އެޑިއުކޭޝަން މިނިސްޓްރީގެ އެންމެ ބޮޑު ޚަރަދެއް ދަނީ ސްކޫލުތަކުގެ ކަރަންޓަށް ކަމަށާއި، މި ޚަރަދު ކުޑަ ކުރުމަށް ސްކޫލުތަކުގެ ދަރިވަރުންނާއި މުވައްޒަފުން ހޭލުންތެރި ވާންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޒްލީން އަހްމަދު ވިދާޅުވެއްޖެ އެވެ.
މާލޭގެ 4 ސްކޫލެއްގައި ހަކަތަ ބޭނުންކުރެވޭ ގޮތާއި ހަކަތަ އިސްރާފު ކުރުން މަދު ކުރެވޭނެ ގޮތްތަކުގެ މައްޗަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ހެދި އޮޑިޓް ރިޕޯޓު ނެރުމަށް މިއަދު ސްޓެލްކޯގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އަޒްލީން ވިދާޅުވީ މިއީ ވަރަށް ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށާއި، ދުރާލާ ރާވައިގެން ފިޔަވަޅުތަކެއް އެޅިއްޖެ ނަމަ މި މައްސަލަ ހައްލު ކުރެވޭނެ ކަމަށެވެ.
"ކޮންމެހެން މުހިއްމު ނޫން ދަނޑިވަޅުތަކުގައި ކަރަންޓަށް ތަންކޮޅެއް ބޮޑަށް ސަމާލުކަމެއް ދެއްވައިގެން މިކަންކަން އެންކަރޭޖް ކުރެވިދާ." އަޒްްލީން ވިދާޅުވި އެވެ.
މީގެ އިތުރުން، އަޒްލީން ވަނީ، ތިމާވެށީގެ ކަންކަން ހައްލު ކުރުމަށާއި ތިމާވެށި ރައްކާތެރި ކުރުމަށްޓަކައި ސްކޫލްތަކުގެ ތިމާވެއްޓާ ބެހޭ ކްލަބު ޖަމިއްޔާތައް އުފައްދައިގެން، އެ ކްލަބްތައް މެދުވެރިކޮށް ބައިލއަންއަޤްވާމީ ޖަމިއްޔާތަކުގެ އެހީ ހޯދައިގެން ޤައުމީ ފެންވަރުގައި ތިމާވެށި ރައްކާތެރިކުރުމަށް ކެމްޕޭނެއް ފަށައިގަތުމަށް ގޮވާލާފަ އެވެ. އަދި މިހާރު ސްކޫލުތަކުގައި އުޅެނީ މުސްތަޤްބަލުގެ ލީޑަރުން ކަމުން، އެ ކުދިންގެ ފަރާތުން މިހާރު މިކަން އަށަގަންނުވައިފިއްޔާ ހެޔޮ ބަދަލެއް ފެންނާނެ ކަމަށް އަޒްލީން ވިދާޅުވި އެވެ.
"ކުދިން މުސްތަގުބަލުގެ ލީޑަރުންނަށް ވެގެން މި މަގާމުތަކާ ހަވާލުވެ ތިއްބަވާ އިރުގާ މި ލެވެލްގައި މިއަދުން ފެށިގެން ދަރިވަރުން އުޅުއްވައިފިއްޔާ އަޅުގަނޑުމެންނަށް ޔަގީން ޕޮޒިޓިވް ޗޭންޖުތަކެއް ފެންނާނެ." އަޒްލީން ވިދާޅުވި އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީއިން ޚާއްސަކޮށް ތައްޔާރުކުރި އޮޑިޓް ރިޕޯޓުގައި، ބުނެފައި ވަނީ، އެންމެ ގިނައިން ކަރަންޓު ބޭނުންކުރެވެނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 10:00 އާ މެންދުރުފަހު 15:00 އާ ދޭތެރޭގައި ކަމަށާއި، ބަންދު ދުވަސްތަކާއި ބަންދު ނޫން ދުވަސްތަކާ މި ކަމުގައި ވަކި ތަފާތެއް ނެތް ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި، އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުލްމަތީން މުހައްމަދާއި، އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލުންނާއި، އަދި މާލޭގެ އެކިއެކި ސްކޫލުތަކުގެ އިސް ދަރިވަރުންނާއި މުދައްރިސުން ބައިވެރިވި އެވެ.
ކަރަންޓު ޚަރަދު ކުޑަ ކުރުމަށް ސްކޫލު ދަރިވަރުންނާއި މުވައްޒަފުން ހޭލުންތެރި ވާންޖެހޭ - އެޑިއުކޭޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ