ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުޞަތުތައް ލަންކާގެ އިންވެސްޓަރުންނާ ހިއްސާކޮށްފި

ރާއްޖޭގައި ހުރި އިންވެސްޓްމަންޓާ ވިޔަފާރީގެ ފުރުޞަތުތަކުގެ މަޢުލޫމާތު ބޭރުގެ ފަރާތްތަކަށް ދިނުމަށް ކުރިއަށްގެންދާ "ބިޒްނަސް ފޯރަމް" ސްރީލަންކާގައި ބާއްވައިފިއެވެ. މިއީ މިގޮތަށް ބޭއްވި 10ވަނަ ފޯރަމެވެ.
ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ސްރީލަންކާގެ އިންވެސްޓަރުންނަށް ދިނުމަށް ސްރީލަންކާގައި ބޭއްވި ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ސްރީލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔަވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިފޯރަމްގައި ދިވެހި އިންވެސްޓަރުންނާއި ސްރީލަންކާގެ އިންވެސްޓަރުން ހިމެނޭހެން 300އެއްހާ މީހުން ބައިވެރިވިއެވެ.
މިފަހަރުގެ ފޯރަމްގައިވެސް ވަނީ، ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ފުރުޞަތުތަކުގެ މަޢުލޫމާތުތައް ވިޔަފާރިވެރިންނަށް ހިއްސާކޮށްފައެވެ. ޚާއްސަކޮށް ރާއްޖޭގައި އެކި ދާއިރާތަކުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ މަޢުލޫމާތުތައް ވަނީ ހިއްސާކޮށްފައެވެ. އޭގެތެރޭގައި ފަތުރުވެރިކަމުގެ ސިނާޢަތާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާގައި ހުރި ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތުތައް ހިއްސާކޮށްފައިވެއެވެ.
މިފޯރަމްގައި ވަނީ، ސަސްޓެއިނަބަލް ޓައުންޝިޕް އިންވެސްޓްމަންޓް މަޝްރޫޢާއި ރަސްމާލެ މަޝްރޫޢުގެ އިތުރުން ތިލަފުށީގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ޕޯޓް މަޝްރޫޢާ ގުޅޭ މަޢުލޫމާތުތައްވެސް އިންވެސްޓަރުންނާ ހިއްސާކޮށްފައެވެ.
ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތައް ލަންކާގެ އިންވެސްޓަރުންނަށް ހިއްސާ ކުރުމަށް ފޯރަމްއެއް ބޭއްވިއިރު، މިދިޔަ އަހަރު ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައިވެސް ރާއްޖޭގައި ބިޒްނަސް ފޯރަމެއް ބާއްވާފައިވެއެވެ.
ރާއްޖޭގައި އިންވެސްޓު ކުރުމަށް ހުރި ފުރުޞަތުތައް ބޭރުގެ ވިޔަފާރިވެރިންނަށް ހިއްސާ ކުރުމަށް އެކި ޤައުމުތަކުގައި އަންނަނީ، މިފަދަ ފޯރަމްތައް ބާއްވަމުންނެވެ. އެގޮތުން ޗައިނާ، ޔޫއޭއީ، އިންޑިއާ ސިންގަޕޫރުގެ އިތުރުން އިނގިރޭސިވިލާތުގައިވެސް މިފޯރަމް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ