ޝަމާއިލް ކުޅުނު ކަމަށް ވިޔަސް ލާމަސީލު ލާމު މުބާރާތަށް ރެފްރީން ދޫކުރަން ވީއޭއެމް އިން ނިންމައިފި ޝަމާއިލް ކުޅުނު ކަމަށް ވިޔަސް ލާމަސީލު ލާމު މުބާރާތަށް ރެފްރީން ދޫކުރަން ވީއޭއެމް އިން ނިންމައިފި

ގައުމީ ވޮލީބޯޅަ ޓީމުން ސަސްޕެންޑްކުރި ޝަމާއިލް ހުސެއިން ބައިވެރިވާ މުބާރާތްތަކުގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ރެފްރީން ދޫނުކުރަން ނިންމި ނިންމުން ބަދަލުކޮށް، ވީއޭއެމް އިން ލާމަސީލް ލާމު މުބާރާތަށް ރެފްރީން ދޫކުރަން ނިންމައިފި އެވެ.
ވީއޭއެމް އިން ހޯމަ ދުވަހު ނެރުނު އިންޓާނަލް މެމޯއެއްގައި ބުނެފައިވަނީ، ގައުމީ ސީނިއާ ވޮލީބޯޅަ ޓީމުގެ ރިލީޒްގައި ހުރެ، އަދި އެސޯސިއޭޝަންގެ އުސޫލުތަކާ ހިލާފުވެ، ލ. އަތޮޅުގައި މިހާރު ކުރިއަށްދާ ލާމަސީލު ލާމު ވޮލީބޯޅަ މުބާރާތުގައި ބައިވެރިވެ، މެޗުތައް ކުޅެފައިވާތީ، ޝަމާއިލް ގައުމީ ސްކޮޑުން ވަކިކުރެވިފައިވާ ކަމަށެވެ.
މި ކަމާ ގުޅިގެން، ވީއޭއެމް އިން ވަނީ، ލ. އަތޮޅުގެ އަތޮޅު ކައުންސިލްގެ އިދާރާގެ ރައީސް އިސްމާއިލް އަލީ އަށް އެޑްރެސްކޮށް ހަމަ އެ ދުވަހު ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި ބުނެފައިވަނީ، ގައުމީ ޓީމުގެ ކުޅުންތެރިން، ގައުމީ ޓީމުގެ ފަރިތަކުރުންތަކުން އެއްވެސް ސަބަބަކާ ހުރެ ދުރަށް ދެވޭނީ އެކަމަށްޓަކައި ގާއިމްކުރެވިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އެހެން ނަމަވެސް، އެ އުސޫލާ ހިލާފަށް ޝަމާއިލް، ލާމަސީލު ލާމު ވޮލީބޯޅަ މުބާރާތުގައި ކުޅެން ގޮސްފައިވާތީވެ، ވީއޭއެމްގެ ލީގަލް ކޮމިޝަނުން ބަލައި، މި ކަމާ ގުޅޭގޮތުން ގޮތެއް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން، ވީއޭއެމް އިން ނިންމި ނިންމުން ކަމަށް އަންގާފައިވަނީ، ގައުމީ ޓީމުގެ ސްކޮޑުން ޝަމާއިލް ބާކީކުރުމުގެ އިތުރުން، ވީއޭއެމް އިން ރާވާ ހިންގާ މުބާރާތްތަކާއި ވީއޭއެމްގެ ރެފްރީން ފޮނުވައިގެން ރެފްރީކަން ކުރާ މުބާރާތްތަކުގައި ކުޅުންތެރިއެއްގެ ގޮތުގައި ނުވަތަ ޓީމު އޮފިޝަލެއްގެ ގޮތުގައި، ހަރަކާތްތެރިނުވެވޭ ގޮތަށް ހަމަޖެއްސުމަށް ކަމަށެވެ.
އެއާ އެކު، އިއްޔެ ލާމަސީލު ލާމު މުބާރާތުގެ މެޗުތައް ފަސްކުރަން ޖެހުނީ، ޝަމާއިލް ކުޅޭނަމަ މެޗުތަކުގައި ވީއޭއެމްގެ ރެފްރީން ރެފްރީކަން ނުކުރަން އެސޯސިއޭޝަނުން އެންގުމާ އެކު، މުބާރާތުގައި އިންސާފުކުރާނެ އެކަށީގެންވާ އަދަދަށް ރެފްރީން ނެތިގެންނެވެ.
އެހެން ނަމަވެސް، ވީއޭއެމް އިން މިއަދު ހެނދުނު ވަނީ ރެފްރީންނަށް މި މުބާރާތުގައި އިންސާފުކުރަން ހުއްދަދީފައިވާ ކަމަށް މުބާރާތުގެ ކަންކަމުގައި އުޅޭ ފަރާތަކުން ވަނީ، "އަދަދު ސްޕޯޓްސް" އަށް މައުލޫމާތުދީފަ އެވެ.
ޝަމާއިލް އަށް ވީއޭއެމް އިން ފިޔަވަޅު އެޅި ގޮތާ މެދު ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިންނާއި ވޮލީބޯޅަ ކޯޗުންގެ އިތުރުން ވޮލީ ކޮމިއުނިޓީގެ ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުމުގެ ޝުއޫރުތައް ސޯޝަލް މީޑިއާގައި ފާޅުކޮށްފަ އެވެ. އަދި، އެ ނިންމުން ބަދަލުކުރަން ގޮވާލައި، އަންނަނީ އަޑުއުފުލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ