ސްޓޭޓްފާމާއިން ޖުލައިގައި މަސައްކަތް ފަށާނެ، ހަމައަކަށް އެޅެން ހަ މަސް ނަގާނެ: ޑރ. ޝާހު
ބޭސް އެތެރެކުރުމުގެ މުޅި ނިޒާމު ހަރުދަނާކުރުމަށް ޓަކައި އަލަށް އުފެއްދި "ސްޓޭޓްފާމާ" ކުންފުނިން އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަސައްކަތްތަކާ ހަވާލުވާނެ ކަމަށާއި، ނަމަވެސް މި ނިޒާމު އެއްކޮށް ހަމައަކަށް އެޅުމަށް ހަ މަސްދުވަސް ނަގާނެކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން ޑރ. ޝާހު ވިދާޅުވީ، ޖުލައި އެކެއްގައި މަސައްކަތްތަކާ ހަވާލުވުމަށްފަހު، އެ ކުންފުނިން ޚިދުމަތްތައް އެންމެ ފުރިހަމައަށް ދިނުމަށް ޓަކައި ހަ މަސްދުވަހުގެ މުއްދަތެއް ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށްދާނީ ވަކި ޚާއްސަ ޓައިމްލައިނެއްގެ ދަށުންކަން އޭނާ ފާހަގަކުރެއްވިއެވެ. ޑރ. ޝާހު ވިދާޅުވި ގޮތުގައި، ބޭސް އެތެރެކުރުމުގައި މިހާރު ހުރި ގޮންޖެހުންތަކާއި އިޤްތިޞާދީ ދަތިތަކަށް ޙައްލެއް ހޯދުމަށް އިތުރު ވަގުތު ބޭނުންވަނީ މުހިންމު ކަންތައްތަކެއް ފުރިހަމަކުރުމަށެވެ. އޭގެ ތެރޭގައި ރަށްރަށުގައި ހުރި އެސްޓީއޯގެ ފާމަސީތައް ސްޓޭޓްފާމާގެ ދަށަށް ބަދަލުކުރުމާއި، ބޭނުންވާ ބޭސްތައް ދުރާލާ އޯޑަރުކުރުމާއި، މިކަމަށް ބޭނުންވާ މުޅި ނިޒާމު އެކުލަވައިލުން ހިމެނެއެވެ. "އެހެންވީމާ މި ހުރިހާ ކަމެއް ހާމަނައިޒްކުރުމަށް ޓަކައި އަޅުގަނޑަށް ލަފާކުރެވެނީ ހައެއްކަ މަސް ޓޭކްއޯވާ ތާރީޚުން ފެށިގެން ހައެއްކަ މަސް ނަގާނެކަމަށް މިއަށް ލޯންގްޓާމް ސޮލިއުޝަނެއް ހޯދަން،" އޭނާ ވިދާޅުވިއެވެ. https://sun.mv/221551 އޭނާ އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ވަގުތީ ހައްލެއް ހޯދުމުގެ ބަދަލުގައި، ރައްޔިތުންނަށް ބޭނުންވާ ބޭސް މެދުނުކެނޑި ލިބޭނެ ފަދަ ދާއިމީ އަދި އިތުބާރު ހުރި ނިޒާމެއް ޤާއިމުކޮށްދިނުން ކަމަށެވެ. ސްޓޭޓްފާމާ އުފައްދާފައިވަނީ ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސް ހެޔޮ އަގުގައި އެތެރެކޮށް، ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. ބޭސް ނުލިބުމުގެ ޝަކުވާއަކީ ވަރަށް ބޮޑަށް އާންމުން ކުރަމުން އަންނަ ޝަކުވާއެކެވެ. އެއް ބޭސް ފިހާރައިން އަނެއް ބޭސް ފިހާރައަށް ބޭހެއް ނުލިބިގެން ހިނގަންޖެހޭ ޖެހުމާއި، އާސަންދަ ކަވަރުނުކުރާނަމަ ބޭހެއް ގަންނަން އެތައް ގުނައެއް އިތުރަށް ޖީބުން ޚަރަދުކުރަން ޖެހޭތީ ވެސް އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ގިނައެވެ. އަދި ރާއްޖެއިން ނުލިބޭ ބޭސް، ރާއްޖެއިން ބޭރުން ގެންނަން ގިނަ ދުވަސްވާތީ އެ ކަންބޮޑުވުން ވެސް އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ