މޫސުން ރަނގަޅުވުމުން އަމީނީ މަގުގެ މަސައްކަތް އަލުން ފަށައިފި

މެެދުކެނޑުމެއް ނެތި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުގެ ސަބަބުން އަމީނީ މަގު ހެދުމުގެ މަސައްކަތް އިއްޔެ މެދުކަނޑާލުމަށް ފަހު، އެ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން މިއަދު އަލުން ފަށައިފިއެވެ.އާރް.ޑީ.ސީއިން ވަނީ އާދިއްތަ ދުވަހު މާލެއަށް ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން އަމީނީމަގުގެ މަސައްކަތްތައް މަޑުޖައްސާލާފައެވެ. އަދި އަމީނީމަގުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަކީ ހިނގާބިނގާވެ އުޅުމަށް އާންމުންނަށް ރައްކާތެރި ސަރަޙައްދަކަށް ނުވުމުން، އެ ސަރަހައްދަށް ނުވަނުމަށްވެސް އެކުންފުނިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރަމުން ދަނީ މަގު ކޮނެގެން ކުރަންޖެހޭ މަސައްކަތެވެ. އެގޮތުން ކޭބަލްތައް ވަޅުލުމާއި، ޕަންޕް ސްޓޭޝަންތައް ހެދުމާއި، ޕޭމަންޓް ކައިރީގައި ޖަހަންޖެހޭ ގައުތައް ޖެހުން ފަދަ މަސައްކަތް ދަނީ ކުރަމުންނެވެ. އާރްޑީސީން ކުރަމުން އަންނަނީ އަމީނީމަގުގެ ސެގްމެންޓް 12 އަދި 13 ހެދުމުގެ މަސައްކަތެވެ. އެއީ އެމަގުގެ ނުނިމި އޮތް ބައެވެ. މޫސުންތަންދޭނަމަ ގާތްގަނޑަކަށް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާ އަމީނީ މަގުގެ ބަންދުކޮށްފައިވާ ސަރަހައްދު އާއްމުންނަށް ހުޅުވާލެވޭނެކަމަށް އާރްޑީސީއިން ބުނެއެވެ.ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކޮށްގެން އަމީނީ މަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުއެވެ. މި ޕްރޮޖެކްޓް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ.އަމީނީ މަގުގެ މިހާރު ހަދަމުންދާ ބައި އިތުރަށް ފުޅާކޮށް، ސްކޫލް ހުޅުވުމުގެ ކުރިން ހުޅުވުމަށް އެކުންފުނިން މަސައްކަތްކުރަމުންދާ ކަމަށް، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޢަބްދުﷲ މުއްތަލިބު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ