ރަނިންމޭޓަކަށް މާޒް ސަލީމް ހަމަޖައްސައި އުމަރު ކެންޑިޑެސީ ހުށަހަޅައިފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް، ރަނިންމޭޓަކަށް އަޙްމަދު ސަލީމް (މާޒް ސަލީމް) ހަމަޖައްސައި، އުމަރު ނަސީރު މިއަދު ކެންޑިޑެސީ ހުށަހަޅައިފިއެވެ. ކުރިން ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު، ފޯމް ހުށަހެޅުއްވުމަށް ދަރުބާރުގެއަށް ދެންމެ ވަޑައިގަތީ ސަޕޯޓަރުންނާ އެކުއެވެ. އަރިހުގައި މާޒް ސަލީމް ހުންނެވިއެވެ. ރަނިންމޭޓަކަށް ހަމަޖެއްސި މާޒް ސަލީމަކީ އުމަރުގެ ޒަމާންވީ އެކުވެރިއެކެވެ. ސަލީމް ވަނީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރިން ކުރައްވާފައެވެ. އިނގިރޭސިވިލާތުގެ ސަލްފޯޑް ޔުނިވާސިޓީއިން ވަރަށް ފަހުން ސަލީމް ވަނީ މާސްޓާސް ހާސިލް ކުރައްވާފައެވެ. މިއީ ރިޔާސީ އިންތިޚާބުގައި އުމަރު ވާދަ ކުރާ ދެވަނަ ފަހަރެވެ. ކުރިން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭނާ ވާދަކުރިއިރު ލިބުނީ މަދު ވޯޓެކެވެ. އޭގެ ފަހުން 2013 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް ހޯދުމަށް ރައީސް އަބްދުﷲ ޔާމީނާ ޕްރައިމަރީގައި އުމަރު ވާދަކުރެއްވިއެވެ. އެ އިންތިޚާބުވީ ނާކާމިޔާބެވެ. އޭގެ ފަހުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެކަން އިއުލާން ކުރި ނަމަވެސް އުމަރު ވާދަ ކޮށްފައެއް ނުވެއެވެ. މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް އުމަރު ކެމްޕެއިން ފެށިތާ ދުވަސްކޮޅެއް ވެއްޖެއެވެ. ގޭގެއަށް ޒިޔާރަތް ކުރުމާއި އިވެންޓްތައް ބޭއްވުމުގެ އިތުރުން މާލޭ މަގުތަކުގައި ފޮތިތައް ދެމުން ފަދަ ކަންކަން ވަނީ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ