ލަންކާގައި މިފްކޯގެ އުފެއްދުންތައް ތައާރަފްކޮށްފި

މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (މިފްކޯ) ގެ މަހުގެ އުފެއްދުންތައް ސްރީލަންކާގައި ރަސްމީކޮށް ތައާރަފްކޮށްފި އެވެ.މި އުފެއްދުންތައް ތައާރަފްކުރުމަށްޓަކާ ސްރީލަންކާގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ މަހުގެ އުފެއްދުންތައް ލަންކާއަށް ތަޢާރަފުކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.މި ރަސްމިއްޔާތުގައި މިފްކޯގެ އުފެއްދުންތައް ދައްކާލުމުގެ އިތުރުން، އެ އުފެއްދުންތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ދިވެހި ސަގާފީ 'މާލަފަތެއް' ވަނީ ދައްކާލާފަ އެވެ.މި ރަސްމިއްޔާތުގައި ސްރީލަންކާގެ މިނިސްޓަރ އޮފް ޓްރޭޑް ކޮމާސް، ފުޑް ސެކިއުރިޓީ އެންޑް ކޯޕަރޭޓިވް ޑިވެލެޕްމަންޓް ވަސަންތާ ސަމަރަސިންގެ އާއި ޑިވެލޮޕްމަންޓް އިންޓަރޕްލޭން ސިލޯންގެ ސީއީއޯ ޒުރައިޝް ހާޝިމް ބައިވެރިވެވަޑައިގެންނެވި އެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބައިނަލްއަޤުވާމީ ބާޒާރުގައި އިޝްތިހާރުކޮށް، ނަފާ އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.ކަނޑުގެ ވަސީލަތްތަކުން ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން، މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ "ފްރޮމް މޯލްޑިވްސް" ގެ ނަމުގައި ޤައުމީ އައު ބްރޭންޑެއްވެސް ތަޢާރަފްކޮށްފަ އެވެ. މި ބްރޭންޑަކީ ރާއްޖޭގެ އުފެއްދުންތެރިންނަށް ބައިނަލްއަޤުވާމީ ބާޒާރުގައި ވާދަވެރިކަމާއެކު ކުރިއަށް ދިއުމަށް މަގުފަހިކޮށްދިނުމަށް އުފައްދާފައިވާ ބްރޭންޑެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ