ވައުދުވާން ޖެހޭނީ ފުއްދޭނެ ވައުދެއްތޯ ބަލާފައި: ފައިސަލް
ވައުދުވާއިރުގައި އެ ވައުދަކީ ފުއްދޭނެ ވަރުގެ ވައުދެއްތޯ ބެލުން މުހިންމު ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ފައިސަލް މިގޮތަށް ވިދާޅުވީ ރޭ ތުޅާދޫ ސްޕޯޓްސް ކުލަބްގެ 22 ވަނަ ޤުރްއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާންގެ ހައިސިއްޔަތުން މުބާރާތް ބަލަން ތިބި އެންމެންނާއި މުހާތަބުކުރައްވަމުންނެވެ. ފައިސަލް ވަނީ ކަމެއް ކޮށްދޭން ވައުދު ވެއްޖެކަމަށްވާނަމަ ވައުދު ފުއްދަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އެވެސް ފުއްދޭނެ ވަރުގެ ވައުދަކަށްވާންޖެހޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި މީހުން އޮޅުވާލުމުގެ ބޭނުމުގައި ކަންތައްތައް ކޮށްދޭން ވައުދުވުމުގެ ސަބަބުން މުޖުތަމައުގައި ނުރުހުންވުން އިތުރުވެގެންދާކަން ފައިސަލް ފާހަގަކުރެއްވިއެވެ. ހަަމަ އެހެންމެ، ދައްކާ ވާހަކަތަކާއި އަމަލު ސީދާނުކުރާނަމަ ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. އެގޮތުން، ކަންކަމާއި ހަވާލުވެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކުގެ މައްޗަށް އާންމުން ކުރާ އިތުބާރަކީ މިއަދު މި ގައުމުގައި އެންމެ ބޮޑަށް ގެއްލިފައިވާ ކަންތައްކަން އޭނާގެ ވާހަކައިގައި ފައިސަލް ވަނީ ފާހަގަކުރައްވާފަައެވެ. އަދުލުވެރިކަން ނެތްނަމަ މުޖުތަމައު ތެރޭގައި އޮންނާނީ ނަފްރަތާ ހަމަނުޖެހުން ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. އަދި ވައުދެއް ވެއްޖެނަމަ އެ ވައުދު ފުއްދުމާއި މީހެއް ކައިރީގައި ވަކި ކަމެއް ކޮށްދޭން ބުނެފައި އޮތްކަމަށް ވަންޏާ، އެކަމެއް ކޮށްދިނުމަށްޓަކައި މަސައްކަތްތަކެއް ކޮށްދޭން ޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ. ވާންޖެހޭނީ ވެވޭ ވަރުގެ، ފުއްދޭނެ ވަރުގެ ވައުދުތައް. މީހުން އޮޅުވާލުމުގެ ބޭނުމުގަ ކަންތައްތައް ކޮށްދޭނެ ގޮތަށް ކަންތައް ކުރުމުގެ ސަބަބުން ހަމަނުޖެހުން އުފެދި، ނުރުހުން އިތުރުވަނީ. އާންމުންގެ ތެރޭގައި އިތުބާރު ހިިފެހެއްޓެނީ ދައްކާ ވާހަކަތަކާ އެމީހެއްގެ އަމަލު ސީދާކޮށްގެން. އެހެން އެވަނީ މަސްއޫލުވެރި މަގާމުތަކުގައި ތިބޭ މީހުންނަށް ކަންތައްތައް ކުރެވޭގޮތުން. ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ފުވައްމުލަކަށް ނިސްބަތްވާ ފައިސަލަކީ އޭނާގެ ދަރުމަވެރި އަމަލުތަކުގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ކާށިދޫ ދާއިރާ އަދި ފުވައްމުލަކަށް އަމާޒުކޮށްގެން ސިލްސިލާކޮށް ދީނީ ދަރުސްތަކާ ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމުގެ ޕްރޮގްރާމްތައް ވެސް ބާއްވާފައެވެ. ފުވައްމުލައް އަދި ކާށިދޫ ދާއިރާގައި ފަސް ޤުރުއާން ކުލާހެއް ވެސް އޭނާ ވަނީ ޤާއިމްކުރައްވާފައެވެ. އަދި ފައިސަލްގެ އިސްނެންގެވުމުގެ ދަށުން އެއް ވަނައަށް އަންނަ މީހަކަށް އުމްރާ ދަތުރެއް ދޭގޮތަށް، ކާށިދޫ ދާއިރާ އަދި ފުވައްމުލަކުގައި ހަތް ޤުރުއާން މުބާރާތެއް ވެސް ބާއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ