އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕުގެ އާއިލީ ކުންފުނި އަދި ރިއަލް އެސްޓޭޓް ޑިވެލޮޕަރު، ޓްރަމްޕް އޮގަނައިޒޭޝަން އިން ރާއްޖޭގައި މަތީ ފަންތީގެ އާ ރިސޯޓެއް ތަރައްގީކުރާ ހަބަރު ކިޔަމުން ދިޔައިރު ލޮލުގައި އަޅައިގަތީ މި ރިސޯޓު ތަރަައްގީކުރަން ފައިސާ ހޯދާ ގޮތެވެ.
ޓްރަމްޕް އޯގަނައިޒޭޝަނާ ހަވާލާދީ، މީޑިއާ ރިޕޯޓުތަކުގައި ވަނީ ޓްރަމްޕު އިންޓަނޭޝަނަލް ހޮޓެލް މޯލްޑިވްސްގެ ނަމުގައި ހުޅުވާ މި ރިސޯޓަށް ފަންޑުކުރަނީ "ޓޯކަނައިޒޭޝަން" މޮޑެލްގެ ދަށުން ކަމަށެވެ. މި ގޮތަށް ފައިސާ ހަމަޖައްސައިފި ނަމަ، މި ރިސޯޓު ވެގެންދާނީ، މުޅި ދުނިޔޭގައި ވެސް ޓޯކަނައިޒް ކޮށްގެން ތަރައްގީކުރާ ފުރަތަމަ މަތީ ފަންތީގެ ރިސޯޓަށެވެ.
ޓްރަމްޕް ކުންފުންޏާއި، މި ޕްރޮޖެކްޓުގައި އެ ކުންފުންޏާ ބައިވެރިވާ ސައުދީގެ ރިއަލް އެސްޓޭޓު ޑިވެލޮޕްމަންޓު ކުންފުނިން ދާރު ގްލޯބަލްއިން ވިސްނަނީ، ތަރައްގީކުރުމާ ހަމައިން ފެށިގެން މުޅި ޕްރޮޖެކްޓު ޓޯކަންކޮށް، ޓްރަމްޕު ރިސޯޓުގެ ޑިޖިޓަލް ހިއްސާތައް އިންވެސްޓަރުންނަށް ވިއްކަން ފަށާށެވެ.
ޓޯކެނައިޒޭޝަންގެ މާނައަކީ ބޮޑު އެސެޓެއް (މިސާލަކަށް ހޮޓެލެއް ނުވަތަ އިމާރާތެއް ފަދަ) ޓޯކަން ކިޔާ ކުދިކުދި ގިނަ ޑިޖިޓަލް ޕެކެޓުތަކަކަށް ބައިބައިކޮށްލުމެވެ. މީގެ ކޮންމެ ޓޯކަންއެއް ތަމްސީލުކުރަނީ އެ އެސެޓްގެ ކުޑަކުޑަ ހިއްސާއެކެވެ. އަދި މި ޓޯކަންތަކުން، އެ މުދަލުގެ މިލްކުވެރިކަމުގެ މިންވަރެއް ނޫނީ އިގުތިސޯދީ ހައްގުތަކުގެ (މިސާލަކަށް: މުސްތަގުބަލުގެ ފައިދާ، އަގު، ނުވަތަ އާމްދަނީ) ހިއްސާއެއް ލިބެ އެވެ.
ޓޯކަންތަކަކީ ޑިޖިޓަލް އެސެޓެއް ކަމުން ސަފާގީ މާލީ ވަސީލަތްތަކަށް ވުރެ ފަސޭހައިން މި ޓޯކަންތައް ގަނެ، ވިއްކައި، ނުވަތަ ވިޔަފާރި ކުރެވޭނެ އެވެ. ފިންޓެކަށް އަންނަ ކުރިއެރުންތަކާ އެކީ، ޓޯކަނަޒޭޝަނުގެ މަގުބޫލުކަން އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މިހާރު މާލީ އިދާރާތަކުން އަންނަނީ ބްލޮކްޗޭން ރޭލް ބޭނުންކޮށްގެން ފަންޑުތަކާއި، ބޮންޑުތަކާއި، ސްޓޮކު ފަދަ ސަގާފީ މާލީ ވަސީލަތްތައް ޓޯކަނައިޒް ކުރަމުންނެވެ.
ބްލޮކްޗޭން ރޭލް އަކީ ބޭންކުތައް ފަދަ މެދުވެރިންނާ ނުލައި، ޑިޖިޓަލް ފައިސާ ފޮނުވަން މަގުފަހިކޮށްދިނުމަށް، ބްލޮކްޗޭން ވިއުގަތަށް ބޭނުންކުރާ އާ ވައްތަރެއްގެ ޕޭމަންޓް ނިޒާމެކެވެ. މިއީ މަރުކަޒީ ނިޒާމުތަކަށް ބަރޯސާވާ އޭސީއެޗް ނުވަތަ ސްވިފްޓް ފަދަ ސަގާފީ ޕޭމަންޓް ރޭލްތަކާ މުޅިން ތަފާތުކޮށް، އަވަހަށް ނޫނީ "ރިއަލް ޓައިމް" ގައި، ދުނިޔޭގެ ކޮންމެ ތަނަކަށް ވެސް 24 ގަޑިއިރު އޮޕަރޭޓު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ.
ބްލޮކްޗޭންގައި މުއާމަލާތްތައް ރެކޯޑު ކުރެެވެނީ ކޮމްޕިއުޓަރު ވިއުގައެއްގެ ތެރޭގައި ބެލެހެއްޓޭ ޑިސްޓްރިބިއުޓަޑް ލެޖާއެެއްގަ އެވެ. މިއީ އެންމެނަށް ފެންނަ ގޮތަށް އޮންނަ ޕަބްލިކް އަދި ޓެމްޕާ ރެސިސްޓަންޓް ލެޖަރެކެވެ. ބްލޮކްޗޭން ޓެމްޕާ ރެސިސްޓަންޓް ވާގޮތަކީ ހުރިހާ މުއާމަލާތްތަކެއް ނެޓްވޯކުން ވެރިފައިކޮށް، އިޔަދާ ނުކުރެވޭ ގޮތަށް، ކްރިޕްޓޯގްރަފިކަލީ ރައްކާތެރި ކުރެވޭތީ އެވެ. މި ނިޒާމުގެ ސަބަބުން، ސީދާ ޕިއާ ޓު ޕިއާ ޑިޖިޓަލް ފައިސާއިން މުއާލަމާތްކުރެވޭނެ މަގުފަހިވެ އެވެ. ބްލޮކްޗޭން ރޭލަކީ، ގިނަ މެދުވެރިންނާއި ބެޗް ޕްރޮސެސިން ފަދަ ކަންކަން ހިމެނޭ ފައިސާ ފޮނުވުމުގެ ކުރީގެ ގޮތްތަކަށް ވުރެ މާ އަވަސް، ހާމަކަން ބޮޑު، އިތުބާރު ލިބިފައިވާ ނިޒާމެކެވެ.
މީގެ ތެރެއިން ވެސް އެންމެ ބާރު ދުވެލީގައި ކުރިއަރަމުން އަންނަނީ ރިއަލް އެސްޓޭޓު ޕްރޮޖެކްޓުތައް ޓޯކަނައިޒް ކުރުމެވެ. ސަބަބަކީ ކުރިން މުއްސަނދިންނަށް އެކަނި އޮންނަ ފުރުސަތެއް އިތުރު އެތައް ބަޔަކަށް ލިބިގެން ދިޔުމެވެ.
މިއީ ރާއްޖެ ކަހަލަ ގައުމެއްގައި ވެސް، ޕްރޮޖެކްޓުތައް ހިންގަން، ހާއްސަކޮށް ރިއަލް އެސްޓޭޓު ޕްރޮޖެކްޓުތައް ހިންގަން ބޭނުންވާ ފައިސާ ހޯދަން ރަނގަޅު މޮޑެލްއެކެވެ. މިހާރު ރާއްޖޭގައި ހުރި އިންވެސްޓުމަންޓު ފުރުސަތުތައް ހުރީ ކެޕިޓަލް މާކެޓުގެ ތެރޭގައި ވަރަށް ބޮޑަށް ލިިމިޓުކޮށް، އަދި މަދު ބަޔަކަށް އެކަނި ބައިވެރިވެވޭ ގޮތަށެވެ.
ޓޯކަނައިޒޭޝަން ފަދަ ޒަމާނީ މޮޑެލްއަކުން ކެޕިޓަލް މާކެޓަށް އާރޯކާމެއް އަންނާނެ ކަމާ މެދު ޝައްކެއް ވެސް ނެތެވެ. މިހެން ބުނާ މައިގަނޑު ސަބަބަކީ އިންވެސްޓަރަކަށް ވާން ކޮންމެހެން ބައިވަރު ފައިސާތަކެއް ބޭނުން ނުވުމެވެ.
ޓޯކަނައިޒޭޝަން މޮޑެލްގެ ދަށުން ކެޕިޓަލް ނުވަތަ ފައިސާ ހޯދަން އޮތް އެންމެ ބޮޑު ދައްޗަކީ އަދި ހިރާހަކީ ވެސް އެކަށީގެންވާ ގާނޫނުތަކާއި ގަވާއިދުތަކެއް ނެތުމެވެ. ހަމަ އެގޮތަށް، ތަރައްގީވަމުން އަންނަ އެހެން ޓެކްނޮލޮޖީތަކެކޭ އެއް ފަދައިން ސެކިއުރިޓީ ގޮންޖެހުންތަކާއި ޓޯކަންތަކުގެ ލިކުއިޑިޓީ ނެތުމާއި ކުއްލިކުއްލިއަކަށް އަގު ބަދަލުވުމުގެ ފުރުސަތު ބޮޑުވުމަކީ ވެސް ހުރި ހުރަސްތަކެވެ.
ނަމަވެސް މި ދާއިރާއިން ހޯދަމުން އަންނަ ކުރިއެރުންތަކާއި، އިންވެސްޓަރުން ވިސްނުން ހުރި ގޮތަށް ބަލާއިރު ފެންނަނީ ޓޮކަނައިޒޭޝަންގެ ދަށުން ރިއަލް އެސްޓޭޓަށް އިންވެސްޓުކުރާ މިންވަރު އިތުރުވެގެންދާ މަންޒަރެވެ. ޑެލޮއިޓް ސެންޓާ ފޯ ފައިނޭންޝަލް ސާވިސަސްގެ ރިޕޯޓެއްގައިވާ ގޮތުގައި، ކުރިއަށް އޮތް ދަހަރުގެ ތެރޭގައި ރިއަލް އެސްޓޭޓް ޓޯކެނައިޒޭޝަން ބާޒާރުގެ އަގު ހަތަރު ޓްރިލިއަން ޑޮލަރަށް އަރާނެ އެވެ.
ވާގޮތް: ޓޯކަނައިޒޭޝަން ވާގޮތް: ޓޯކަނައިޒޭޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ