ލަންކާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް: ރައީސް

އަވަށްޓެރި ސްރީ ލަންކާ އަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށާއި ޓޫރިޒަމާއި އިމާރާތް ކުރުމާއި ހިދުމަތުގެ ދާއިރާގައި ވެސް އެ ގައުމުގެ ދައުރު ބޮޑުކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރަސްމީ ދަތުރުފުޅެއްގައި މިހާރު ލަންކާއަށް ވަޑައިގެން އުޅުއްވާ ރައީސް މިއަދު ވަނީ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން އެ ގައުމުގައި ބޭއްވި 'މޯލްޑިވްސް-ސްރީ ލަންކާ ބިޒްނަސް ފޯރަމް'ގައި ތަގުރީރުކުރައްވާފަ އެވެ.
ތަފްސީލް - ރާއްޖޭގެ ތަރައްގީގައި ލަންކާގެ ދައުރު އޮތްކަން ފާހަގަ ކުރައްވައި އެ މަނިކުފާނު ވިދާޅުވީ އުމްރާނީ ތަރައްގީ އާއި ދެމެހެއްޓެނިވި ޓޫރިޒަމާއި ޑިޖިޓަލް އީޖާދުތައް ފަދަ ދާއިރާތަކުން ދެ ގައުމު ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމަށް ރައީސް ދައުވަތު ދެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި:
ހަމަހަމަކަމާއި ދެމެހެއްޓެނިވި އިގްތިސޯދީ ބައިވެރިންގެ ގޮތުގައި ކުރިއަށް ދިޔުމަށް، ދެ ގައުމުގެ ދެމެދުގައި އިންވެސްޓްމެންޓްތައް ބަދަލު ކުރުން މުހިއްމު
އަދި އީޖާދީ ކަންކަން ކުރިއެރުވުމަށާއި ގޮންޖެހުންތަކާ ކުރިމަތިލައި ސަރަހައްދީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަ ކުރެއްވި
އެ ތަގުރީރުގައި ރައީސް ވަނީ ރާއްޖޭގެ ތަރައްގީގެ ބައެއް ތަޖުރިބާތައް ހިއްސާކުރައްވާފަ އެވެ. އެގޮތުން އެ މަނިކުފާނު ވިދާޅުވީ:
ސްޕެޝަލް އިކޮނޮމިކް ޒޯންސް (އެސްއީޒެޑް)ގެ ގާނޫނަށް ގެނައި އިސްލާހުތަކަކީ، ރާއްޖޭގެ ތަރައްގީގެ ދެވަނަ މަރުހަލާއަށް ދިޔުމަށް އެޅުނު އެންމެ ބޮޑު ފިޔަވަޅު ކަމަށް
ރާއްޖެއަކީ ހަމައެކަނި ވިޔަފާރިއަށް ހުޅުވާލެވިފައިވާ ތަނެއް ނޫން ކަމަށް. އޭގެ ބަދަލުގައި މި ސަރަހައްދުގައި ކުރިއަރަމުން އަންނަ ޑިޖިޓަލް ހަބެއްގެ ގޮތުގައި ވެސް ރާއްޖެ އިތުބާރު ހޯދަމުން އަންނަ ކަމަށް
ރައީސް ވިދާޅުވި ގޮތުގައި ތަރައްގީގެ ދަތުރުގައި ރާއްޖެ މިހާރު އޮތީ ވަރަށް މުހިއްމު މަރުހަލާއެއްގަ އެވެ. އެ ދަތުރު ކުރިއަށް ގެންދަނީ 'ވިޝަން 2040'ގެ ދަށުން ކަމަށާއި އެއީ އެންމެން ބައިވެރިވާ، ދެމެހެއްޓެނިވި ގައުމެއް ބިނާކުރުމަށް ވެފައިވާ އިގުރާރެއް ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ