މިވިސްނުމުގެ އުޚުތުން ތިބޭނަމަ ދުނިޔެއަށް ފަޟީޙަތްވެ ހިތާމަކުރަންޖެހޭނެ އަންހެނުންގެ ޢަދަދު ބޮޑުތަނުން މަދުވާނެ!

އެއީ ތަނަވަސް މީހެއްގެ ދެދަރިންނެވެ. އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. މައިންބަފައިންވަނީ ނިޔާވެފައެވެ. ދެބެއިންގެ މެދުގައި އިންތިހާއަށް ލޯބި އޮވެއެވެ. ރަޙިމުގެ ގުޅުން އެންމެ ފުރިހަމަ ގޮތުގައި ބާއްވައެވެ. 
ކޮއްކޮ އައިސް ބޭބެގާތުގައި ބުނަނީ އޭނާގެ ލޯބިވެރިޔާ އޭނާއަށް ލަނޑުދީފިކަމަށެވެ. އިނީ ބަލިވެކަމަށެވެ. ކައިވެނިކުރަން އެއްބަސްނުވިކަމަށެވެ. ކޮއްކޮގެ ވާހާކަތައް އަޑުއަހާފައި ބޭބެ ދިއައީ ފުންމައިގެންނެވެ. ބޭނުންވީ އޭނާގެ ގެއަށްގޮސް ކައިވެނިކުރަން މަޖުބޫރުކުރުވާށެވެ. ބުނީ އެބާވަތުގެ ކަންކަން ކުރަނީ އެއްވެސް އިންށާނިއްޔަތުކަމެއް ނެތް މީހުން ކަމަށާއި އެއީ އެންމެ ބޮޑެތި އަނިޔާވެރިން ކުރާ ކަމެއް ކަމަށެވެ. 
ބޭބެގެ ވާހަކަތައް އަޑުއަހަންހުރެފައި ދުރަށް ޖެހިލާފައި އައީ އޭނާފަދަ އަންހެން ކުއްޖަކު ގޮވައިގެންނެވެ. ގެނެސްކުރިމަތީގައި ބަހައްތާފައި ސުވާލުކުރީ މީނާއަށްވެސް މިހުރީ އޭނާއަށް ޖެހުނު ޙާށލުގައި ޖެހިފައި ކަމަށެވެ. މީނާއަށް ލަނޑުދިން މީހާވެސް ވާނީ ކޮއްކޮއަށް ލަނޑުދިން މީހާފަދަ އިންސާނިއްޔަތުކަމެއް ނެތް މީހަކަށް ކަމަށް ހެއްޔެވެ؟ މިސުވާލަށް ބޭބެގެ ޖަވާބު ބޭނުން ކަމަށެވެ.
ދޭނެ ޖަވާބެއް ނެތުމުން ވިސްނާލަން ހުއްޓައި އަނެއްކާވެސް ވާހަކަދެއްކީ ކޮއްކޮއެވެ. "އަހުރެންގެ ލޯބިވާ ބޭބޭއެވެ! ބޭބެއަކީ އިންސާނިއްޔަތުކަން ނެތް މީހެއް ނޫނެވެ. ޝައިޠޯނާ ނުބައި ވިސްނުމެއް ވިސްނައިދިނީއެވެ. ދުނިޔެއަށް ފަޟީހަތްވުމުން މިކުއްޖާ ސަލާމަތްކުރާށެވެ! ދެންމެ އަހުރެންގެ ލޯބިވެރިޔާ ދެކެ ބޭބެ އައި ރުޅި މިކުއްޖާގެ ޢާއިލާއިންވެސް އަންނާނެއެވެ. ބޭބެ ދެރަވީވަރަށް ދެރަވެސްވާނެއެވެ. ބައަކަށް ދެރައެއްދީފައި އެކަކަށްވެސް މޮޅެއް ނުވެވޭނެއެވެ. އުފަލަކު ނުވެސް އުޅެވޭނެއެވެ." 
ބޭބެއަށް ވިސްނުނެވެ. ކޮއްކޮ އެބުނަނީ ތެދެކެވެ. ވަޤުތުން ކައިވެނިކުރަން އެއްބަސްވެ ކައިވެނިކުރީއެވެ. ކައިވެނީގެ ޙަފްލާގައި ކޮއްކޮ ދިން ސަރޕްރައިޒްއަކީ ބޭބެގެ ގާތުގައި ބަލިވެއިން ކަމަށްބުނެ ހެދީ ދޮގެއްކަމުގެ ޚަބަރެވެ. ދޮގުހެދީ ބޭބެއަށް ލިބެން އުޅޭ ދަރިފުޅަށް ލިބިދާނެ ނިކަމެތިކަމުން ސަލާމަތްކުރަން ކަމަށެވެ. 
އެކައިވެންޏަކީ ދީނުގައި ހުއްދަނޫން ކައިވެންޏެއްކަން ވިސްނި ވިހައި ގަދަވެގެން އަލުން ކައިވެނިކުރީއެވެ. އަދި އަޅުގަނޑަށް އެނގިފައި އޮތްގޮތުން ދެމީހުން ތައުބާވެ ވިހާގަދަވެގެން އަލުން ކައިވެނިކުރެވެންދެން ދެމީހުން ތިބީވެސް އަނބިފިރިކަމުން ދުރުގައެވެ. ހަމައެކަނި ބޭއްވީ އެކަމުން ބޭރު ގުޅުމެވެ. އެކައިވެންޏަށް މިހާރު 15 އަހަރެވެ. ދެމަފިރިން އުޅެމުން އަންނަނީ ވަރަށް ލޯބިންނެވެ. 
މިޙާދިށާ މިއަދުނޫހާއި ޙިއްޞާކުރުމުގެ ބޭނުމަކީ ކައިވެނީގެކުރިން ގުޅުން ހިންގަން ހިތްވަރުދިނުމެއް ނޫނެވެ. މިފަދަ ކަމެއް މެދުވެރިވިނަމަވެސް ޢާއިލާއިން އަންހެން ކުއްޖާއަށް އެއްބާރުލުންދީ ދުނިޔެއަށް ފަޟީޙަތްވުމުން ސަލާމަތްކޮށްދޭން ބުނުމެވެ. ފިރިހެން ކުއްޖާއަށް ވިސްނައިދީގެން ލިބެން އުޅޭ ދަރިފުޅުގެ ކަރާމަތް ގެއްލުނަ ނުދިނުމެވެ. މިފަދަ މައްސަލަތަކުގައި ދެރަވެ ވަރަށް ނިކަމެތި ގޮތްތައް މެދުވެރިވަމުންދާ އަންހެނުން އެޙާލަތުން ސަލާމަތްކޮށްދޭން ބުނުމެވެ.
 
- މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ