ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި ތިބެ ކުރާ މުޢާމަލާތްތަކަށް ހުއްދަ ދިނުމުގެ ކުރިން ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުރިކަން ކަށަވަރު ކުރުމަކީ، މާލީ ކުށްތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި ބޭންކުން އެޅި މުހިއްމު ފިޔަވަޅެއްކަމަށް ބެންކް އޮފް މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ.
ކާޑު ބޭނުން ކޮށްގެން އޮޅުވާލައިގެން މަކަރާއި ހީލަތުން ހިންގާ އެކި ކުށްތަށް އިތުރުވުމާއި ގުޅިގެން ބީއެލްއެމްއިންވަނީ، މޯލްޑިވްސް އިމިގްރޭޝަނާއެކު ކުރި މަސައްކަތުން ބީއެމްއެލްގެ ކަސްޓަމަރުންގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން، ކުރާ މުޢާމަލާތްތަކަށް ހުއްދަދޭއިރު، ކާޑުގެ ވެރިފަރާތް އެވަގުތު ހުރީ ރާއްޖޭން ބޭރުގައިކަން ކަށަވަރު ކުރުމުގެ މަސައްކަތް ފަށާފައެވެ. ބީއެމްއެލްއިން ވިދާޅުވީ މިފިޔަވަޅު އަޅަން ޖެހުނީ، ކާޑުގެ ވެރިފަރާތަށް ނޭނގި ނުވަތަ އޮޅުވާލައިގެން ކާޑު ގެންގޮސްގެން އަދި ކާޑު ނަކަލު ކޮށްގެން ރާއްޖެއިން ބޭރުގައި ހުއްދަނެތް މުއާމަލާތްތަކެއް ހިންގާފައިވާ މައްސަލަތަކެއް ފާހަގަވެފައިވާތީ ކަމަށެވެ.
ބީއެމްއެލްއިން ވިދާޅުވީ މިހާރު ގެނައި ބަދަލާއެކު، ރާއްޖެއިން ބޭރުގައި ކާޑުގެ ޕީއޯއެސް އަދި އޭޓީއެމް ފަދަ ޗެނަލްތަކުގައި ކުރަންޖެހޭ މުއާމަލާތްތައް ކުރެވޭނީ، ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުރެގެން ކަމަށެވެ. އަދި އެހެން ފަރާތަކުން ރާއްޖޭގައި ހުރި މީހެއްގެ ކާޑު ހިފައިގެން ގޮސް ރާއްޖެއިން ބޭރުގައި ބޭނުން ނުކުރެވޭނެ ކަމަށެވެ. މީގެތެރޭގައި ކާޑުގެ މަޢުލޫމާތްތައް ބޭނުން ކޮށްގެން ހަދާ އީ-ކޮމާސް ޓްރާންސެކްޝަންތައް ނުހިމެނޭ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
ބޭންކުން ވިދާޅުވީ، މިފިޔަވަޅު އެޅުމަށް އިމިގްރޭޝަނާއެކު އެއްބަސްވުމެއް އެކުލަވާލެވުނު ނަމަވެސް، މިކަމަށްޓަކައި ކަސްޓަމަރުންގެ މަޢުލޫމާތު ހިއްސާ ނުކުރާނެ ކަމަށެވެ. ކާޑުން ކުރާ މުޢާމަލާތްތަކުގެ ސައްޙަކަން ކަށަވަރު ކުރުމަށް ޤާއިމުކުރެވިފައިވާ އޮޓޮމެޓިކް ސިސްޓަމަކުން އޭނާ ހުރީ ރާއްޖެއިން ބޭރުގައިކަން އޮޓޮމެޓިކްކޮށް ބަލާލެވޭނެ ކަމަށެވެ.
ބީއެމްއެލްއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ކާޑު ބޭނުން ކުރުމުގެ އާންމު އުސޫލުތަކާއި ޝަރުތުތަކުގައި، ކާޑުގެ ވެރިފަރާތުން ދޭންޖެހޭ އަދި ކާޑު ބޭނުން ކުރުމުގައި ވެރިފިކޭޝަން ހަދަންޖެހޭ މަޢުލޫމާތު ހޯދުމުގެ ހުއްދަ ކާޑުގެ ވެރިފަރާތުން ބޭންކަށް އަބަދުވެސް ދީފައިވާ ކަމަށެވެ.
ކާޑުގެ މުޢާމަލާތްތަކުގެ ސައްހަކަން ދެނެގަތުމަކީ، ބައިނަލްއަޤުވާމީ ކާޑު ނެޓްވޯކްތަކުގެ މިންގަނޑުތަކުގެ ދަށުން، ދުނިޔޭގެ ޕޭމަންޓް ނިޒާމުތަކުގެ އިތުބާރު ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށްވެސް ބީއެމްއެލްއިން ވިދާޅުވެއެވެ.
"ކާޑުތަކުން ކުރާ މުޢާމަލާތްތައް ކަށަވަރުކުރުމަށް ބޭރުގައި ހުރިތޯ ބަލާނެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ