"ރާއްޖެއަކީ އިންޑިއާ ކަނޑުގެ މުހިއްމު އިޤްތިޞާދީ މަރުކަޒަކަށް ހެދުމަކީ އަމާޒެއް"

ފަތުރުވެރިކަމުގެ އިތުރުން، ރާއްޖެއަކީ އިންޑިއާ ކަނޑުގެ މުހިއްމު އިޤްތިޞާދީ މަރުކަޒަކަށް ހެދުމަކީ އަމާޒެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މޯލްޑިވްސް – ސްރީލަންކާ ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.
މޯލްޑިވްސް – ސްރީލަންކާ ބިޒްނަސް ފޯރަމްއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ފެއްޓެވި ސިލްސިލާ ފޯރަމްތަކުގެ ތެރެއިން 10ވަނަ ފޯރަމްއެވެ. މި ފޯރަމްގައި ވާހަކަ ދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވާފައެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، މިކަމުގައި ރާއްޖޭގެ އަމާޒު ވަރަށް ސާފު ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖެއަކީ ހަމައެކަނި ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމުގެ އިތުރުން، އިންޑިއާ ކަނޑުގެ މުހިންމު އިޤްތިޞާދީ މަރުކަޒަކަށް ހެދުން ކަމަށެވެ. އޭގެތެރޭގައި ވިޔަފާރިއާއި، ރައުސުލްމާލް އަދި އައު އީޖާދުތައް ގުޅުވައިދޭ މަރުކަޒަކަށް ރާއްޖެ ހެދުމަކީ އަމާޒެއް ކަމަށް ވިދާޅުވިއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ މާލީ ދާއިރާއާއި، ފަތުރުވެރިކަމާއި، ދަތުރުފަތުރާއި، އުފެއްދުންތެރިކަމުގެ އިތުރުން މަސްވެރިކަމުގެ ދާއިރާގައި ސްރީލަންކާގެ ކުންފުނިތަކުގެ ބައިވެރިވުން މިހާރުވެސް ވަރަށް ބޮޑު ކަމަށެވެ. މިއީ ހަމައެކަނި ވިޔަފާރީގެ މަންފާއަކަށްޓަކައި ކުރާ ކަމެއް ނޫންކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް އިތުބާރާއި، ގާތްކަމުގެ ރަމްޒެއް ކަމަށެވެ.
"ކުދި ޖަޒީރާ ގައުމުތަކަކަށް ވީތީ، ދެ ގައުމަށްވެސް ކުރިމަތިވަނީ އެއްގޮތް ހަގީގަތްތަކެއް. އެއީ މާކެޓް ކުޑަވުމާއި، ބޭރުގެ އިގްތިސާދީ ލޮޅުންތަކުގެ އަސަރު ފަސޭހައިން ފޯރުމާއި، އަދި އިގްތިސާދު ސިންދަފާތުކޮށް އައު އީޖާދުތަކުގެ އެހީގައި ގައުމުގެ ފުދުންތެރިކަން އިތުރުކުރަން ޖެހިފައިވުން. މި ގޮންޖެހުންތަކަކީ އަޅުގަނޑުމެން ގުޅިގެން މަސައްކަތްކުރުމަށް ލިބޭ ފުރުސަތުތަކެއްވެސްމެ." ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ރާއްޖެއާއި ސްރީލަންކާގެ ވިޔަފާރީގެ ގުޅުމަށް ބަލާއިރު، މިހާރު ރާއްޖެއިން ލަންކާއާއެކު ކުރާ ވިޔަފާރީގައި 166 މިލިޔަން ޑޮލަރަށްވުރެ ބޮޑު ޑެފިސިޓެއް އެބައޮތްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއިން ދޭހަވަނީ ރާއްޖޭގެ ބާޒާރުގައި ސިލޯނުގެ މުދާ ގިނަ އަދަދަކަށް ހުރިކަންކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، މި ބިޒްނަސް ފޯރަމްއަކީ ދެ ޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރި އިތުރަށް ފުޅާކޮށް، އިންވެސްޓްމަންޓްތައް އިތުރުކޮށް، އަދި ދެ ގައުމު ގުޅިގެން ބޮޑެތި މަޝްރޫއުތައް ހިންގައިގެން މި ގުޅުން އިތުރަށް ވަރުގަދަކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ