ކޮޕް30 ސަމިޓްގެ ބޭރުގައި އެތައް ބަޔަކު މުޒާހަރާ ކުރަނީ
އދ ގެ މޫސުމާބެހޭ ސަމިޓް، ކޮޕް30 ކުރިއަށްދާ ބްރެޒިލްގެ ބެލެމް ސިޓީގެ މަގުތަކުގައި ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ މީހުންގެ އިތުރުން އެތައް ހާސް ބަޔަކު މުޒާހަރާ ކޮށްފިއެވެ. ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިޔަ އެ މުޒާހަރާގައި އެ މީހުން ވަނީ މި ޕްލެނެޓްގެ މުސްތަގުބަލު ހިމާޔަތް ކުރުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ. އެމްނެސްޓީ އިންޓަނޭޝަނަލްއިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ދީފައި ވަނީ ތެލާއި ގޭސް ހޮޅިތަކާއި ކޯލު މައިން ފަދަ ފޮސިލް ފިއުލް މަޝްރޫއުތައް ފުޅާވުމުން ދުނިޔޭގެ އެތައް ބިލިއަން ބަޔަކަށް ނުރައްކާވެފައިވާ ކަމަށް ބުނެފައެވެ. އެއްވެ ތިބި މީހުންނާ މުހާތަބު ކުރައްވައި ބްރެޒިލްގެ ތިމާވެއްޓާބެހޭ ވަޒީރު މެރީނާ ސިލްވާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެކަމަނާ ވިދާޅުވި ގޮތުގައި މިއީ މުޒާހަރާކޮށް އެއްވުން ބޭއްވޭނެ ތަނެއް ކަމަށާއި މިތަނުގައި ދެން ކޮޕް ސަމިޓްގައި ވާންޖެހޭ ކަންތައްތަކުގެ ރޯޑްމެޕެއް ތައްޔާރު ކުރެވިދާނެ ކަމަށެވެ. މުޒާހަރާގެ ބައިވެރިން ވަނީ މި ޕްލެނެޓްގެ މުސްތަގުބަލު ހިމާޔަތް ކުރުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައި. ފޮޓޯ/އޭއެފްޕީ ކޮޕް30 ގައި މިހާރުވެސް ވަނީ ގިނަ މުޒާހަރާތަކެއް ކޮށްފައެވެ. ބައެއް މީހުން ގަދަކަމުން ސަމިޓް ތެރެއަށް ވަދެވޭތޯ ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އަންގާރަ ދުވަހު ސެކިއުރިޓީ މުޒާހަރާގެ ބައިވެރިންނާމެދު ވަނީ ކުރިމަތިލުންތަކެއްވެސް ހިނގާފައެވެ. ކޮޕް30 ގެ މަޝްވަރާތައް ކުރިއަށް ގެންދަނީ ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި ދުނިޔެ 1.5 ސެލްސިއަސް ދުނިޔެ ހޫނުވާނެ ކަމަށް އދ ން މިދިޔަ މަހު އިންޒާރު ދީފައި ވަނިކޮށެވެ. ދުނިޔެ ހޫނުވުން ހުއްޓުވައި، އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަހަރުތަކެއް ވަންދެން ވެފައިވާ ވައުދުތަކަށް ފިޔަވަޅު އެޅުމުގެ މަގުސަދުގައި ބާއްވާ ކޮޕް30 ސަމިޓުގެ މަޝްވަރާތަކަށް މިހާރު ވަނީ ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައެވެ. ނަމަވެސް ދިރާސާކުރާ ބައެއް ފަރާތްތަކާއި ކޮޕް30 ގެ ބައެއް ބައިވެރިން ވަނީ ނޮވެމްބަރު 21 ގައި ނިންމާ އެ ސަމިޓްގެ މަޝްވަރާތަކުން ބޮޑެތި އާ އެއްބަސްވުންތަކެއް އުފެދިދާނެ ކަމަށް އުންމީދު ނުކުރާ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ