ފޭދޫ ދާއިރާގެ މައްސަލައިގެ ޝަރީއަތް މާދަމާ

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އިންތިހާބާ ގުޅިގެން ހުށައަޅާފައިވާ މައްސަލައާ ގުޅިގެން ހައިކޯޓަށް ހުށައަލާފައިވާ މައްސަލައިގެ އަޑުއެހުމެއް މާދަމާ ބައްވާގޮތަށް ހައިކޯޓުގައި ތާވަލުކޮށްފި އެވެ.
ފޭދޫ ދާއިރާގެ އިންތިހާބު ބާތިލުކޮށްދިނުމަށް ހައިކޯޓަށް ހުށައެޅުއްވީ އެ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނިހާދު އެވެ. އެ ދާއިރާގެ އިންތިހާބު ކާމިޔާބުކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް އިބްރާހިމް ދީދީ އެވެ.
އެ މައްސަލައިގެ އަޑުއެހުން އޮންނާނީ މާދަމާ މެންދުރު 2:15 ގައެވެ.
ފޭދޫ ދާއިރާގެ އިންތިހާބު ބާތިލުކޮށްދިނުމަށް ނިހާދު ފުރަތަމަ ހައިކޯޓަށް މައްސަލަ ހުށައެޅުމުން ހައިކޯޓުގެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމައިފަ އެވެ.
ނަމަވެސް ރަޖިސްޓްރާ މައްސަލަ ބަލައިނުގަތުމުން ނިހާދުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރެއްވުމުން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމެވީ އެ މައްސަލަ ބަލައިގަތުމަށެވެ.
ހައި ކޯޓުގެ ގަވާއިދު ބުނާ ގޮތުން ރެޖިސްޓްރާގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުމެއް އަލުން ބަލައި ދިނުމަށް އެދި ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅިދާނެ އެވެ.
ހައި ކޯޓަށް މަޖިލިސް އިންތިހާބާ ގުޅޭ މައްސަލަ ހުށަހެޅުމުގެ ފުރުސަތު މިދިޔަ ހުކުރު ދުވަހުގެ ރޭ ބަންދުވިއިރު އިންތިޚާބު ބާތިލްކޮށްދިނުމަށް އެދި 16 ދާއިރާއެއްގެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވެ އެވެ. ނަމަވެސް ހައިކޯޓުން ބަލިގެންފައިވަނީ އޭގެތެރެއިން 13 މައްސަލައެކެވެ.
ފޭދޫ ދާއިރާގެ މައްސަލަ ފިޔަވާ ދެން ހައިކޯޓަށް ހުށައެޅުނު ހުރިހާ މައްސަލައެއްގެ ޝަރީއަތް ވެސް މިހާރު އެ ކޯޓުގައި ވަނީ ފެށިފައެވެ.
އިންތިޚާބާ ބެހޭ ގާނޫނު ބުނާގޮތުން އެ ބާވަތުގެ މައްސަލަތަކަކީ ރަސްމީ ނަތީޖާ އިއުލާން ކުރާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ބަލައި ނިންމަންޖެހޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ