ތައުލީމީ ދާއިރާގެ ވެކްސިނޭޝަން ކެމްޕޭނެއް ފަށައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ތައުލީމީ ދާއިރާއަށް ވެކްސިނޭޝަން ކެމްޕޭނެއް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.
މި ކެމްޕެއިން ޕްރޮމޯޓްކުރުމަށް ސޯޝަލްމީޑިއާގައި "#ދަރިވަރުންނަށްރައްކާތެރިކަން." ބޭނުންކޮށްގެން އެޑިއުކޭޝަން މިނިސްޓްރީން އަދި ސްކޫލްތަކުން އަންނަނީ ސޯޝަލްމީޑިއާގައި ޕޯސްޓްތައް ހިއްސާކުރަމުންނެވެ.
#ދަރިވަރުންނަށްރައްކާތެރިކަންކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ވެކްސިންގެ ޑޯޒްތައް އެންމެން ފުރިހަމަ ކުރުން މުހިއްމު https://t.co/iTtDNAhkKw
— Ministry of Education (@MoEdumv) August 5, 2021
ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ސްކޫލްތަކުގެ މުވައްޒަފުން ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިން ޖަހަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކުގެ ވެެރިންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ސްކޫލުތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ވެސް ސްކޫލުގެ ކިޔަވައިދިނުން އާންމު ހާލަތުގައި ކުރިއަށް ގެންދިއުމަށް ވެކްސިންގެ ޑޯޒްތައް ވީއެންމެ އަވަހަކަށް ފުރިހަމަކުރުމަށް ބާރުއަޅާ ކަމަށެވެ.
އެގޮތުން ވެކްސިންގެ އެއް ޑޯޒް ޖަހައި، ދެވަނަ ޑޯޒް ފުރިހަމަކޮށްފައިނުވާ ފަރާތްތަަކަށް ވެކްސިން ފުރިހަމަކުރުމަށް ފަސޭހަ އިންތިޒާމުތަކެއް މާލެ އާއި އަތޮޅުތެރޭގައި ހަމަޖެއްސުމަށް މަޝްވަރާކޮށްފައިވާ ކަމަށާއި އަދި ފުރަތަމަ ޑޯޒް ނުޖަހައި ތިބި މުވައްޒަފުންނަށް ވެސް ވެކްސިން ޖެހުމަށް ފަސޭހަ ގޮތެއް ހޯދައިދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެއިތުރުން މިނިސްޓްރީން ވަނީ އެއްވެސް ސަބަބަކާ ހުރެ ވެކްސިން ޖެހެން ނެތް ނަމަ، ވެކްސިން ނުޖެހޭ ސަބަބު އަންގައިދޭ އެޗްޕީއޭގެ ލިޔުމެއް ސްކޫލަށް ހުށަހެޅުމަށް ވެސް އެދިފައެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ