ޒަކާތު ފަންޑުން އިންވެސްޓުކުރެވޭގޮތް ހަދައި އެ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރަޓީ (އެމްއެމްއޭ) އިން ބަލަހައްޓާ ގޮތަށް ޒަކާތު ބިލު މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ޒަކާތުގެ ގާނޫނުގެ ނަމުގައި މިދިޔަ އޮގަސްޓު މަހު ބިލު މަޖިލީހަށް ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން ވިލިފުށީ ދާއިރާގެ މެންބަރު ހުސެއިން ވަހީދެެވެ. ބިލުގައިވާ ގޮތުން، މި ބިލުގެ މައިގަނޑު މަގުސަދެއްގެ ގޮތުގައި އޮތީ ޒަކާތު ފަންޑަށް ލިބޭ ފައިސާއިން ފުއްދުންތެރިކަން އިތުރުކޮށް، އެ ފައިސާއިން އިތުުރު މަންފާ ހޯދުމަށް ގާނޫނީ އޮނިގަނޑެއްގެ ދަށުން އިންވެސްޓުކުރެވޭނެ ގޮތް ހެދުމެވެ.
އިސްލާމީ ޝަރީއަތުގައި ޒަކާތް ޝަރުއުކޮށްފައިވާ މަގުސަދުތައް ހާސިލުކުރެވޭނެ ގޮތެއްގެ މަތިން ރާއްޖޭގެ ޒަކާތް ދެއްކުމާއި ބަލައިގަތުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ހިންގައި ބެލެހެއްޓުމުގެ ކަންކަން މި ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ތަފްސީލް - މި ބިލު ދިރާސާކުރި އިޖްތިމާއީ ކޮމިޓީން ބިލަށް ދެ އިސްލާހެއް ގެނެސްފައިވެ އެވެ. އެގޮތުން:
ބިލު ހުށަހެޅިއިރު އޮތީ، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބަލަހައްޓައި އެ ފައިސާ ދޫކުރުމަށް އަދި އިސްލާމީ ޝަރީއާ ހުއްދަކުރާ ގޮތުގެ މަތިން އިންވެސްޓުކޮށް ރަނގަޅު ފައިދާއެއް ހޯދުމަށް 'ޒަކާތު ފަންޑު'ގެ ނަމުގައި ފަންޑެއް އުފައްދަން
ކޮމިޓީން ގެނައި އިސްލާހަކީ، 'ޒަކާތުގެ ފަންޑު' އުފެއްދުމާ އެކު، އެ ފަންޑު ބަލަހައްޓާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ޕަބްލިކް އެކައުންޓާ ވަކިން އެމްއެމްއޭގައި ގާއިމުކުރެވޭ ވަކި އެކައުންޓެއްގައި ކަމަށް
މި ބިލަށް ދެން ގެނައި އިސްލާހަކީ އެ މާއްދާގެ ފަހަތަށް 'ފަންޑުގެ ކަސްޓޯޑިއަން' ނަމުގައި މާއްދާއެއް އިތުރުކުރުމެވެ. އެގޮތުން އިތުރުުކުރި މާއްދާގައި ވަނީ:
ޒަކާތު ފަންޑުގެ ކަސްޓޯޑިއަނެއްގެ ގޮތުގައި މަސައްކަތްކުރާނީ އެމްއެމްއޭ
ކަސްޓޯޑިއަންގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ ޒަކާތު ފަންޑުގެ އެކި އެކައުންޓުތައް އެމްއެމްއޭގައި ހުޅުވައި ބަލަހައްޓައި ފަންޑުގެ އިންފްލީ އަދި އައުޓްފްލޯ ރިޕޯޓުތައް ޒަކާތު ހައުސްއިން ކަނޑައަޅާ ގޮތެއްގެމަތިން ތައްޔާރުކުރުން
ޒަކާތު ފަންޑުގެ ކަސްޓޯޑިއަން ހަވާލުކުރުމުގެ ގޮތުން ޒަކާތު ހައުސް އާއި އެމްއެމްއޭއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް
ކަސްޓޯޑިއަންގެ ހިދުމަތްތަކަށް ފީއެއް ކަނޑައަޅައި އެ ފީ ނެގުމަށް މި ގާނޫނު ހުރަހެއް ނާޅާ
މި އިސްލާހުގެ މަގުސަދަކީ ޒަކާތު ފަންޑު ބަލަހައްޓަންވާނީ މާލިއްޔަތާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން ޕަބްލިކް އެކައުންޓާ ވަކިން އެމްއެމްއޭއިން ކަމުގައި ދޭހަވާގޮތަށް އެކަން ހިމެނުން
މި އިސްލާހުތަކާ އެކު ބިލު މަޖިލީހުގެ ތަޅުމަށް ފޮނުވީ އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. ބިލު ފާސްކުރުމާ މެދު ގޮތެއް ނިންމަން މިއަދު ނެގި ވޯޓުގައި އެ އިސްލާހުތަކާ އެކު ބިލު ފާސްކުރީ، ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ ތާއީދާ އެކު އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ބިލުގައިވާ ގޮތުން:
މި ގާނޫނަށް އަމަލުކުރަން ފަށާނީ އަންނަ މަހުން ފެށިގެން
ގާނޫނަށް އަމަލުކުރަން ފަށާތާ ދެ މަސް ތެރޭ ޒަކާތު ކައުންސިލެއް އުފައްދަން ޖެހޭ
ޒަކާތުގެ ނިޒާމު ހިންގުމާ ގުޅޭ ކަންކަމުގައި ޝަރުއީ ލަފާ އާއި އިރުޝާދު ދިނުމަށް ފަސް މެންބަރުންގެ މައްޗަށް ހިމެނޭ 'ޝަރުއީ އެޑްވައިޒަރީ ކޮމިޓީ'އެއް އެކުލަވާލަންޖެހޭ
ޒަކާތް ނެގުމާއި ބެހުމާއި އަދި އިންވެސްޓުކުރުމުގެ އެއްވެސް ކަމެއްގައި ގާނޫނާއި ގަވާއިދުތަކާ ހިލާފުވެއްޖެ ނަމަ، 1000ރ. އާއި 100،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ
ދޮގު މައުލޫމާތު ހުށަހަޅައިގެން ޒަކާތު ފައިސާ ހޯދުމަކީ ޖިނާއީ ދައުވާ ކުރެވޭނެ ކުށެއް ކަމަށް ކަނޑައަޅާފައިވޭ
ޒަކާތު ފަންޑުން އިންވެސްޓުކުރެވޭ ގޮތް ހަދައި އެ ފައިސާ އެމްއެމްއޭއިން ބަލަހައްޓާ ގޮތަށް ޒަކާތު ބިލު ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ