އެ ރަސްގެފާނަކީ ދާވުދުގެފާނުގެ ޢާއިލާއަށް ނިސްބަތްވާ މީހެކެވެ. އެ ރަސްގެފާނު އިސްރާއީލުގެ ދަރިން ދޫކޮށްލުމަށް ޝަރުތުކޮށް بخت نصّر އަށް ރިޝްވަތު ދެއްވިއެވެ. ދެން بخت نصّر އޭނާގެ އަތުން އަޅުންތަކެއް ގޮވައިގެން ދަނިކޮށް ތަބަރިއްޔާއާ ހަމައަށް ދެވުނުތާ ބަނީއިސްރާއީލުން އެބައިމީހުންގެ ރަސްގެފާނާ ބަޣާވާތްކޮށް އެ ރަސްގެފާނު ޤަތުލުކުރި ޚަބަރު ލިބިއްޖެއެވެ. އެބައިމީހުން އޭނާ ޤަތުލުކުރީ މުޢާހަދާގެ ސަބަބުންނެވެ. އެ ޚަބަރު ލިބުމުން بخت نصّر އޭނާއާއެކު ގެނައި އަސީރުންގެ ބޯކެނޑުމަށްފަހު، ބައިތުލްމަޤުދިސަށް ގޮސް އެރަށް ގަދަބާރުން ހިފިއެވެ. ހަނގުރާމަވެރިން މަރާ ކުޑަ ކުދިން އަޅުވެތިކުރިއެވެ.
هشام بن محمد ވިދާޅުވެފައިވެއެވެ. بخت نصّر ބައިތުލްމަޤްދިސް އަށް ގޮސް އެތަނުގެ ޖަލުގައި ހައްޔަރުކޮށްފައިވާ أرميا ގެފާނު ޖަލުންނެރެ، މިނިވަންކޮށް ދޫކޮށްލެއްވިއެވެ. أرميا ގެފާނު، بخت نصّر އަށް ހުރިހާ ވާހަކައެއްގެ ތަފްޞީލު ވިދާޅުވެދެއްވިއެވެ. އެކަލޭގެފާނު އެބައިމީހުންނަށް އިންޒާރުކުރެއްވި ވާހަކަ އާއި އޭގެ ސަބަބުން އެބައިމީހުން އެކަލޭގެފާނު ދޮގުކޮށް ޖަލަށްލި ވާހަކަ ވިދާޅުވެދެއްވިއެވެ. މިވާހަކައިގެ ތަފްޞީލު ބަޔާންވެ ހިނގައްޖެއެވެ.
ދެންފެހެ، އެތަނުން ސަލާމަތްވި މީސްކޮޅު أرميا ގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. [އަޅުގަނޑުމެންވީ އަނިޔާވެރިންގެ ތެރެއިންނެވެ. އަޅުގަނޑުމެންގެ ފާފަ ފުއްސެވުމަށް އެދި މާތްﷲ ގެ ޙަޟުރަތުގައި ދަންނަވައިދެއްވާށެވެ.] أرميا ގެފާނު ދުޢާ ދެންނެވުމުން އެކަލޭގެފާނަށް އެންގެވުނީ އެބައިމީހުންނަށް ތައުބާ ނުލައްވާނެ ކަމަށެވެ. އެބައިމީހުން އެބުނާ ބަހުގައި ތެދެއްވާނަ އެބައިމީހުން އެ ހަލާކުވެފައިވާ ރަށުގައި أرميا ގެފާނާއެކު ވަޒަންވެރިވުމަށް އެންގެވިއެވެ. ނަމަވެސް އެކަން އެބައިމީހުންނަށް އެންގެވުމުން އެބައިމީހުން ބުންޏެވެ. [ހަލާކުވެފައިވާ ރަށެއްގައި ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟ އަދި މާތްﷲ ވަނީ އެރަށުގެ އަހުލުވެރީންގެ މައްޗަށް ކޯފާވެވޮޑިގެންފައެވެ.] މިހެން ކިޔާ އުޛުރުތައް ދައްކަންފަށައިފިއެވެ.
އެދުވަސްވަރުން ފެށިގެން އިސްރާއީލުގެ ދަރިން މުޅި ބިމުގައި ފެތުރިގެން ދިޔައެވެ. އެމީހުންގެ ތެރެއިން ޖަމާޢަތެއްގެ ބަޔަކު އަލްޙިޖާޒުގައި ވަޒަންވެރިވިއެވެ. އެހެން ޖަމާޢަތެއް ޔަޘްރިބު (މަދީނާ) ގައި ވަޒަންވެރިވިއެވެ. އަނެއް ޖަމާޢަތެއް ވާދީ އަލްޤުރާގައި ވަޒަންވެރިވިއެވެ. އޭގެ ތެރެއިން މަދު އަދަދެއްގެ ބަޔަކު މިޞްރަށް ދިޔައެވެ.
ފަށްކުރުމެއް-: ބައިތުލްމަޤުދިސް ޚަރާބުކުޅަ ވާހަކަ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ