މާދަމާ ހެނދުނާއި ހަމައަށް މޫސުން ގޯސްވާނެތީ ސަމާލުވުމަށް އެދިއްޖެ

ރާއްޖޭގެ އެކި ހިސާބުތަކަށް މާދަމާ ހެނދުނާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ، މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާގޮތުގައި މާދަމާ ހެނދުނާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
މިގޮތަށް ލަފާކޮށްފައިވާއިރު މިއަދު ހަވީރުން ފެށިގެން މާލެ ސަރަހައްދަށް ދަނީ ވިއްސާރަކުރަމުންނެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާއިރު އެމްއެންޑީއެފުން އަންނަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ބައެއް ގެތަކަށް ފެން ވަންނާތީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް އެމްއެންޑީއެފް އެފްއާރުއެސް އާއި މާލެ އޭރިއާ ކޮމާންޑުގެ ސިފައިން ދަނީ ކުރަމުންނެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ހއ. އިން ފެށިގެން ފ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ވަނީ ނެރެފައެވެ. އަދި ތ. އަތޮޅުން ފެށިގެން އެންމެ ދެކުނަށް ހުދު ސަމާލު ނެރެފައެވެ.
ބޯކޮށް ވާރޭވެހުނު ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާ ކުރެއެވެ.
ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެތަކަށް ފެން ވަންނާތީ ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ. އެގޮތުން ގެއަށް ފެން ވަނަނުދިނުމަށްޓަކައި ވެލި ބަސްތާ ޖެހުމާއި ފެނުގެ ސަބަބުން ގެއްލުން ވެދާނެ ފަދަ ތަކެތި ރައްކާތެރި ހިސާބުގައި ބެހެއްޓުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ