ގާސިމް ބޭނުންވީ ކޯލިޝަން ހަދަން، ކުރިމަތިލަނީ މަޖުބޫރުވެގެން ކަމަށް ވިދާޅުވި: ރައީސް
މިއަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވަނީ ކައިރީގައި ތިއްބެވި ބައެއް ބޭފުޅުންގެ ލަފާގެ މަތިން، މަޖުބޫރުވެގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވި ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގުރާމުގައި މިއަދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދެވަނަ ދައުރަކަށް ގާސިމާއެކު އިންތިޚާބަށް ނުކުންނަން އެއްބަސް ނުވެވުނީ ވަކި ކަމަކާ އެއްބަސް ނުވެވިގެން ކަމަށް ވިދާޅުވެވެން ނެތް ކަމަށެވެ. "އަޅުގަނޑުމެންގެ ސިޔާސަތުތަކާ، ކުރިއަށްދާ ގޮތާ މެދު ވެސް ހިތްހަމަޖެހޭ ކަމަށް އެ ބޭފުޅުން ވިދާޅުވި. އަދި ކުރިއަށް މަސައްކަތް ކުރެވޭނީ ވެސް އެމްޑީޕީއާ އެކީގައި ކަމަށް ވެސް ގަބޫލު ކުރައްވާ،" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެހެންނަމަވެސް، ގާސިމްގެ ކައިރީގައި ތިއްބެވި ބައެއް ބޭފުޅުންގެ ޚިޔާލު އެކަމާ ތަފާތުކަމަށް އޭނާ ވިދާޅުވިކަމަށެވެ. "އަބަދުވެސް ގާސިމް ވިދާޅުވީ ތިމަންނަ މިހިރީ އެކަން ކުރަން ތައްޔާރަށޭ. ތިމަންނަ ދެކޭ ގޮތުގައި، ގައުމަށް އެންމެ ރަނގަޅު ކަމަށް ތިމަންނައަށް ފެންނަނީ ވެސް އަދި އަޅުގަނޑުމެން އެކީގައި ކުރިއަށް ދިއުމޭ"، "ނަމަވެސް ކައިރީގައި ތިއްބެވި ލަފާ ގާސިމަށް ދެއްވާ ބައެއް ބޭފުޅުންގެ ވިސްނުން އޭގެތެރޭގައި ތަފާތު ވާހަކަ ވިދާޅުވި. އެހެންވިމާ، މަޖުބޫރީ ހާލަތެއްގައޭ ތިމަންނަ މި ކުރިމަތިލަނީ. އެއީ ގާސިމް ވިދާޅުވާ ވާހަކައަކީ" އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެކަކީ ގާސިމް ކަމަށެވެ. ނަމަވެސް، ކޮވިޑުގެ ދުވަސްވަރު، އެކަހެރިކޮށް އުޅުއްވުމުން އެންމެ ފަހުގެ ކަންކަމާ ބެހޭ މައުލޫމާތު ލިބޭނީ ކައިރީގައި ތިއްބެވި ބޭފުޅުންގެ ފަރާތުން ކަމަށާއި، ގާސިމް ވަކިން ވާދަކުރައްވަން ނިންމެވުމާ ހަމައަށް ދިޔުން އެއީ "އެހެންވެ ދިމާވީ ކަމެއް ކަމަށް ވެދާނެ" ކަމަށް ރައީސް ވިދާޅުވިއެވެ. ގާސިމް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވީ ޖޭޕީގެ ކޮންގްރެެސްގައި ނެގި ވޯޓަކުން އެގޮތަށް ފާސްކުރުމުންނެވެ. އެއާއެކު، އެޕާޓީގެ އިސް ސަފުގައި އޭރު ތިއްބެވި ބައެއް ބޭފުޅުން ވަނީ ޕާޓީއާ ދުރަށް ވެސް ވަޑައިގެންފައެވެ. އެއާއެކު، އެމްޑީޕީގެ ފެކްޝަނެއްގެ ގޮތުގައި އޭރު އޮތް "ފިކުރެއްގެ ދިރުން" އާއި، ޕީޕީއެމްގެ އިތުރުން، އެމްއާރްއެމްއާއި، އެމްއެންޕީއާ އެކު ވެސް ގާސިމް އެދުވަސްވަރު މަޝްވަރާތަކެއް ބޭއްވެވިއެވެ. ނަމަވެސް އެއިން އެއްވެސް މަޝްވަރާއެއް ކޮޅެއްގައި ޖެހިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ