މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ މުދަލުގެ ރައްކާތެރިކަމަށް ފުލުހުން އެދިއްޖެ

މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރާގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރާވެހި ވައިގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލާފަކޮށްފައިވާތީ، އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޯލްޑިވުސް ޕޮލިސް ސާރވިސް އިން އިލްތިމާސްކޮށްފިއެވެ.ފުލުހުންގެ ރަސްމީ ވެބްސައިޓުގައި ޝާޢިއުކޮށްފައިވާ ބަޔާނުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަޤީންކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް މުދާ އުފުލާ އުޅަނދުތައް ބަރުކުރުމުގައި ހުއްދަ ދެވިފައިވާ މިންގަނޑަށްވުރެ ބަރު ނުކުރުމަށާއި، ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓުމަށްވަނީ އިލްތިމާސްކޮށްފައެވެ.މީގެ އިތުރުން މުވާސަލާތު ކުރުމަށް ބޭނުންކުރާ ސެޓް ފަދަ ތަކެތި ރަނގަޅަށް މަސައްކަތް ކުރޭތޯ ޔަޤީން ކުރުމަށްފަހު ނޫނީ ދަތުރު ނުފެށުމަށެވެ. މޫސުމަށް އަންނަ މިފަދަ ބަދަލާއެކު، ފަޅުތެރޭގެ އޮޔަށް ބަދަލުއައިސް ދިމާވާ ހާދިސާތަކުގެ ސަބަބުން އެފަދަ ތަންތަނުގައި އަޅާފައި އޮންނަ އުޅަނދުފަހަރަށް މީގެ ކުރިންވެސް ގެއްލުންތައް ލިބިފައިވުމާއެކު، އެތަންތަނުގައި އުޅަނދު އެޅުމުގައި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ނަގިލި ކަހާލުން ފަދަ ކަމެއް ދިމާވެދާނެ ކަމަށްޓައި ސަމާލުވެ، ރަނގަޅަށް ބެލެހެއްޓުމަށްވެސް ފުލުހުންވަނީ އެދިފައެވެ.ވިއްސާރަވެ މަގުމަތީގައި ފެންހެދިފައި އޮންނަ ވަގުތުތަކުގައި މަގު ހިނގާ މީހުންނާއި އުޅަނދު ދުއްވާ ފަރާތްތަކުންވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ވަކިން ޚާއްޞަކޮށް މަގުތަކުގައި ފެންހެދިފައި އޮންނަ ވަގުތުތަކުގައި ބާރު ސްޕީޑުގައި ދުއްވުމަކީ ނުރައްކާތެރި ޙާދިސާއެއް ކުރިމަތިވެ، ދުއްވާ މީހާއަށާއި މަގުމަތީގައި ހިނގާ މީހުންނަށް ވެސް އިޢާދަ ނުކުރެވޭފަދަ ގެއްލުމަކާ ކުރިމަތި ވެދާނެ ކަމަކަށް ވާތީ އެކަން ކަމަށްވެސް ރައްޔިތުން ސަމާލުކަން ދިނުމަށް ހުރިހާ ރައްޔިތުންނަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަބަދުވެސް އެޅުމަށާއި މުދަލަށް ލިބޭ ގެއްލުންތައް ކުޑަކުރެވޭ ގޮތަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރުމަށާއި މޫސުން ގޯސްވާ ވަގުތުތަކުގައި ކުރާ ދަތުރުތައް ފެށުމުގެ ކުރިން އެ ދަތުރާބެހޭ މަޢުލޫމާތު ކޯސްޓްގާޑަށާއި ފުލުހުންނަށް ޙިއްސާ ކުރުމަށްވެސް ފުލުހުން ވަނީ ނަސޭޙަތްތެރި ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ