މިހާރު ރާއްޖޭގައި މިއޮތީ "ސިޔާސީ ކާރިސާއެއް" ކަމަށް ކަމަށާއި އެ ކާރިސާއިން ސަލަމާތްވެވޭނީ ރައްޔިތުން އެއްބައިވެ އެކަތިގަނޑަކަށްވެ އެކަމާ ދެކޮޅަށް މަސައްކަތް ކޮށްގެން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ސިއްސުވާލި އިންޑިއާ ކަނޑުގެ ސުނާމީ ހާދިސާއަށް 13 އަހަރު ފުރުމާ އާއި، އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ރައީސް މައުމޫން ދެއްވި ހާއްސަ މެސެޖްގައި އެމަނިކުފާނު ވިދާޅުވީ، އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރާއިރު ސުނާމީ ކާރިސާގައި ރައްޔިތުން ދެއްކި އެއްބައިވަންތަކާއި އެކުވެރިކަމުގެ ނަމޫނާއިން މިސާލު ލިބިގަންނަންޖެހޭ ކަމަށެވެ. އެ ދުވަހު ރައްޔިތުން އިސްކުރީ ގައުމީ މަސްލަހަތާއި ގައުމީ އެއްބައިވަންތަކަން ކަމަށެވެ.
ގައުމަށް ދިމާވާ މިފަދަ ކޮންމެ ހާލަތަކެއްގައި ވެސް ގައުމީ މަސްލަހަތު އިސްކުރުމަކީ ކޮންމެ ފަރުދަކަށް ވެސް އޮތް ޒިންމާއެއް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. ސުނާމީ ކާރިސާގައި ދެއްކި އެއްބައިވަންތަކަމުން މިސާލު ލިބިގަނެ، މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކާ ދެކޮޅަށް ވެސް ރައްޔިތުން އެއްބައިވަންތަވުމަށް ރައީސް މައުމޫން މިރޭ ގޮވާލެއްވި އެވެ.
"ރާއްޖެއަށް މިހާރު ވެސް ދިމާވެފައި މިވަނީ ބިރުވެރިކަމާއި ނާމާން ކަމުގެ ދުވަސްތަކެއް، އެތައް ބައިވަރު ރައްޔިތުންނަށް ދަނީ ނުހައްގުން އަދަބު ލިބެމުން، އޭރު ވެސް ސުނާމީ ކާރިސާއިން އަރައިގަތުމަށް ރައްޔިތުން މުޅި ދުނިޔެއަށް ދައްކުވައިދިން އެއްބައިވަންތަކަން ނަމޫނާއަކަށް ބަދަލައިގެން ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ ކާރިސާއިން ސަލާމަތް ވުމުގެ މަސައްކަތް ދިވެހިން ކުރަންޖެހޭ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒުގައި އިއްވި ރައީސް މައުމޫންގެ މެސެޖްގައި އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަށް މިހާރު ދިމާވެފައިވާ ސިޔާސީ ކާރިސާއިން ސަލާމަތްވުމަށް ގުޅިފައިވާ ޕާޓީތަކުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އެމަނިކުފާނުގެ ދުއާއަކީ ރާއްޖެއަށް ސިޔާސީ ހަމަޖެހުން ލިބުން ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިނިވަން ޑިމޮކްރަޓިކް ވެއްޓެއް ރާއްޖޭގައި ގާއިމުކުރެވުމަކީ ވެސް އެމަނިކުފާނުގެ އުއްމީދެއް ކަމަށް ވިދާޅުވި އެވެ.
ސުނާމީ ހިތްދަތި ހަނދާންތައް އާ ކުރައްވަމުން، މިހާރު ރާއްޖޭގައި އޮތް މައްސަލަތައް ހައްލުކުރުމަށް އެއްބައިވުމަށް ރައީސް މައުމޫން ގޮވާލެއްވިއިރު އިދިކޮޅު އަނެއް ތިން ލީޑަރުން ވެސް މިރޭ ވަނީ ހަމަ ގޮވާލެއްވުން ތަކުރާރުކުރައްވާފަ އެވެ. މިއީ އިދިކޮޅު ކޯލިޝަން ރޫޅި، ބައިބައިވެފައިވާ ކަމަށް ބުނެ ސަރުކާރުން ކިޔަމުންދާ ފާޑުކިޔުންތަކަށް އެ ހަތަރު ލީޑަރުން ދެއްވި ރައްދެއް ކަމަށް ބެލެވެ އެވެ.
މިއީ ސިޔާސީ ކާރިސާއެއް، ސަލާމަތްވެވޭނީ އެއްބައިވެގެން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ