މި އަހަރުގެ ފަހު ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް މި އަހަރުގެ ފަހު ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު މަޖިލިސް ޗުއްޓީއަށް ގޮސްފި އެވެ.
މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި، މަޖިލީހުން ޗުއްޓީއަށް ދާކަން އިއުލާނުކުރެއްވީ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. ޖަލްސާ ނިންމާލުމުގެ ކުރިން، މި ދައުރުގައި ކުރި މަސައްކަތްތަކުގެ ތަފުސީލުތައް އެމަނިކުފާނު ވަނީ ހިއްސާކުރައްވައިފަ އެވެ.
މިއަދު ނިންމާލި ދައުރުގައި ބޭއްވި 28 ޖަލްސާގައި ޖުމްލަ 64 ގަޑިއިރު ހޭދަކުރި އެވެ. އެ ޖަލްސާތަކުގައި 15 ބިލެއްގެ މަސައްކަތް ވަނީ ނިންމައިފަ އެވެ. އެ ބިލުތައް ދިރާސާ ކުރުމަށާއި އެހެން މަސައްކަތްތައް ކުރުމަށް މަޖިލީހުގެ ކޮމިޓީތަކުން 142 ބައްދަލުވުމެއް ބާއްވާ 120 ގަޑިއިރު ހޭދަކުރި އެވެ.
މީގެ އިތުރުން، މި ދައުރުގެ ތެރޭ މަޖިލީހުން ވަނީ ސަރުކާރުން ހުށަހެޅި 16 މައްސަލަ އާއި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހެޅި ނުވަ މައްސަލައެއްގެ މަސައްކަތް ނިންމައިފަ އެވެ.
ޗުއްޓީއަށް ދިޔުމުގެ ކުރިން އަބްދުއްރަހީމް ވަނީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް މެންބަރުން ދޭ އެއްބާރުލުމަށް ޝުކުރު ދަންނަވައިފަ އެވެ. އަދި، މަސައްކަތުގައި ހޭދަކުރައްވާ ވަގުތާއި ބަހައްޓަވާ ޝައުގުވެރިކަން އޭނާ ފާހަގަކުރާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
މި ޗުއްޓީ ނިންމައި މަޖިލީހުން ދެން ޖަލްސާއެއް ބާއްވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެއީ ރައީސް މުހައްމަދު މުއިއްޒު، އެމަނިކުފާނުގެ ވެރިކަމުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވަން ބާއްވާ ޖަލްސާ އެވެ. ނަމަވެސް، އެ ދެމެދު ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމުގެ ފުރުސަތު އޮންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ