ކައުންސިލަަރު ނަހުލާ މާލެ ސިޓީ ކައުންސިލްގެ އެގްރީމެންޓުތަކެއް ވީދާލި މައްސަލަ ފުލުހަށް ހުށަހަޅައިފި ކައުންސިލަަރު ނަހުލާ މާލެ ސިޓީ ކައުންސިލްގެ އެގްރީމެންޓުތަކެއް ވީދާލި މައްސަލަ ފުލުހަށް ހުށަހަޅައިފި

ވިލިމާލެ ދާއިރާގެ ކައުންސިލަރު، ނަހުލާ އަލީ މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކެއްގެ އެގްރީމެންޓުތަކެއް ވީދާލި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
މިއަދު އޮތް މާލެ ސިޓީ ކައުންސިލްގެ ޖަލްސާގައި ވާހަކަދައްކަވަމުން މާލޭގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވީ މާލޭގެ ބިންތަކަކާ ބެހޭ ކޮންޓްރެކްޓެއް ނަހުލާ ވީދާލާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އެބަ އޮތް ކަމަށެވެ. އަދި އެ ވީޑިއޯ ހުރިހާ ކައުންސިލަރުންނާ މިއަދު ވަނީ ހިއްސާ ވެސް ކޮށްފަ އެވެ.
އާޒިމް ވިދާޅުވީ ނަހުލާ ވީދާލާފައި ވަނީ އެ ކައުންސިލުން މި ފަހުން އާންމުކުރި ބިމުގެ ދަފުތަރުގައި ނުހިމެނި އޮތް ކޮންޓްރެކްޓެއް ކަމަށެވެ.
"މިތަނުގައި ފެންނަން ހުރި ޑޮކިއުމެންޓުތަކަށް ބަލައި އާންމުކޮށްފައިވާ ބިމުގެ ލިސްޓުގައި ނުހިމެނިފައިވާ ކަމަށް އެ ބުނާ ކޮންޓްރެކްޓެއްގެ ޑޮކިއުމެންޓުތަކެއް ނައްތައިލުމަށްޓަކައި މި ތަނުގެ ކައުންސިލަރަކު މަސައްކަތް ކޮށްފައިވާ ވީޑިއޯ ފުޓޭޖު އަޅުގަނޑުމެންގެ އަތުގައި އެބަހުރި،" އާޒިމް ވިދާޅުވި އެވެ.
"..މިހާރު ވެސް ގޯސްކޮށް މި ތަނުގެ ކަންތައްތައް ހުރިކަން އަޅުގަނޑުމެން މި ހާމަ ކޮށްދެނީ، އެހެންވީމާ މިހާވެސް ގޯހޭ މި ތަނުގެ ކަންތައްތައް ހުރި ގޮތް، އެ އެއްޗެހި ނައްތާލައިފައި ހުރިކަމުގެ ވީޑިއޯ ފުޓޭޖު އެބަހުރި."
އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ ލިޔެކިޔުންތައް ނައްތައިލާކަން މިހާރު އެ ވަނީ ހާމަވެފައި ކަމަށެވެ. ކައުންސިލުގައި ލިޔެކިޔުންތައް ހުރިކަން ނުވަތަ ނެތްކަން ނޭނގޭ ކަމަށް ވިދާޅުވާން ޖެހޭ ސަބަބަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުޓޭޖު އެބަހުރި، އަޅުގަނޑު އޮންނާނީ ފުލުހަށް ފޮނުވާފައި ތަހުގީގުކުރަން މިހާރު، ފުލުހަށާއި އެލްޖީއޭއަށް ފޮނުވާފައި ވާނީ،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ރަސްމީ ލިޔެކިޔުމެއް ވީދާލުމަކީ ޖިނާއީ ކުށެއް ކަމަށާއި ސިޓީ ކައުންސިލުގައި ހުންނަ އެއްވެސް ލިޔެކިޔުމެއް ނައްތާލުމުގެ ބާރު އެ ކައުންސިލުގެ އެއްވެސް މެންބަރަކަށް ލިބިގެން ނުވާ ކަމަށެވެ. އަދޮ އެ މައްސަލައާ ގުޅިގެން ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ބަޔާންތައް ވެސް ނަގާފައިވާ ކަމަށާއި އެ ބަޔާންތައް ފުލުހުންނާ ހިއްސާކުރައްވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ނަހުލާ ވަނީ ސިޓީ ކައުންސިލްގެ ލިޔެކިޔުމެއް ވީދާލިކަމަށް އިއުތިރާފުވެވަޑައިގެންފަ އެވެ. ނަމަވެސް ދިފާއުގައި ނަހުލާ ވިދާޅުވީ އޭނާ ވީދާލީ ކުރީގެ ތާރީހެއް ޖަހައިގެން ވިލިމާލޭގެ ބިމެއް ހަވާލުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ސޮއިކުރި ލިޔުމެއް ކަމަށެވެ.
ނަހުލާ ވިދާޅުވީ މާލެ ސިޓީ ކައުންސިލުން މިދިޔަ މަހު އާންމުކުރި މާލޭގެ ބިންތަކުގެ ދަފުތަރުގައި ވިލިމާލެއިން ދޫކޮށްފައިވާ ނުވަ ބިމުގެ ތެރެއިން ހަ ބިމެއް އުނިކޮށްފައިވާ ކަމަށާއި އެކަން ކައުންސިލުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.
އެގޮތުން، ވިލިމާލޭގައި އައުޓްޑޯ ޖިމެއް އެޅުމަށް މޭރީ ޖޫގޯ ނަމަކަށް ކިޔާ ކުންފުންޏަކާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ހަވާލުކޮށްފައި އޮތް ނަމަވެސް، އެ ބިން އޮތީ އެ ކުންފުންޏާ ހަވާލުނުކޮށް ކަމަށް ނަހުލާ ވިދާޅުވި އެވެ. އަދި އެ މައްސަލަ މާލެ ސިޓީ ކައުންސިލުގެ ސަމާލުކަމަށް ގެނައުމުން، ޖެހިގެން އައި ބުރާސްފަތި ދުވަހު މޭރީ ޖޫގީ ކުންފުންޏަށް ގުޅައި ބިމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އެ ކުންފުނީގެ ބޭފުޅުން މާލެ ސިޓީ ކައުންސިލަށް ގެނައި ކަމަށް ނަހުލާ ވިދާޅުވި އެވެ.
"މިދިޔަ ބުދަ ދުވަހުގެ ކައުންސިލް ޖަލްސާގައި ވިލިމާލޭގެ ގިނަ ޕްރޮޖެކްޓުތަކެއް ލިސްޓުގައި ނެތް ވާހަކަ އަޅުގަނޑު ދެންނެވުމުން މާލެ ސިޓީ ކައުންސިލުގެ މޭޔަރު އަންގަވައިގެން ކަމަށް ވިދާޅުވެ، ބޯކޮށް ވާރޭ ވެހިވެހި އޮއްވައި ކައުންސިލް އިދާރާއަށް ހާޒިރުކޮށްގެން ބެކް ޑޭޓުކޮށް ހަ މަސް ދުވަހުގެ ކުރީގެ ތާރީހެއް ޖަހާފައި އޮތް، ބިން ހަވާލުކުރާ ލިޔުން، ތި ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ގްރޫޕަށް ލާފައި އޮންނާނެ ބިން ހަވާލުކުރާ ލިޔުން،" ނަހުލާ ވިދާޅުވި އެވެ.
އެ ދުވަހު މޭރީ ޖޫގޯ ކުންފުނީގެ ބޭފުޅުން ލަައްވައި މާލެ ސިޓީ ކައުންސިލުން ސޮއިކުރި ކުރި ލިޔުމުގެ ތާރީހެއްގެ ގޮތުގައި ލިޔެފައި އޮތީ ޖޫން 1، 2025 ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ. އަދި އެ ލިޔުމުގައި މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް، އަބްދުލް މުހައިމިން ނަސީރުގެ މަގާމުގެ ގޮތުގައި ވެސް އޮތީ އޭނާގެ ކުރީގެ މަގާމު ކަމަށް ނަހުލާ ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވީ ކުރީގެ ތާރީހެއް ޖަހާފައިވާ ބިން ހަވާލުކުރާ ލިޔުމުގައި މޭރީ ޖޫގޯ ކުންފުނީގެ ބޭފުޅުން ލައްވައި މާލެ ސިޓީ ކައުންސިލުން އެ ދުވަހު ސޮއިކޮށް އިނގިލީގެ ނިޝާން ވެސް ޖެހުވި ކަމަށެވެ.
"އެ ލިޔުމުގެ ތާރީހު އަޅުގަނޑަށް ފެނުނީމާ ހަމަ އެ ވަގުތު، ބިން ހަވާލުކުރާ ލިޔުން، އެ ނަމުގައި އޮތް އޮޅުވާލައިގެން އެ ސޮއިކުރުވި ފިންގާޕްރިންޓު ޖެހި ލިޔުން އަޅުގަނޑު ވާނެ އިރާލާފައި، އިނގޭތޯ؟ އެ ލިޔުން، އޭގައި އޮތީ ހަ މަސްދުވަހުގެ ކުރީގެ ތާރީހެއް ޖަހާފައި،" ނަހުލާ ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވީ އެ ދުވަހު އެ ތަނުގައި ހިނގާދިޔަ ހުރިހާ ކަމެއްގެ ހެކި އޭނާގެ އަތުގައި ހުންނާނެ ކަމަށެވެ. އަދި އެ ލިޔުންތަކުގެ ފޮޓޯ ނަގައި ސިޓީ ކައުންސިލްގެ އެސްޖީއަށް ވެސް ހަމަ އެ ދުވަހު ފޮނުވި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، މައްސަލައެއްގެ ގޮތުގައި އެކަން މިދިޔަ ބުރާސްފަތި ދުވަހު ސިޓީ ކައުންސިލްގެ ޖަލްސާއަށް އޭނާ ހުށަހެޅުއްވުމުން އެސްޖީ ދެ ފަހަރެއްގެ މަތިން އޭނާއަށް ފޯނުން ގުޅުއްވައި ވާހަކަދެއްކެވި ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ސަބަބުން އެ ލިޔުން ކައުންސިލުގެ އަތު ނުޖެހުނަސް، ސިޓީ ކައުންސިލުން ވަނީ ގޯސް ލިޔުމުގައި މޭރީ ޖޫގޯ ލައްވައި ސޮއިކުރުވައި ފިންގަޕްރިންޓު ޖައްސަވާފައި، މޭޔަރުގެ މި މަކަރުވެރި ރޭވުން ހަގީގަތުގައި ކާމިޔާބުވި ނަމަ، އައުޓްޑޯ ޖިމް އެޅުމަށް އެގްރީމެންޓުގައި އެ ބުނާ ހަ މަސް، ޑިސެމްބަރު 1، އަކަށް ފާއިތުވާނެ، އެ އެގްރީމެންޓުގައި ބުނާގޮތުން ވިއްޔާ އައުޓްޑޯ ޖިމް އަޅަންޖެހޭނީ ހަ މަސް ތެރޭގައި،" ނަހުލާ ވިދާޅުވި އެވެ.
ނަހުލާގެ އެ ވާހަކަތަކާ ގުޅިގެން، މާލެ ސިޓީ ކައުންސިލްގެ އެސްޖީ، މުހައިމިން ވިދާޅުވީ އެ ލިޔުމުގައި ޖޫން 1، އޮތް ނަމަވެސް، ބިމާބެހޭ އެއްބަސްވުންތަކުގައި އޮންނަ ގްރޭސް ޕީރިއަޑް ގުނަން ފަށަނީ ބިން ހަވާލުކުރާ ތާރީހުން ފެށިގެން ކަމަށެވެ. އަދި އެއީ އޮޅުވާލައިގެން ކުރި ކަމެއް ނޫން ކަމަށް ވެސް މުހައިމިން ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާ ނިންމައިލީ އެ ބަހުސް އިތުރަށް ހޫނުވެ، ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވެގެންނެވެ. ޖަލްސާ ނިންމައިލައްވަމުން މޭޔަރު އާޒިމް ވިދާޅުވީ އެ މައްސަލައަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ، އެކަމާ ބެހޭގޮތުން އިތުރަށް ވާހަކަދެއްކުމަކީ ތަހުގީގަށް ހުރަސް އެޅިދާނެ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ