މޭޔަރު މަރާލުމުން މެކްސިކޯގައި 'ޖެން-ޒީ'ގެ މުޒާހަރާތައް ވަރުގަދަކޮށްފި

މި މަހުގެ ކުރީކޮޅު މެކްސިކޯގެ މޭޔަރަކު މަރާލި ހާދިސާއާ ގުޅިގެން ހިނގި ހަމަނުޖެހުންތައް ކުށްވެރިކޮށް ޖެނެރޭޝަން ޒެޑް ނޫނީ ޖެން-ޒީ އުމުރުފުރައަށް ނިސްބަތްވާ އެތައް ހާސް ބަޔަކު މެކްސިކޯގެ އެކި ސަރަހައްދުތަކުގައި  މުޒާހަރާކޮށްފި އެވެ.
ރައީސް ކްލައުޑިއާ ޝެއިންބާމް ދިރިއުޅުއްވާ ނޭޝަނަލް ޕެލަސް ވަށައިގެންވާ ސަރައްހައްދުތަކުގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަނީ މުޒާހަރާކޮށްފަ އެވެ. އެއާ އެކު ރަޔަޓް ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުންކޮށްފަ އެވެ.
މެކްސިކޯ ސިޓީގެ ޕަބްލިކް ސޭފްޓީ ސެކްރެޓަރީ ޕަބްލޯ ވަޒްކުއޭޒް ވިދާޅުވި ގޮތުގައި، އެ ކުރިމަތިލުންތަކުގައި 100އަށް ވުރެ ގިނަ ފުލުހުންނަށް ވަނީ އަނިޔާވެފަ އެވެ. އޭގެ ތެރޭގައި ހޮސްޕިޓަލުން ފަރުވާ ދޭން ޖެހޭ 40 މީހަކު ވެސް ހިމެނެ އެވެ. އިތުރު 20 މީހަކު ޒަހަމްވެފައިވާ ކަމަށް ވެސް ވަޒްކުއޭޒް ވިދާޅުވި އެވެ.
ޕަބްލިކް ސޭފްޓީ ސެކްރެޓަރީ ވިދާޅުވީ 20 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އިތުރު 20 މީހެއްގެ މައްޗަށް އިދާރީ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. އޭގެ އިތުރުން މެކްސިކޯގެ އެކި ސިޓީތަކުގައި ހިނގާލުންތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އޭގެ ތެރޭގައި 1 ނޮވެމްބަރުގައި އުރުއާޕާގެ މޭޔަރު ކާލޯސް މަންޒޯ މަރާލި ހާދިސާއާ ގުޅިގެން ފުރަތަމަ ރުޅިވެރިކަން އުފެދުނު ހުޅަނގުގެ ސްޓޭޓް، މިޗޯއާކަން ވެސް ހިމެނެ އެވެ.
މެކްސިކޯ ސިޓީގައި މުޒާހަރާގެ ބައިވެރިން ވަނީ ޝެއިންބާމްގެ ޕާޓީއަށް ރުޅި އިސްކޮށް މޮރޭނާ ބޭރުކުރުމަށް ގޮވާލައި އަޑުއުފުލައިފަ އެވެ.
ޖެން-ޒީއަކީ 1997 ވަނަ އަހަރާއި 2012 ވަނަ އަހަރާ ދެމެދު އުފަންވި މީހުންެނެވެ. އެ އުމުރުފުރައިގެ މީހުން ދުނިޔޭގެ އެކި ގައުމުތަކުގައި އިޖްތިމާއީ އަދި ސިޔާސީ ބަދަލުތަކަށް ވަކާލާތު ކުރެ އެވެ.
ޝެއިންބާމްގެ ސަރުކާރުން ވަނީ އިއްޔެގެ މުޒާހަރާތަކުގެ ފަހަތުގައި އޮތް ސަބަބާ މެދު ސުވާލު އުފައްދައިފަ އެވެ. އެއީ ކަނާތު ފިޔައިގެ ސިޔާސީ ވާދަވެރިން ޕްރޮމޯޓް ކުރާ އަދި ސޯޝަލް މީޑިއާ ބޮޓްތަކުން ޕްރޮމޯޓް ކުރާ ކަމެއް ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ