މަގާމުތައް ދިނުމުގައި މި ސަރުކާރުން ބަލަނީ ހުނަރާއި ތަޖުރިބާއަށް، ހަސަބަކަށް ނޫން: ފަލާހު
މަގާމުތައް ދިނުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހަސަބަކަށް ނަސަބަކަށް ނުބަލާނެ ކަމަށާއި، ސަރުކާރުން ބަލާނީ ހުނަރަށާއި ތަޖުރިބާއަށް ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް، ޖަޕާނުގެ ސަފީރުކަމަށް އައްޔަންކުރަން ފެންނަ ކަމަށް ރުހުންދީފައެވެ. އެ ކަމާ ގުޅުވައި، މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، މި ސަރުކާރަކީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރާއިރު ހަސަބާއި ނަސަބަށް ބަލާ ސަރުކާރެއް ނޫން ކަމަށެވެ. "ގައުމަށް ޚިދުމަތްކުރުމުގައި އެ ބޭފުޅާގެ ގާބިލުކަމާއި ހުނަރާއި ތަޖުރިބާ ހުރި މިންވަރަކަށް މި ސަރުކާރުން ބަލާނެ،" ފަލާހު ވިދާޅުވިއެވެ. https://sun.mv/214791 އެއާއެކު މަހްލޫފަށް މިއަދުގެ ޖަލްސާގައި ތައުރީފްކުރައްވައި ފަލާހު ވިދާޅުވީ، ޖަޕާނުގެ ސަޕީރުކަމަށް އައްޔަންކުރަން އެންމެ ރަނގަޅީ މަހްލޫފް ކަމަށެވެ. އޭނާ ވިދާޅުވީ މަހްލޫފަކީ ޒުވާން، އަދި ތައުލީމާއި ތަޖުރިބާ އާއި ހުނަރު ހުރި ބޭފުޅެއް ކަމަށެވެ. ޖަޕާނަށް ރާއްޖޭން އައްޔަންކުރާ ސަފީރު ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމުގެ ގާބިލްކަން ހުންނަ ބޭފުޅަކަށްވުން މުހިންމު ކަމަށް ފާހަގަކުރައްވައި އެ ބޭފުޅަކީ މަހްލޫފް ކަމަށް ފަލާހު ވިދާޅުވިއެވެ. "ހަގީގަތުގައި އެމްޑީޕީ ވެރިކަމުގައި ރާއްޖެއަށް ޚިދުމަތްކުރުމުގައި ވަޒީރަކު މަގާމެއް އެންމެ ރަނގަޅަށް އަދާކުރި ބޭފުޅަކީ އަޙްމަދު މަޚްލޫފް،" އޭނާ ވިދާޅުވިއެވެ. https://sun.mv/214796 ފަލާހު މިހެން ވިދާޅުވި ނަމަވެސް، ފަލާހުގެ ކުރިން ބަހުސްކުރެއްވި ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ، އެއިރެއްގައި ވެރިކަމުގައި އޮންނަ ސިޔާސީ ޕާޓީއަކަށް ''ބޯވަދިލަ މަހެއްހެން'' ސޮއިކުރައްވާ ބޭފުޅުން ސަފީރުންނަށް އައްޔަންކުރުމަކީ ރަނގަޅުކަމެއް ނޫން ކަމަށާއި، ގައުމުތަކުގެ ސަފީރުކަމަށް އައްޔަންކުރަންވާނީ ނަޒާހާތްތެރި ބޭފުޅުން ކަމަށެވެ. އޭނާއަށް ރުހުން ދޭން މަޖިލީހުން ނިންމީ، މަހުލޫފު އެ މަގާމަށް އައްޔަންކުރަން މަޖިލީހަށް ނަން ފޮނުވުމާއެކު ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވަމުން އަންނަނިކޮށެވެ. 'ދައުލަތުގެ މަގާމެއްގައި ޚިދުމަތްކުރަން' ކަމަށް ވިދާޅުވެ، އެމްޑީޕީން ވަކިވެވަޑައިގެން، ޕީއެންސީއަށް މަހުލޫފް ސޮއިކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެ ޕާޓީން ބޭއްވި ބޮޑު ޖަލްސާގައެވެ. އެ ނިންމުމާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް އޭނާއަށް އަމާޒުވިއެވެ. ނަމަވެސް 60 މެންބަރުންގެ އިއްތިފާގުން މަޚްލޫފް ޖަޕާނުގެ ސަފީރުކަމަށް އައްޔަންކުރަން ނެގި ވޯޓުގައި އެމްޑީޕީގެ ބައެއް މެންބަރުންވެސް ބައިވެރިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ