ސުޕްރީމް ކޯޓުގެ ބެންޗުގެ އިއްތިފާގުން ޑްރަގުގެ ބޮޑުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނަށް ބަދަލެއް ސުޕްރީމް ކޯޓުގެ ބެންޗުގެ އިއްތިފާގުން ޑްރަގުގެ ބޮޑުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނަށް ބަދަލެއް

މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ ތެރެއިން ވަކި ބަރުދަނެއް ހަމަވާ މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ބެންޗުގެ އިއްތިފާގުން ހުކުމް ކުރާ ހާލަތުގައި ޑްރަގުގެ ބޮޑުންނަށް މަރުގެ އަދަބު ދިނުމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ބަދަލު ގެންނަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މިއީ ޑިސެމްބަރު 2، 2024 ގައި މަޖިލީހަށް ހުށަހެޅި ބިލެކެވެ. ބިލު ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އެވެ. އެއަށްފަހު ބިލު ދިރާސާކުރީ ޖުޑީޝަރީ ކޮމިޓީންނެވެ.
އޭގެ އެއް އަހަރު ފަހުން މިއަދު މަޖިލީހުގައި ނެގި ވޯޓުގައި މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 65 މެންބަރުންގެ އިއްތިފާގުންނެވެ.
މީގެ ކުރިން ގާނޫނުގައި އޮންނަ ގޮތުން ޑްރަގުގެ ބޮޑުންނަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އުމުރު ދުވަހަށް (25 އަހަރަށް) ޖަލަށް ލުމެވެ. ގާނޫނަށް ގެނައި ބަދަލާއެކު ތިން ހާލަތެއްގައި އެފަދަ މީހުންނަށް މަރުގެ އަދަބު ދެވޭނެ އެވެ. ނަމަވެސް، އެއީ ސުޕްރީމް ކޯޓުގެ ބެންޗުގެ އިއްތިފާގުން އެ މައްސަލައެއްގައި ނިހާއި ހުކުމެއް އިއްވާ ހާލަތެއްގަ އެވެ.
ޖަދުވަލު 1 ގައި 139 ބާވަތެއްގެ މަސްތުވާތަކެތި ހިމެނެ އެވެ. ބިލުގެ އިބާރާތުގައި އޮތީ މިއިން ކޮންމެ ބާވަތެއް ވިޔަސް އެ ބަރުދަން ފުރިހަމަވެ، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ސާބިތުވެއްޖެ ނަމަ މަރުގެ ހުކުމް އިއްވަން ޖެހޭނެ ކަމަށެވެ.
ގާނޫނަށް ގެނައި އިސްލާހާ އެކު އުމުރު ދުވަހުގެ ޖަލު ހުކުމް އަންނަ ޑްރަގުގެ ބޮޑުންނަށް ޕެރޯލްގެ ފުރުސަތެއް ނުލިބޭނެ އެވެ. ހަމައެހެންމެ، ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މައާފު ނުދެވޭނެ ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
އޭގެ އިތުރުން އެފަދަ މައްސަލަތަކުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު އިއުތިރާފުގެ އެއްބަސްވުމެއް ނުހެދޭނެކަން ގާނޫނުގައި ވަނީ ސާފުކޮށް ބަޔާންކޮށްފަ އެވެ. އެހެންކަމުން، ޑްރަގުގެ ބޮޑުންނަށް ދޭ އަދަބަކީ އެއްވެސް ހާލަތެއްގައި މައާފު ނުލިބޭނެ އަދި ލުއި ނުކޮށްދެވޭނެ އަދަބުތަކެކެވެ.
ފުރަތަމަ ފަހަރު މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ މައްޗަށް ދައުވާ ކުރުމުގެ ބަދަލުގައި އެ މީހުންނަށް ނަސޭހަތްދީ މައްސަލަ ނިންމުމުގެ ބާރު ޕްރޮސެކިއުޓާ ޖެނެރަލަށް ވަނީ ދީފަ އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ޒަމާނަށް ފައްތާ، މިހާރަށް ވުރެ ހަރުކަށި އަދަބު ދީގެން ވިޔަސް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރާނެ ކަމަށް ކުރިން ވެސް ސަރުކާރުން ބުނެފައިވެ އެވެ.
ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ރައްޔިތުންގެ މަޖިލީހުގެ އަލަށް ފެށޭ ދައުރުގައި ހުށަހަޅަން ސަރުކާރުން މަސައްކަތް ކުރި އެވެ. ނަމަވެސް، މި ދައުރު ނިމި މަޖިލިސް ޗުއްޓީއަށް ދިޔައިރު އެފަދަ ބިލެއް ހުށަހަޅާފައި ނެތެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން މަސައްކަތް ކުރަމުންދަނީ، ސުޕްރީމް ކޯޓުން މަރުގެ ހުކުމް ކުރުމުން އެ ހުކުމް ތަންފީޒުވެގެންދާ ހިސާބަށް ހުރިހާ އިޖުރާއަތްތަކެއް ގާނޫނުން ކަނޑައެޅުމަށް ގެންނަން ޖެހޭ ބަދަލުތައް ކަމަށް މީގެ ކުރިން އަދަދު ނޫހާ ވާހަކަ ދައްކަވަމުން އިސް އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.
ގާނޫނަށް ބަދަލު ގެނެސްގެން މަރުގެ އަދަބު ތަންފީޒު ކުރަން މަސައްކަތް ކުރަމުންދަނީ ގަވާއިދެއްގެ ތެރެއިން އެކަން ކުރިއަށް ނުގެންދަން ކަމަށް ސަރުކާރުގެ އެ އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގައި 1954 ވަނަ އަހަރުގެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައި ނުވެ އެވެ. މިދިޔަ އަހަރުގެ ނިޔަލަށް ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ނިމި މަރުގެ އަދަބު ދޭ ހިސާބުގައި ހަތަރު މީހަކު ތިބި ކަމަށް ސަރުކާރުން މިދިޔަ އަހަރު ހާމަކުރި އެވެ.
ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެންނަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ނިންމި އެވެ. އެހެން ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ސިޔާސަތު 2018 ގައި ބަދަލުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ