މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ ފަރާތްތަކަކުން ހަދަން ޖެހޭ ޕީސީއާރް ޓެސްޓް ހަދައިދޭނެ ބަޔަކު އެ ކުންފުނިން ހޯދާފައިވަނީ އެ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު މިނިސްޓަރާ ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.
މެމްބަރު ކުރެއްވި ސުވާލަކީ ސަރުކާރުން ހިންގާ ހޮސްޕިޓަލްތަކުން ހާޖީންނަށް ކޮވިޑް ޓެސްޓް ހެދޭނެ ގޮތް ހަމަޖެހިފައިވަނިކޮށް ހައްޖު ކޯޕަރޭޝަނުން ކްލިނިކަކަށް ފައިސާ ދައްކައިގެން ކޮވިޑް ޓެސްޓް ހަދާފައިވޭތޯއެވެ.
މި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ 1443 ވަނަ އަހަރުގެ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ ފަރާތްތަކަކުން ހަދަން ޖެހޭ ޕީސީއާރް ޓެސްޓް ހަދައިދޭނެ ބަޔަކު އެ ކުންފުނިން ހޯދާފައިވަނީ އެ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި ހައްޖުވެރިންގެ ޕީސީއާރް ޓެސްޓް ހަދައިދިނުމުގެ ޚިދުމަތް އެ ކުންފުންޏަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކުންފުނީގެ ޕޮލިސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރާއްޖޭގައި އެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ހޯދުނު އެންމެ ހެޔޮ އަގު ހުށަހަޅާފައިވަނީ މެޑިފްލެކްސް ލެބޯޓްރީން ކަމަށެވެ.
އެހެންކަމުން އެ ކުންފުނީގެ ފަރާތުން 1443 ވަނަ އަހަރު ހައްޖުވެރިންގެ ޕީސީއާރް ޓެސްޓް ހަދާފައިވަނީ މެޑިފްލެކްސް މެދުވެރިކޮށް ބޮލަކަށް 200 ރުފިޔާގެ ރޭޓުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި މި ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ ހޮސްޕިޓަލް ކަމުގައިވާ އައިޖީއެމްއެޗުން ޕީސީއާރު ހަދައިދެނީ ބޮލަކަށް 700 ރުފިޔާގެ ރޭޓުން ކަމަށާއި އަދި ޕޮލިސް ސާވިސްގައި އެ ޚިދުމަތަށް އެދުމުން ފުލުހުން ބުނެފައިވަނީ އެކަމަށް ބޭނުންވާ ކެމިކަލް ނެތް ކަމަށާއި ކެމިކަލް ހޯދުމަށް ހެލްތު މިނިސްޓްރީގައި އެދުމުން އެކަން ނުވިކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވެފައިވާއިރު މި އަހަރު ރާއްޖެއަށް ލިބުނު 453 ކޯޓާގެ ތެރެއިން 100 ކޯޓާގެ އާއްމުންނަށް ހުޅުވާލައިގެން ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނާއި ހަވާލު ކޮށްފައެވެ. އަދި އާއްމުންނަށް ހުޅުވާލައިގެން ހައްޖަށް ގެންދިއުމަށް ހާއްސަ ކޮށްފައިވާ 100 ކޯޓާއަށް މިހާރު ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ކިޔުއި ތިބި ފަރާތްތަކަށްވެސް މި އަހަރު ހައްޖަށް ގެންދިއުމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް އިލްސާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ނަމަވެސް މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދިން 453 ކޯޓާގެ ތެރެއިން 68 ކޯޓާ އިސްލާމިކް މިނިސްޓްރީއަށް ނަގާފައިވާކަމުގެ އަޑުތަކެއް މީގެ ކުރިން ވަނީ ފެތުރިފައެވެ.
ހައްޖު ކޯޕަރޭޝަނުން ޕީސީއާރް ޓެސްޓް ހަދައިދޭނެ ބަޔަކު ހޯދީ ރަނގަޅަށް: ޑރ. އަހުމަދު ޒާހިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ