ނުވަ ލަނޑުގެ މެޗަކަށް ފަހު ސިޓީން ތާވަލްގެ ކުރި އަތުލަން ދެ ޕޮއިންޓާ ކައިރިކޮށްފި

މެޗުގެ 54 މިނެޓް ގުނެން ފެށުމާ އެކު ހަގީގަތުގައި ވާދަވެރިކަން މަރުވެ، ތަފާތު ބޮޑުކޮށް މެންޗެސްޓަ ސިޓީ މޮޅުވަނީ ކަމަށް ހީނުކުރާނީ މަދު މީހެކެވެ. އޭރުގެ ނަތީޖާއަކީ 5-1 އެވެ.
ނަމަވެސް އަމިއްލަ ދަނޑުގައި ސިޓީއަށް އުނދަގޫ ނުކޮށް ހިތްވަރު އެލުވާލަން ފުލަމް ބޭނުމެއް ނުވި އެވެ. ދެން ފެނުނީ އިތުރު ތިން ލަނޑު ޖަހައި، 5-4އަށް ނަތީޖާ ބަދަލުކޮށްލި ތަނެވެ. އޭރު 78 މިނިޓް ނިމިއްޖެ އެވެ.
ބާކީ 12 މިނިޓަކީ، އެ މެޗުގެ ލަނޑުތައް އައި ގޮތުން، އިތުރު ލަނޑެއް ނުފެނި ނުދާނެވަރުގެ މަދު ވަގުތުކޮޅެއް ނޫންތާ އެވެ. ނަމަވެސް ސިޓީ ނުރައްކާތެރި ދެތިން ހަމަލާއެއް ފޮނުވާލިޔަސް އިތުރު ލަނޑެއް ޖެހޭ ގޮތެއް ފުލަމްއަކަށް ނުވި އެވެ.
މިއީ ޕްރިމިއަ ލީގުގައި ވެސް ވަރަށް މަދުން ނޫނީ ނުފެންނާނެ ކަހަލަ ލަނޑުގެ އީދެކެވެ.
މެޗުގައި ސިޓީއަށް ފުރަތަމަ ލަނޑު ޖަހައިދިން އާލިން ހާލޭންޑްގެ އެ ލަނޑަކީ ޕްރިމިއަ ލީގުގައި އޭނާ ކާމިޔާބުކުރި 100 ވަނަ ލަނޑެވެ. ނަމަވެސް މެޗުގައި އޭނާއަށް އިތުރު ލަނޑެއް ނުޖެހުނެވެ.
މި އުނދަގޫ މޮޅާ އެކު ސިޓީ އެ ވަނީ ތާވަލްގެ ކުރިގައި އޮތް އާސެނަލްއާ އެންމެ ދެ ޕޮއިންޓާ ކައިރިއަށް ޖެހިލައިފަ އެވެ. އެކަމަކު އާސެނަލްއަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ.
އާސެނަލް، ކުޅުނު 13، ޕޮއިންޓް 30
މެންޗެސްޓަ ސިޓީ، ކުޅުނު 14، ޕޮއިންޓް 28
ޗެލްސީ، ކުޅުނު 13، ޕޮއިންޓް 24
އެސްޓަން ވިލާ، ކުޅުނު 13، ޕޮއިންޓް 24
ބްރައިޓަން، ކުޅުނު 13، ޕޮއިންޓް 22
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ