މި އަހަރުގެ މިހާތަނަށް ގެސްޓްހައުސްތަކަށް އައި ފަތުރުވެރިންގެ އަދަދު ދެ ލައްކައަށްވުރެ މަތިވެފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން އާންމުކުރި ހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް ގެސްޓް ހައުސްތަކަށް 201,182 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. އެއީ ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ 25.1 އިންސައްތައެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ ރިސޯޓުތަކަށެވެ. އެގޮތުން ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ 69.9 އިންސައްތަ ޒިޔާރާތްކޮށްފައިވަނީ ރިސޯޓުތަކަށެވެ. އެއީ 561,189 ފަތުރުވެރިންނެވެ.
އިއްޔެގެ ނިޔަލަށް ދިވެހިރާއްޖެއަށް ޖުމުލަ 823,174 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. އަދި އެ މުއްދަތުގައި އެވެރެޖުކޮށް ދުވާލެއްގެ މައްޗަށް 6,639 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 5.3 އިންސައްތަ ދަށް އަދަދެކެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިވަގުތު ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެގޮތުން އިއްޔެގެ ނިޔަލަށް ޗައިނާއިން 123,138 ފަތުރުވެރިން އައިސްފައިވާއިރު އެއީ ރާއްޖެ އައި ފަތުރުވެރިންގެ 15.3 އިންސައްތައެވެ.
ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި ޖުމްލަ 1,315 ތަނެއް ދަނީ ހިންގަމުންނެވެ. މިތަންތަނުގައި ފަތުރުވެރިކަމަށް 68,005 އެނދު އޮޕަރޭޓްކުރެއެވެ.
ގެސްޓްހައުސްތަކަށް އައި ފަތުރުވެރިންގެ އަދަދު ދެ ލައްކައަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ