ޒަކާތު ފަންޑުން އިންވެސްޓުކޮށް، އެ ފައިސާ އެމްއެމްއޭއިން ބަލަހައްޓާ ގޮތަށް ބިލު ފާސްކޮށްފި
ޒަކާތު ފަންޑު ބަލަހައްޓާނީ މަރުކަޒީ ބޭންކު އެމްއެމްއޭއިން ކަމަށް ކަނޑައަޅައި، ޒަކާތް ދެއްކުން ގާނޫނީ ގޮތުން ލާޒިމުކުރާ ޒަކާތާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ޒަކާތު ބިލަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ވަނީ ޒަކާތު ފަންޑުގެ ކަސްޓޯޑިއަން ނުވަތަ ޒަކާތު ފަންޑު ބެލެހެއްޓުމާ ބެހޭ މާއްދާއެއް އިތުރުކޮށްފައެވެ. އެ މާއްދާގައިވާ ގޮތުން، ޒަކާތު ފަންޑު ބަލަހައްޓައި، އެ ފަންޑުގެ އެކި އެކައުންޓްތައް ހުޅުވައި ބެލެހެއްޓުމާއި، އެކައުންޓަށް ޖަމާވާ ފައިސާއާއި އެކައުންޓުން ބޭރުވާ ފައިސާގެ ރިޕޯޓުތައް ޒަކާތު ހައުސްއިން ކަނޑައަޅާ ގޮތަށް އެމްއެމްއޭން ތައްޔާރުކުރަން ޖެހޭނެއެވެ. މީގެ އިތުރުން ޒަކާތު ފަންޑު ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ޕަބްލިކް ބޭންކް އެކައުންޓާ ވަކިން، އެމްއެމްއޭގައި ގާއިމްކުރެވޭ ވަކި އެކައުންޓެއްގައި ކަމަށް ވެސް، ކޮމިޓީން ގެނައި އިސްލާހުގައިވެއެވެ. މިދިޔަ އޮގަސްޓް މަހުގެ 10ވަނަ ދުވަހު ވިލުފުށި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ވަހީދު ހުށަހެޅުއްވި ބިލު މިއަދު ފާސްވީ ރައްޔިތުންގެ މަޖިލީހުގައި ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ އިއްތިފާގުންނެވެ. https://sun.mv/209897 އެ ބިލުގެ މަގުސަދުގެ ގޮތުގައި ބަޔާންކޮށްފައިވަނީ، އިސްލާމީ ޝަރީއަތުގައި ޒަކާތް ޝަރުއުކޮށްފައިވާ މަގުސަދުތައް ހާސިލްކުރެވޭނެ ގޮތެއްގެ މަތިން ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ އޮނިގަނޑެއްގެ ދަށުން ހިންގުމެވެ. މި ބިލުގައި ޒަކާތުގެ ގޮތުގައި ބަލައިގަންނާނެ ބާވަތްތަކާއި، ބަލައިގަންނާނެ ގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން ފިތުރު ޒަކާތާއި މުދަލުގެ ޒަކާތް ބަލައިގަންނާނެ ގޮތްތަކާއި ޒަކާތު ފައިސާ ލިބޭނެ މީހުންގެ ތަފުސީލު ވެސް ހިމަނައިފައިވެއެވެ. ބިލު ގާނޫނަކަށްވާތާ ދެ މަހުގެ ތެރޭ ޒަކާތު ކައުންސިލްގެ ނަމުގައި ކައުންސިލެއް އުފައްދަން ޖެހޭނެ ކަމަށް ބިލުގައި ވެއެވެ. ބިލުގައިވާ ގޮތުން އެ ކައުންސިލްގައި ތިއްބަވާނީ އިސްލާމިކް މިނިސްޓަރާއި، ޑިރެކްޓަރު ޖެނެރަލަކާއި، އެމްއެމްއޭއިން ކަނޑައަޅާ މުވައްޒަފަކާއި، ޤުރުއާނާ ބެހޭ މަރުކަޒުގެ މުވައްޒަފަކާއި، ފިނޭންސް މިނިސްޓްރީގެ މުވައްޒަފަކާއި، ފަތުވާދޭ މަޖިލީހުގެ މުވައްޒަފަކާއި، މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން، ޒަކާތުގެ ކަންކަން ދަންނަ ދެ މާހިރުންނެވެ. ހަމަ އެއާއެކު، ބިލު ގާނޫނަކަށްވާ ހިސާބުން "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ނެގުމުގެ އިދާރީ އެންމެހާ ކަންކަން ރާވައި، ޒަކާތް ލިބޭ މީހުންގެ ދަފްތަރު ބެލެހެއްޓުމާއި ޒަކާތް ލުއިފަސޭހަކޮށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުން ފަދަ މަސްއޫލިއްޔަތުތައް އަދާކުރުމަށް ސަރުކާރުގެ އިދާރާއެއް އުފެދިގެން ދާނެ ކަމަށް ވެސް ބިލުގައި ވެއެވެ. އެ ތަން ހިންގާނީ މިނިސްޓަރުގެ ލަފާގެ މަތިން ޑިރެކްޓަރު ޖެނެރަލަކު ކަމަށް ބިލުގައިވެއެވެ. މި ބިލުގައި ކުށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތަކުގެ ތެރޭގައި: ޒަކާތް ދެއްކުން ނޫން ލާޒިމް މީހެއްގެ އަތުން ނެގުން ޒަކާތް ދެއްކުން ލާޒިމުނުވާ މުދަލަކުން ނެގުން ޒަކާތު ފައިސާ ހައްގު ނޫން ގޮތުގައި ބެހުމާއި އިންވެސްޓުކުރުން އޭގެ ތެރެއިން ކުށެއް ކޮށްފި ނަމަ 1،000 ރުފިޔާ އާއި އެއްލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައިވެއެވެ. މި ބިލު ފާސްވެ ގާނޫނަކަށްވާ ހިސާބުން، އަމަލުކުރަން ފަށާނީ އަންނަ އަހަރުން ފެށިގެން ކަމަށް، ބިލުގައި ބަޔާންކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ