ވަރަށްފަހުން އެމްޑީޕީން, ޕީއެންސީއަށް ބަދަލުވި މަހުލޫފް ޖަޕާން ސަފީރަކަށް އައްޔަންކުރަން ރުހުން ދީފި
ޖަޕާނަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް, އެމްޑީޕީން ވަކިވެ ވެރިކަންކުރާ ޕީއެންސީއާ މިދިޔަ މަހުގެ މެދުތެރޭ ގުޅިވަޑައިގެންނެވި ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު އައްޔަންކުރަން ފެންނަ ކަމަށް ސަރުކާރުގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ. މަހްލޫފް ޖަޕާނަށް ކަނޑައަޅާ ސަފީރުކަމަށް އައްޔަންކުރަން ނިންމީ ވޯޓުގައި ބައިވެރިވި 60 މެންބަރުންގެ އިއްތިފާގުންނެވެ. އޭނާއަށް ރުހުން ދޭން މަޖިލީހުން ނިންމީ، މަހުލޫފު އެ މަގާމަށް އައްޔަންކުރަން މަޖިލީހަށް ނަން ފޮނުވުމާއެކު ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވަމުން އަންނަނިކޮށެވެ. 'ދައުލަތުގެ މަގާމެއްގައި ޚިދުމަތްކުރަން' ކަމަށް ވިދާޅުވެ، އެމްޑީޕީން ވަކިވެވަޑައިގެން، ޕީއެންސީއަށް މަހުލޫފް ސޮއިކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެ ޕާޓީން ބޭއްވި ބޮޑު ޖަލްސާގައެވެ. https://sun.mv/214456 އެ ނިންމުމާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް އޭނާއަށް އަމާޒުވިއެވެ. ރާއްޖޭން ޖަޕާނަށް ކަނޑައަޅާ ސަފީރުކަމަށް މަހުލޫފް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މިދިޔަ މަހުގެ 26ވަނަ ދުވަހެވެ. އެ ދުވަހު މަހުލޫފްގެ ނަން ދިރާސާކުރުމަށް ރިޔާސަތުން ވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ. މަޚްލޫފާ އިންޓަވިއުކުރުމަށްފަހު ކޮމިޓީން ނިންމީ މަހުލޫފް އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށެވެ. https://sun.mv/213954 ރާއްޖެއަށް ޕާޓީ ނިޒާމު ތައާރަފްވެގެން އައި ދުވަސްވަރު އުފެއްދި އަދި އޭރުގެ އެންމެ ބޮޑު އެއް ޕާޓީ ޑީއާރްޕީން ސިޔާސީ ހަޔާތް ފެއްޓެވި މަހްލޫފް ވަނީ އެ ޕާޓީގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު ޕީޕީއެމް އުފެއްދުމުގެ މަސައްކަތުގައި އިސް ދައުރެއް އަދާކުރައްވައިފައެވެ. އެކަމަކު، ޕީޕީއެމްގެ ވެރިކަމުގައި މަޚްލޫފް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ނުކުންނަވައިފައެވެ. އެގޮތުން، އޭރު އޮތް އިދިކޮޅު އިއްތިހާދުގެ ހަރަކާތްތަކުގައި އޭނާ އިސް ދައުރެއް އަދާކުރެއްވިއެވެ. އަދި، އެ ވެރިކަމުގައި މަޚްލޫފް ޖަލަށް ވެސް ލިއެވެ. އެއަށް ފަހު، އޭނާ އެމްޑީޕީއަށް ސޮއިކުރެއްވިއެވެ. އަދި، ދެން އުފެދުނު އެމްޑީޕީގެ ވެރިިކަމުގައި މަހުލޫފަށް ވަނީ ޔޫތު މިނިސްޓަރުކަން ދީފައެވެ. އެކަމަކު، އެ ޕާޓީއަށް ވެރިކަން ގެއްލުނު ފަހުން ސިޔާސީ ހަރަކާތްތަކުން މަޚްލޫފް ގެއްލުނެވެ. މަހުލޫފަށް ރުހުން ދިނުމުގެ އިތުރުން، މިއަދުގެ ޖަލްސާގައިވަނީ އުރުދުންއަށް ރާއްޖޭން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް ޑރ. ހާލާ ހަމީދު، އަދި ފަލަސްތީނަށް ރާއްޖޭން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް ޑރ. އިބްރާހީމް ޒުހުރީ އައްޔަންކުރަން ރުހުންދީފައެެވެ. އެގޮތުން އުރުދުންގެ ސަފީރު ކަމަށް ހާލާ އައްޔަންކުރަން ފެންނަ ކަމަށް 63 މެންބަރުން ވޯޓު ދެއްވިއިރު، ފަލަސްތީނުގެ ސަފީރު ކަމަށް ޒުހުރީ އައްޔަންކުރަން ފެންނަ ކަމަށް 62 މެންބަރަކު ވޯޓުދެއްވިއެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ