ދިވެހި ވިޔަފާރިތަކަށް ލަންކާއިން އިތުރު ފުރުސަތުތައް ފަހިކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންފި

ދިވެހި ވިޔަފާރިތަކަށް ސްރީލަންކާއިން އިތުރު ފުރުސަތުތައް ފަހިކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ސްރީލަންކާގައި ބޭއްވުނު މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ ލަންކާގެ ވިޔަފާރިތަކުން ރާއްޖޭގެ ފަތުރުވެރިކަމާއި އިމާރާތްކުރުމުގެ ދާއިރާގެ އިތުރުން ހިދުމަތްދޭ ދާއިރާތަކުގައި މިހާރުވެސް އަދާކުރަމުންދަނީ ނަމޫނާ ދައުރެއް ކަމަށެވެ.
ރާއްޖެއިން މަރުހަބާ ކިޔަނީ ހަމައެކަނި ފައިސާގެ ގޮތުގައި ކުރެވޭ އިންވެސްޓްމަންޓްތަކަށް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ފަންނީ އިލްމާއި ތަޖުރިބާ އަދި ދިގު މުއްދަތުގެ ގުޅުމަކަށް މަގުފަހިކޮށްދޭ އިންވެސްޓްމަންޓްތައް ކަމަށެވެ. އެއާއެކު ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ އިގްތިސާދީ ގުޅުން ހަމަހަމަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ޓަކައި، ދިވެހި ވިޔަފާރިތަކަށްވެސް ސްރީލަންކާގައި ފަހި ފުރުސަތުތަކެއް ފޯރުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ކުރިމަތިވާ ތިމާވެށީގެ އަދި އިގްތިސާދީ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ރައްކާތެރިކަމަކީ ދެ ގައުމުގެވެސް ކުރިއެރުމާ ސީދާ ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން ބަދަލުވަމުންދާ ދުނިޔޭގެ ހާލަތާ އެއްގޮތަށް ސިޓީތަކާއި ބަނދަރުތައް އަދި ހަކަތައިގެ ނިޒާމުތައް ފަރުމާކުރުމުގައި ދެ ގައުމު ގުޅިގެން އާ އީޖާދުތައް ހޯދަންޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިއީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ރަސްމީ ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އުފާވެރި މުނާސަބާއެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސްރީލަންކާއަކީ ރާއްޖެއާ އެންމެ ގާތް ގުޅުމެއް ބާއްވާ އަދި ރާއްޖޭގެ ތަރައްގީގެ ދަތުރުގައި އެންމެ މުހިންމު އެއް ބައިވެރިޔާ ކަމަށެވެ.
އެއާއެކު ރައީސް ވަނީ ރާއްޖޭގެ ތަރައްގީގެ ތަސައްވުރު ކަމުގައިވާ "ވިޝަން 2040" ގެ ދަށުން ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ، އެންމެންގެ ބައިވެރިވުން ހިމެނޭ އަދި ދެމެހެއްޓެނިވި ގައުމަކަށް ހެދުމަށް އަމާޒުހިފާފައިވާކަމުގައި ވިދާޅުވެފައެވެ. މި ތަސައްވުރަކީ ހަމައެކަނި ދެކޭ ހުވަފެނެއް ނޫންކަމަށާ، މިއީ ސަރުކާރުގެ ކޮންމެ ސިޔާސަތެއް ބައްޓަންކުރުމުގައި އިސްކަންދޭ ކަމެއްކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ވޭތުވެދިޔަ 40 އަހަރު ދުވަހު އަމަލުކުރަމުން އައި އުސޫލުތަކުގެ ބަދަލުގައި ޒަމާނީ ފޮރިން އިންވެސްޓްމަންޓް ގާނޫނެއް ތައާރަފުކޮށް ބޭރުގެ އިންވެސްޓަރުންނަށް އިތުބާރާއި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން "ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަޔާމަންޓްސް" މުރާޖައާކުރެވިފައިވަނީ ވެސް މި ތަސައްވުރަށް ވާސިލުވުމަށްކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވަނީ މި ފޯރަމް ޝަރަފުވެރިކޮށްދެއްވި ކަމަށްޓަކައި ސްރީލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާއަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ